ޕޯޗުގަލްގެ ތަރި، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެދުނީ އެހެން ކުޅުންތެރިންނާ ތަފާތުނުކޮށް، ވަކި ހާއްސަ ކަންތައްތަކެއް ނުކުރުމަށް ކަމަށް ސައުދީ އަރަބިއާގެ އަލް ނަސްރުގެ ރައީސް، މުސައްލީ އަލް މުއައްމާރު ވިދާޅުވެއްޖެއެވެ.
އުމުރުން 37 އަހަރުގެ ރޮނާލްޑޯ، ސައުދީ އަރަބިއާގެ ފުރަތަމަ ޑިވިޝަން ކްލަބެއް ކަމަށްވާ އަލް ނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ދައްކާލައިފައިވާ އިރު، ރޮނާލްޑޯ ވެގެންދާނީ އޭޝިއާ ލީގެއްގައި ކުޅޭނެ އެ ފެންވަރުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. އަލް ނަސްރުން ބުނީ ރޮނާލްޑޯގެ ޓްރާންސްފާއަކީ މުޅި ސައުދީގެ ފުޓުބޯޅަ ކުރިމަގަށް ބަދަލުތަކެއް ގެނުވާނެ ޓްރާންސްފާއެއް ކަމަށެވެ.
އަލް ނަސްރާއެކު ރޮނާލްޑޯ ސޮއިކޮށްފައިވަނީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ނަސްރުގެ އެއްބަސްވުމާއެކު ރޮނާލްޑޯއަށް އަހަރަކު 177 މިލިއަން ޕައުންޑްގެ މުސާރައެއް ޖެހޭނެ ކަމަށެވެ.
އެ ޓްރާންސްފާގެ ކަންކަމަށް ވާހަކަދައްކަމުން ކްލަބުގެ ރައީސް މުއައްމާރު ވިދާޅުވީ، ފުރަތަމަ ދެކެވުނު ވާހަކައިގައިވެސް ރޮނާލްޑޯ އެދުނީ ކްލަބުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރުމަށް ކަމަށާއި އެހެން ކުޅުންތެރިންނަށް ލިބިދޭނެ ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ކަމަށެވެ.
"އަހަރެމެން ރޮނާލްޑޯއާ ވާހަކަ ދެކެވެމުންދިޔަ އިރު، ރޮނާލްޑޯ ބުނީ އެހެން ކުޅުންތެރިންނާ އެއްގޮތަކަށް ކަންކަން ކުރުމަށް. ހާއްސަކޮށް ބޯނަސް ފައިސާއާއި ހަދިޔާ ދިނުމުގައިވެސް އެއް ހަމައެއް ގެންގުޅެން ރޮނާލްޑޯ އެދުނު. އަދި ކްލަބުގެ އޮނިގަނޑުން ކަންކަން ފަހިކުރުމަށްވެސް އެދުނު،" މުއައްމާރު ވިދާޅުވިއެވެ.
ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯއަކީ ޔޫރަޕްގެ ރެކޯޑު ގޯލު ޖެހުންތެރިއެކެވެ. ރޮނާލްޑޯ ބޮޑު މުސާރައިގައި އަލް ނަސްރަށް ގޮސްފައިވާ އިރު، ކްލަބުގެ ރައީސް މުއައްމާރު ވިދާޅުވީ ރޮނާލްޑޯގެ މުސާރަ ބޮޑު ނަމަވެސް، އެ އެއްބަސްވުމަކީ ވިޔަފާރީގެ އެތައް ގޮތަކަށް ބަލައި އެކުލަވާލައިފައިވާ އެއްބަސްވުމެއް ކަމަށެވެ. އެގޮތުން ރޮނާލްޑޯ ގެންދިއުމުގެ ހަމައެކަނި ބޭނުމަކީ ފުޓްބޯޅަ ނޫން ކަމަށްވެސް އަލް ނަސްރުގެ ރައީސް މުއައްމާރު ވިދާޅުވިއެވެ.
"ރޮނާލްޑޯގެ ބޭނުން ހަމައެކަނި ހިފޭނީ ފުޓުބޯޅައިގައި އެކަންޏެއް ނޫން. ރޮނާލްޑޯ ގެންދިއުމުގެ އެއް ބޭނުމަކީ އޭނާގެ ފަރާތުން ކްލަބުގެ އެކަޑެމީއަށްވެސް ފައިދާތަކެއް ހޯދައި، ކްލަބުގެ ތާރީހަށްވެސް ކަންކަން ކުރުމަށް. އަދި ހާއްސަކޮށް ދުނިޔޭ ފުޓުބޯޅައިގައި ކްލަބުގެ ސަޕޯޓަރުން އިތުރު ކުރުންވެސް އެއީ ރޮނާލްޑޯ ގެންދިޔަ އެއް ބޭނުން،" މުއައްމާރު ވިދާޅުވިއެވެ.
އަލް ނަސްރަށް ސޮއިކޮށް ރޮނާލްޑޯ ބުނީ ސައުދީގެ އިތުރުން އެހެން ގައުމުތަކުންވެސް ހުށަހެޅުންތައް ލިބުނު ކަމަށާއި، އަލް ނަސްރަށް ސޮއިކުރީ އެ ކްލަބަށް އިތުބާރު ދެމެހެއްޓުމަށް ކަމަށެވެ. އަދި ސައުދީ ލީގަކީ ވާދަވެރި ލީގެއް ކަމަށާއި، މިހާ ހިސާބުން ކެރިއަރު ނިމުނީ ނޫން ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ