އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ޗެލްސީ ބަލިކޮށްފިއެވެ.
ޗެލްސީ ދަނޑުގައި ސިޓީން ރޭ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ސިޓީ ދެވަނައިގައި އޮތީ 17 މެޗުން 39 ޕޮއިންޓާ އެކުގައެވެ. އެއްވަނައިގައި އާސެނަލް 17 މެޗުން 44 ޕޮއިންޓާއެކު އޮތް އިރު، ސިޓީން ވަނީ ފަސް ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ.
ސީޒަނުގެ ކުރީކޮޅުގައި ތޯމަސް ޓުޗެލް ފޮނުވާލައި، ގްރަހަމް ޕޮޓާ ކޯޗު ކަމަށް ގެނައި ޗެލްސީން އެންމެފަހުން ލީގުގައި ކުޅުނު 10 މެޗުން މޮޅުވީ އެންމެ ދެ މެޗުންނެވެ. މިއީ 2010 ވަނަ އަހަރަށްފަހު އެ ޓީމުގެ އެންމެ ދަށް ލީގު ފޯމެވެ. އެ ނަތީޖާތަކާއެކު ކުޅުނު 17 މެޗުން 25 ޕޮއިންޓާއެކު ޗެލްސީ އޮތީ ތާވަލުގެ 10 ވަނައިގައެވެ.
މިރޭގެ މެޗަށް ނުކުތްއިރުވެސް ޗެލްސީއަށް އަނިޔާގެ މައްސަލަތައް ބޮޑުކޮށް އޮތްއިރު، ރީސް ޖޭމްސްއާއި މޭސަން މައުންޓްވެސް ފުރަތަމަ 11 ގައި ހިމަނާފައެއް ނުވެއެވެ. މައުންޓްގެ ބަދަލުގައި ކޯޗު ފުރުސަތު ދިނީ މޮރޮކޯއާއެކު ފޯމު ރަނގަޅުކޮށް ވޯލްޑް ކަޕްގައި ފެނިގެންދިޔަ ހަކީމް ޒިޔަޗަށެވެ. ޗެލްސީން ރަނގަޅަށް މެޗު ފެށި ނަމަވެސް އެ ޓީމަށް ކުރީކޮޅުގައި މާޔޫސްކަމާ ކުރިމަތިވީ ރަހީމް ސްޓާލިންނާއި ކްރިސްޓިއަން ޕުލިސިޗަކަށް އަނިޔާވެ ބާލަން ޖެހުމުންނެވެ.
ސްޓާލިންގެ ބަދަލުގައި ޕީއޭ-އެމްރިކް އޮބަމަޔާން ކުޅެން ނުކުތްއިރު، ޕުލިސިޗްގެ ބަދަލުގައި ކުޅެން ނުކުތީ އުމުރުން 19 އަހަރުގެ ކާނޭ ޗުވުއެމޭކާއެވެ.
ޗެލްސީން ސިޓީ ހިފަހައްޓަން ،މެޗުގެ ކުރީކޮޅުގައި ރަނގަޅު މަސައްކަތްތަކެއްކޮށް، އެކަން ކާމިޔާބުވެސް ކުރިއެވެ. ސިޓީގެ ފުރަތަމަ ހަމަލާ ހާފު ނިމެން ދަނިކޮށް ފެނިގެން ދިޔައިރު، އާލިން ހާލަންޑް ކުރިއަށް ދެމިގަނެ ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. ރޭގެ މެޗުގައި ހާލަންޑް ފަރާތުން އިތުރު ރަނގަޅު ހަމަލާއެއް ފެނިގެން ގޮސްފައި ނުވާއިރު، ފުރަތަމަ ހާފުގައި ޗުވުއެމޭކާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ދެވަނަ ހާފަށް ނުކުމެ ސިޓީން ފޯމޭޝަނަށް ބަދަލެއް ގެނެސް ކުޅުން ރަނގަޅު ކުރި އިރު، ހާފުގެ ކުރީކޮޅުގައި ނެތަން އަކޭ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ސިޓީން މެޗުގެ 63 ވަނަ މިނެޓުގައި ލީޑު ނެގީ ރިޔާދު މަހަރޭޒް ޖެހި ގޯލުންނެވެ. އަރިމަތިން ޖެކް ގްރީލިޝް ތިރިތިރީން ހުރަސްކޮށްލި ބޯޅައަށް އަރައި މަހަރޭޒް ބޯޅަ ގޯލަށް ވައްދައިލީ ފަސޭހަކަމާއެކުގައެވެ.
ޗެލްސީން ފަހުންވެސް ގޯލަކަށް މަސައްކަތް ކުރި އިރު، ލެވިސް ހޯލާއި އޮމާރީ ހަޗިންސަންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ. ފަހު ކޮޅުގައި ހޯލަށް ރަނގަޅު ފުރުސަތެއް ލިބި އޭނާ ފޮނުވާލި ބޯޅަ ދިޔައީ މާބޮޑަށް މަތިން ބޭރަށެވެ.
ޗެލްސީގެ އާ މެނޭޖްމަންޓާއެކު ޓީމަށް ބަދަލުތަކެއް ގެންނަމުންދާ މި ދަނޑިވަޅުގައި އެ ޓީމުން ދަނީ ޖެނުއަރީއަށްވެސް ގިނަ ޓްރާންސްފާތަކަކަށް ތައްޔާރުވަމުންނެވެ. އެގޮތުން ޒުވާން ކުޅުންތެރިންގެ ސޮއި ހޯދުމަށް އެ ޓީމުން މަސައްކަތްތަކެއް ކުރަމުންދާ އިރު، އަލަށް މޮނާކޯއިން ސޮއިކުރި ޑިފެންޑަރު ބެނޮއިޓް ބަޑިއަޝީލޭ ވަނީ ރޭގެ މެޗު ބެލުމަށް ދަނޑަށް ގޮސްފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު