ހޮރުމުޒް ކަނޑުއޮޅި ބަލަހައްޓާނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ކަމަށް އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް އަދި އެ ގައުމުގެ އިސް ނެގޯޝިއޭޓަރު މުހައްމަދު ބާގިރު ގާލިބާފް މިއަދު ވިދާޅުވެއްޖެއެވެ.

ސްވިޓްޒަލޭންޑުގައި ކުރިއަށްދިޔަ މަޝްވަރާތަކަށް ފަހު އެނބުރި ވަޑައިގަންނަވަމުން މަތިންދާބޯޓުގައި އިންނަވައި އީރާނުގެ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ގާލިބާފް ވިދާޅުވި ގޮތުގައި، ހޮރުމުޒް ކަނޑުއޮޅި ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ދެން ބަދަލެއް ނުވާނެއެވެ. ނަމަވެސް، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ގާނޫނުތަކަށް އީރާނުން ފުރިހަމައަށް އަމަލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްވިޓްޒަލޭންޑުގައި އެމެރިކާއާ އެކު ކުރިއަށްދިޔަ މަޝްވަރާތަކުގައި، ހޮރުމުޒް ކަނޑުއޮޅީގައި ހިނގައިފާނެ ހާދިސާތައް ހުއްޓުވުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި މުވާސަލާތީ ނިޒާމެއް ގާއިމުކުރުމަށް ވަނީ އެއްބަސްވެފައެވެ.

ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ މި މުހިންމު ކަނޑުއޮޅި އަލުން ހުޅުވާލައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ އިގުތިސޯދަށް ކުރިއެރުން ގެނައުމަކީ އީރާނުގެ އުންމީދު ކަމަށް ގާލިބާފް ފާހަގަކުރެއްވިއެވެ. މިއީ ސަރަހައްދީ ކަނޑުދަތުރުފަތުރުގެ ސަލާމަތާ ގުޅޭގޮތުން އީރާނުން ގެންގުޅޭ ރަސްމީ ސިޔާސަތުކަން ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން، ސްވިޓްޒަލޭންޑުގެ މަޝްވަރާތަކުގައި އީރާނުގެ ހިފަހައްޓާފައިވާ އެތައް ބިލިއަން ޑޮލަރެއްގެ ފައިސާ ދޫކޮށްލުމާއި، އީރާނުގެ ތެޔޮ ބައިނަލްއަގުވާމީ ބާޒާރުގައި ވިއްކުމާ ގުޅޭގޮތުން އެމެރިކާއާ އެކު މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަމަށް ގާލިބާފް ވިދާޅުވިއެވެ.

މި މަޝްވަރާތަކަށް ފަހު، ހޮރުމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭ އާ އޮނިގަނޑެއް އެކުލަވާލުމަށްޓަކައި އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީއާ އެކު ގާލިބާފް މިހާރު ވަނީ އޮމާނަށް ވަޑައިގެންފައެވެ.