އެމެރިކާއިން ސްރީލަންކާގެ ކަނޑުގެ ސިފައިންނަށް 1.2 ބިލިއަން ރުޕީސް (4 މިލިއަން ޑޮލަރު) ގެ އަގުހުރި ޒަމާނީ ސެޓެލައިޓް މުއާސަލާތީ ނިޒާމެއް ހަދިޔާކޮށްފިއެވެ. މި ނިޒާމު ހަދިޔާކުރިކަން އިއުލާނުކޮށްފައިވަނީ ކޮލަމްބޯ ބަނދަރުގައި އޮތް ސްރީލަންކާގެ މަނަވަރު 'އެސްއެލްއެންއެސް ގަޖަބާހޫ' ގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެމެރިކާގެ އެމްބަސީން ބުނި ގޮތުގައި، 'ކޮބްހަމް' އަދި 'އިންމާސެޓް' އިން އުފައްދާފައިވާ މި 'ފްލީޓް ބްރޯޑްބޭންޑް' ނިޒާމު ހަރުކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ އޮފްޝޯ ޕެޓްރޯލް އުޅަނދުތަކުގައެވެ. މި ޓެކްނޮލޮޖީގެ ސަބަބުން އައްސޭރިފަށާ ދުރުގައި ހަރަކާތްތެރިވާއިރުވެސް، އުޅަނދުތަކުގެ މެދުގައާއި އެއްގަމާ ދެމެދު ރައްކާތެރިކަމާއެކު މުއާސަލާތުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްބަސީން ފާހަގަކުރިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޕޯލް ކަޕޫރު ވިދާޅުވި ގޮތުގައި، މިއީ ސްރީލަންކާގެ ކަނޑުގެ ސިފައިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ނިޒާމުގެ ސަބަބުން ކަނޑުމަތީގައި މުއާސަލާތު ކެނޑުމުގެ މައްސަލައަށް ހައްލެއް ލިބި، ކުއްލި ހާލަތްތަކުގައި އަވަހަށް ފިޔަވަޅު އެޅުމަށާއި، އިންޑިއާ ކަނޑުގައި ހިނގާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސްރީލަންކާގެ ޑެޕިއުޓީ މިނިސްޓާ އޮފް ޑިފެންސް، ރިޓަޔާޑް މޭޖަރ ޖެނެރަލް އަރުނަ ޖަޔަސޭކަރަ އާއި ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވައިސް އެޑްމިރަލް ކަންޗަނަ ބަނަގޮޑަ ބައިވެރިވެވަޑައިގަތެވެ.

ސްރީލަންކާގެ އޮފިޝަލުން ފާހަގަކުރެއްވި ގޮތުގައި، މި ނިޒާމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުވެ، ސަރަހައްދީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.