އިޓަލީގެ ކުރީގެ ފޯވަޑް ޖިއާންލޫކާ ވިއާލީ ކެންސަރު ބަލީގައި މިއަދު މަރުވެއްޖެއެވެ.

އުމުރުން 58 އަހަރުގައި ވިއާލީ މަރުވެފައި ވަނީ ދެވަނަ ފަހަރަށް ކެންސަރާ ހަނގުރާމަ ކުރުމަށްފަހުއެވެ. ފުރަތަމަ 2018 ވަނަ އަހަރު ވިއާލީއަށް ޕެންކްރިއޭޓިކް ކެންސަރު ޖެހި، 17 މަސް ދުވަހުގެ ފަރުވާއަކަށްފަހު ރަނގަޅުވިކަން އިއުލާން ކުރީ 2020 ވަނަ އަހަރުއެވެ. އޭގެ ފަހުން އަނެއްކާވެސް 2021 ވަނަ އަހަރު ދެވަނަ ފަހަރަށް ވިއާލީއަށް ކެންސަރު ޖެހުނުކަން އިއުލާން ކޮށްފައިވާ އިރު، މިދިޔަ މަހުގެ ފަހުކޮޅުގައި އޭނާގެ ހާލު ދެރަވި ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ވިއާލީއަކީ އިޓަލީ ގައުމީ ޓީމާއެކު 1986 އަދި 1990 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު ފޯވަޑެކެވެ. އިޓަލީން 1990 ވަނަ އަހަރު ވޯލްޑް ކަޕް ތިންވަނަ ހޯދި ޓީމުގައި ވިއާލީ މުހިންމު ރޯލެއް އަދާކުރިއެވެ. 1996 ވަނަ އަހަރު ޔުވެންޓަސްއާއެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކުރި ވިއާލީ ވަނީ އިނގިރޭސި ލީގުގެ ޗެލްސީއަށްވެސް ކުޅެފައެވެ.

ފަހުން ޗެލްސީއާއި ވޮޓްފޯޑުގެ ކޯޗުކަމުގައިވެސް ހުރި ވިއާލީއަކީ އިޓަލީން އެންމެފަހުން ޔޫރޯއަށްދިޔަ ޓީމާ ހަވާލުވެހުރި މެނޭޖަރެވެ. އެ މަގާމުގައި މުހިންމު މަަަސައްކަތްތަކެއް ކުރި ވިއާލީ ޔޫރޯ ކާމިޔާބުކުރި އިޓަލީ ޓީމުގެ މެނޭޖަރުކަން ދޫކޮށްލީ ދެވަނަ ފަހަރަށް ކެންސަރު ޖެހުމާ ގުޅިގެންނެވެ.

އިޓަލީ ލީގުގައި ވިއާލީ ހޭދަކުރި މުހިންމު ދުވަސްތައް ސަމްޕްޑޯރިއާގައި ހޭދަކުރި އިރު، އެ ކްލަބުގެ ރަން ދުވަސްތަކުގެ އެންމެ މުހިއްމު ފޯވަޑަކީ ވިއާލީއެވެ.