ސްވިޒަލޭންޑުގައި އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދިޔަ ފަންނީ މަޝްވަރާތައް ނިންމާލައި، ކުރިއަށް އޮތް ތަނުގައި ޑިޕްލޮމެޓިކް ގުޅުން ބަދަހިކުރުމަށްޓަކައި ހަތަރު ވޯކިން ގްރޫޕެއް އެކުލަވައިލަން އެއްބަސްވެއްޖެއެވެ.
އީރާނުގެ ދައުލަތުގެ ނޫސް އެޖެންސީ، އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީ (އިރްނާ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ހުންނެވީ އެ ގައުމުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ގަރީބްއާބާދީއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އެކުލަވައިލަން ނިންމި ހަތަރު ވޯކިން ގްރޫޕުން މަސައްކަތްކުރާނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ނިއުކްލިއަރ މައްސަލަތަކާއި، އާރާސްތުކުރުމާއި އިގްތިސާދީ ތަރައްގީގެ އިތުރުން، އެއްބަސްވުންތައް މޮނިޓަކޮށް ތަންފީޒުކުރުމުގެ މައްޗަށެވެ.
މި މަޝްވަރާތަކަކީ ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ ފަހުމުނާމާ ތަންފީޒުކުރުމުގެ އޮނިގަނޑު އެކުލަވައިލުމަށް ބޭއްވި ބައްދަލުވުންތަކެކެވެ. ކާޒިމް ގަރީބްއާބާދީ ފާހަގަކުރެއްވި ގޮތުގައި، ފަންނީ މަޝްވަރާތައް ނިމުމާއެކު، ދެން މަޝްވަރާތައް ކުރިއަށްދާނީ އަލަށް އެކުލަވައިލި މަތީ ފަންތީގެ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. މި ކޮމިޓީގައި ދެ ގައުމުގެ ސިޔާސީ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މެދުވެރިންގެ ގޮތުގައި ގަތަރާއި ޕާކިސްތާނުން ހަރަކާތްތެރިވި މި މަޝްވަރާތަކުގައި، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ފަހުގެ އެއްބަސްވުމަކާ ހަމައަށް ދިއުމަށް މަގުޗާޓެއް އެކުލަވައިލައިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް މޮނިޓަރކުރާނެ ހާއްސަ ސެލްއެއް އުފެއްދުމަށާއި، ހޮރުމުޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުފަތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށްވެސް މި ބައްދަލުވުންތަކުގައި ވަނީ މަޝްވަރާކޮށްފައެވެ.
މި ފިޔަވަޅުތަކާއެކު، އީރާނާއި އެމެރިކާގެ މަޝްވަރާތައް މިހާރު ވަނީ އާ މަރުހަލާއަކަށް ބަދަލުވެފައެވެ. އަދި ދެން އޮންނާނީ އެކުލަވައިލެވުނު ވޯކިން ގްރޫޕްތަކުގެ މަސައްކަތްތައް ފެށުން ކަމަށް އީރާނުގެ އޮފިޝަލުންނާ ހަވާލާދީ އިރްނާއިން ވަނީ ރިޕޯޓުކޮށްފައެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް