ޚަބަރު

މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުމެއް މިމަހު 19 ވަނަ ދުވަހު ރިޔާޒުގައި!

އިމާދު ލަތީފު

އާޖެންޓީނާގެ ލިއޯ މެސީއާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ އައު ކުރިމަތިލުމެއް މިމަހުގެ 19 ވަނަ ދުވަހަށް ޝެޑިއުލްކުރެވިފައިވާ ކަމަށް ސްޕޭނުގެ ކުޅިވަރު ނޫހެއްކަމުގައިވާ މާސާއިން ރިޕޯޓްކޮށްފިއެވެ. މެސީ އާއި ރޮނާލްޑޯ، އެކަކު އަނެކަކާ ދެކޮޅަށް ކުޅޭ މެޗަކީ ސައޫދީ އަރަބިޔާގެ ލީގުން އައްނަސްރާއި އަލްހިލާލުގެ ކުޅުންތެރިން ހިމެނޭ ޓީމަކާއި ފްރާންސްގެ ޕީއެސްޖީގެ މެދުގައި ކުޅެވޭ އެކުވެރިކަމުގެ ޚާއްސަ މެޗެކެވެ.

މިމެޗަކީ ސައޫދީ އަރަބިޔާގެ އައްނަސްރަށް ރޮނާލްޑޯ ސޮއިކުރުމުގެ މާކުރިން އެއްބަސްވެވިފައިވާ މެޗެކެވެ. ހުސްވި އަހަރުގެ ސީޒަނުގެ މެދުތެރެއިން ޕީއެސްޖީގެ ޓީމު މެދުއިރުމައްޗަށްގޮސް ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒުގައި ކުޅެން ހަމަޖެހުނު މެޗެކެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން ޝެޑިއުލަށް ގެންނާންޖެހުނު ބަދަލުތަކުގެ ސަބަބުން މިމެޗު ފަސްކުރީއެވެ. މިހާރު ހަމަޖެހިފައިވަނީ މި ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު މިމެޗު ކުޅުމަށެވެ. މިމެޗަށް ނަގާ ޓީމުގައި އައްނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ހިމެނޭނެއެވެ. އަދި ލިއޯ މެސީވެސް ޕީއެސްޖީގެ ޓީމުގައި ހިމެނޭނެއެވެ.

މިއީ މެސީ އާއި ރޮނާލްޑޯ ފުޓްބޯޅަ ދަނޑުގައި އެކަކު އަނެކަކާ ކުރިމަތިލާ 37 ވަނަ ފަހަރެވެ. އެންމެ ގިނައިން ކުރިމަތިލީ ސްޕޭނުގެ ލީގުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ކުޅުނު މެޗުތަކުގައެވެ. ޔަގީނާގާތަށް ހީކުރެވޭ ގޮތުގައި މިފަހަރުގެ މެޗުވާނީ މި ދެމީހުންގެ އެންމެ ފަހު ކުރިމަތިލުންކަމުގައެވެ. އުމުރުން 37 އަހަރުވީ ރޮނާލްޑޯ، ޔޫރަޕުގެ ފުޓްބޯޅައިން ވަކިވެފައިވާތީ ދެން މިޒާތުގެ ކުރިމަތިލުމެއް ފެނުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

ސައޫދީ އަރަބިޔާގެ ލީގުގައި ރޮނާލްޑޯ ކުޅެނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ. ކުރިއަށް އޮތް ދެ އަހަރު މެސީ ހޭދަކުރާނީ ޕީއެސްޖީގައެވެ. އޭނާގެ ކޮންޓްރެކްޓް ދާދި އަވަހަށް އައުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި ދެމީހުން އެކަކު އަނެކަކާ ދެކޮޅަށް ފެނުން ދެން އެންމެ ކައިރިގޮތަކީ ޕޯޗުގަލް އާއި އާޖެންޓީނާގެ އެކުވެރިކަމުގެ މެޗެކެވެ. ގައުމީ ޓީމުން މި ދެމީހުންވެސް އަދި ރިޓަޔާ ނުކުރެއެވެ.