އެމެރިކާ

ގެވެށި އަނިޔާގެ މައްސަލައެއް ބަލަމުންދާތީ އެމެރިކާ ކޯޗު ބާހޯލްޓާ މަގާމުން ދުރުކޮށްފި

ނިމިގެންދިޔަ ގަތަރު ވޯލްޑް ކަޕް 2022 ގައި އެމެރިކާއަށް ކޯޗުކޮށްދިން ގްރެގް ބާހޯލްޓާގެ މައްސަލައެއް ބަލަމުންދާތީ، ކޯޗުކަމުގެ މަގާމުން އޭނާ ދުރަށް ޖައްސައިފިއެވެ.

އެމެރިކާ ގައުމީ ޓީމުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ބާހޯލްޓާ، 1991 ވަނަ އަހަރު އޭނާގެ އަންހެނުންނަށް ގެވެށި އަނިޔާ ކުރިކަމަށް ބުނާ މައްސަލައެއް ބަލަމުން ދިޔުމާއެކު ގައުމީ ޓީމުގެ ކޯޗުކަން ވަގުތީ ގޮތުން އެންތަނީ ހަޑްސަންއާ ހަވާލު ކޮށްފައިވާ ކަމަށެވެ. 2021 ވަނަ އަހަރުން ފެށިގެން ހަޑްސަންއަކީ އެމެރިކާގެ ކޯޗު، ބާހޯލްޓާގެ އެސިސްޓެންޓް ކޯޗެވެ.

އެގޮތުން އެމެރިކާއިން ކުރިއަށް ކުޅެން އޮތް އެކުވެރިކަމުގެ ދެމެޗުގައިވެސް ޓީމަށް އިރުޝާދު ދޭނީ އުމުރުން 41 އަހަރުގެ ހަޑްސަން ކަމަށް ނިންމާފައިވާ އިރު، އެ ދެމެޗުގައި އެމެރިކާއިން ނުކުންނާނީ ސާބިއާ އަދި ކޮލަމްބިއާއާ ދެކޮޅަށެވެ.

ބާހޯލްޓާއާ ގުޅޭ ގޮތުން އެމެރިކާގެ ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބާހޯލްޓާގެ މައްސަލައިގައި އިދާރާ ތެރޭގެ މުއައްޒަފުންނަށްވެސް ބައެއް ފަރާތްތަކުން ބިރުދެއްކުމުގެ މެސެޖުތައް ދީފައިވާ ކަމަށާއި، އެ ކަންކަންވެސް ބަލައިނުގަނެވޭނެ ކަމަށެވެ.

އެމެރިކާގެ ނޫސްތަކުން ބުނެފައި ވަނީ އެމެރިކާ ކޯޗު ބާހޯލްޓާއަށް، 1991 ވަނަ އަހަރު ހިނގި ކަންތައްތަކުގެ މައްޗަށް ބަޔަކު ބިރު ދައްކާފައިވާ ކަމަށާއި، އެ ބިރު ދެއްކި މީހުންގެ ތެރޭގައި އެމެރިކާ ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ބައްޕަވެސް ހިމެނޭ ކަމަށެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި އެމެރިކާއިން ރަނގަޅަށް ކުޅެފައިވާ އިރު، އެޓީމުން ވަނީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސް، ގަދަ 16 ގައި ކުޅެފައެވެ. ގަދަ 16 ގައި އެމެރިކާ ކެޓީ، ނެދަލޭންޑްސް އަތުން ބަލިވެގެންނެވެ. އެ މެޗުން އެމެރިކާ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.