އެމްޑީޕީއަކީ ވަޒީފާގެ ބިރަށް ފަސް ނުޖެހުނު މީހުންގެ ޕާޓީ ކަމަށާއި ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ އެމްޑީޕީގެ ހިތްވަރުގަދަ މެންބަރުންނަށް ކުރެވޭ ބޮޑު މަލާމާތެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ތަރުޖަމާން, ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ އެހެން ވިދާޅުވީ, ރައީސް ސޯލިހުގެ ވާދަވެރި ކެންޑިޑޭޓް, އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ސަރުކާރުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް އެ މަނިކުފާނުގެ ކެމްޕެއިން އޮފީހުން ތުހުމަތުކޮށް ބަޔާނެއް ނެރުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ, އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންގެ ބުރަ މަސައްކަތާއި ހިތްވަރުން 2018 ގައި ނުކުމެ ބަދަލުކުރަން ވޯޓުލީ އެތައް ކަމެއް އިޔާދަކުރަމުންދާ ކަމަށާއި އެކަމުގެ ކަންބޮޑުވުން ވަރަށް ގިނަ މެންބަރުން ފާޅުކުރަމުންދާ ކަމަށެވެ.

އެގޮތުން ވޯޓުލާ ދުވަހު ވޯޓުލުމުން މަހުރޫމު ކުރުމަށާއި ރައީސް ނަޝީދަށް ތާއީދު ހޯދުމަށް ރަށުގައި މަސައްކަތް ކުރުމުން ދުރުކުރުމަށް ދައުލަތުގެ އެކި ވަޒީފާތަކުގައި ތިބި އެ މަނިކުފާނަށް ތާއީދުކުރާ މުވައްޒަފުން, އެ މީހުން ވަޒީފާ އަދާކުރަމުންދާ ރަށް ނޫން އެހެން ރަށްރަށުގެ ވަޒީފާތަކަށް ބަދަލުކުރަމުން ގެންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ބުންޏެވެ.

އަދި ވާދަވެރި ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސަރުކާރުން އެކި ގޮތްގޮތުން ބިރުދައްކަމުންދާ ކަމުގެ ޝަކުވާވެސް ލިބެމުންދާ ކަމަށް ބުނެފައިވެއެވެ. އެގޮތުން ރައީސް ސޯލިހަށް ތާއީދު ނުކުރާ މުވައްޒަފުންނަށް ވަޒީފާގައި ނުތިބެވޭނެ ކަމަށް ބުނެ ބިރު ދައްކަނީ ސީދާ މިނިސްޓަރުން ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ, ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާތަކާއި ހަރަކާތްތަކަށް ދިއުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް އެ ކުންފުނިތަކުގެ އިސްވެރިން އަންގަމުންދާ ކަމަށާއި އެ ހަރަކާތްތަކުގައި ބައިވެރިނުވާ ނަމަ އެ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދެމުންދާ ކަމަށެވެ.

އަދި ރައީސް ސޯލިހުގެ ކެމްޕޭން ހަރަކާތްތައް ހިންގަން ސަރުކާރުގެ އޮފީސްތައް ބޭނުންކޮށް, ސަރުކާރުގެ އިދާރާތަކުގެ އިސް ބައެއް ވެރީން މަގާމުގެ ނާޖާއިޒު ބޭނުން ހިފަމުންދާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ ކެމްޕޭނު އޮފީހުން ބުނީ އެފަދަ އަމަލުތަކަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ހިނގަމުންދިޔަ ކަންތައް ކަމަށާއި 2008 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު އައުމާ އެކު އެފަދަ ކަންތައް ނައްތާލާފައިވާ ކަމަށެވެ. ނަމަވެސް ފަހުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެފަދަ ކަންތައް ހިނގި ކަމަށް ބުނެފައިވެއެވެ.

އެ އޮފީހުގެ ބަޔާނުގައި ބުނީ, އެފަދަ އަމަލުތައް އެމްޑީޕީގެ ސަރުކާރަކުން ދަމަހައްޓާތީ އެކަމާ ކަންބޮޑުވެ އެކަން ކުށްވެރިކުރާ ކަމަށާއި އެމްޑީޕީއަކީ ޑިމޮކްރެޓިކް އުސޫލުތައް ނަގަހައްޓައި, އިންސާނީ ގަދަރާއި ކަރާމާތް ހިމާޔަތްކުރާ ޕާޓީއެއް ކަމަށެވެ.