އެމްޑީޕީގެ އަސާސްތައް ދެން ނެގެހެއްޓޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މައި ހަރުގޭގައި ރައީސް ސޯލިހުގެ ރިޔާސީ ޕްރައިމަރީ ކެޕްމޭން ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި "ކުރިއަށް އިބޫ 2023" ޖަލްސާގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، ރައީސް ސޯލިހުގެ އެންމެ ރަނގަޅު ސިފައަކީ އެމަނިކުފާނު ކަންކަމަށް ގޮތް ނިންމަވާ އިރު، ވިސްނުމަށް ހަރުދަނާ ނިންމެވުމެއް ނިންމަވާ ސިފަ ކަމަށެވެ. އެމްޑީޕީގެ މެމްބަރުން ވަނީ އެއީ ރިޔާސީ ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފައެއްކަން ފާހަގަކުރައްވާފައި ތައުރީފު ކުރައްވާފައި ކަމަށެވެ.
މީކާއީލް ވިދާޅުވީ އެމްޑީޕީން 2023 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ނެރެން ބޭނުންވާ ކެންޑިޑޭޓުގެ ކިބައިގައި ވެސް އެ ސިފަތައް ހުންނަވަން ޖެހޭ ކަމަށް ގަބޫލުކުރާތީ ބޭނުންވަނީ ރައީސް ސޯލިހު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކަމަށެވެ. އަދި ވިދާޅުވީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި މެމްބަރުން ވިދާޅުވެފައިވަނީ، އެއީ ސަރުކާރު މެމްބަރުން ކަމަށާއި ނަމަވެސް މިހާރު އެ މަންޒަރު ބަދަލުވެފައިވާ ކަމަށެވެ.
"ފާޑު ކިޔަންވާނެ، ކިތަންމެ ވަރަކަށް ވެސް ފާޑު ކިޔަންވާނެ. އެހެންނަމަވެސް ފާޑު ކީކީނުން އަޅުގަނޑުމެންނާ އެކީގައި ނުތިބެވޭނެ މިންވަރަށް ފާޑު ކީކީނުން މި ޕާޓީގެ އަސާސީ ގަވާއިދުގައި އަޅުގަނޑުމެންގެ މެމްބަރުން، އަޅުގަނޑުމެން އަމިއްލައަށް ލިޔެފައިވާ އުސޫލުތައް މުގުރާ ހިސާބަށް ދިޔައީމަ، އެއަކީއެއް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަމައެއް ނޫން. އެއީ އަޅުގަނޑު ގަބޫލުކުރާ ފާޑު ކިޔުމުގެ ހައްދެއްވެސް ނޫން. އަޅުގަނޑު މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވަން މި ނިންމަނީ އަދި ނިންމައިގެން މިހުރީ އެއީ މި ޕާޓީގެ އަސާސްތަކާއި އުސޫލުތައް، ލިޔެވިފައިވާ އަސާސްތަކާއި އުސޫލުތައް ދެން ނެގެހެއްޓޭނީ އެމަނިކުފާނާ އެކުގައި ކަމަށް އަޅުގަނޑަށް ޔަގީން ކުރެވޭތީ،" މީކާއީލް ވިދާޅުވިއެވެ.
އެމްޑީޕީން ޕްރައިމަރީއެއް ބާއްވަނީ އެންމެ ކަމުވޮށިގެންވާ އާއިލާއަކުން ވާދަކުރައްވާ ބޭފުޅަކު ހޮވަން ނޫންކަމަށް މީކާއީލް ވިދާޅުވިއެވެ. ޕްރައިމަރީއެއް ބާއްވަނީ، ޕްރައިމަރީ ނިމުމުން ދެން އޮންނަ އިންތިހާބެއް ކާމިޔާބުކުރެވޭނެ ކެންޑިޑޭޓެއް ހޮވަން ކަމަށެވެ. އަދި އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު އެންމެ ބޮޑީ ރައީސް ސޯލިހާއެކު ކަމަށް ވާދަވެރި ކެންޑިޑޭޓުންގެ ޓީމުން ވެސް ގަބޫލުކުރައްވާ ކަމަށް މީކާއީލް ވިދާޅުވިއެވެ.
މީކާއީލް ވިދާޅުވީ އެމްޑީޕީ މެމްބަރުން އަލުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ބިރުވެރިކަމާއި ނާމާންކަމާ ކުރިމަތިލާން ބޭނުންނުވާ ކަމަށެވެ. އަދި އެކަންކަން ދެން ތަހައްމަލު ނުކުރެވޭނެ ކަމަށާއި އެހެންކަމުން ދެން އިތުރަށް އެ ފުރުސަތު ދޭން ބޭނުންނުވާ ކަމަށް މީކާއީލް ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑުމެން މިތިބީ ވިނިން ކެންޑިޑޭޓެއްގެ ފަހަތުގައި. އަޅުގަނޑުމެން މިތިބީ އިލެކްޓަބަލް ކެންޑިޑޭޓެއްގެ ފަހަތުގައި. އަޅުގަނޑުމެން މިތިބީ ތަފާތު ހިޔާލުތަކުގެ ތަފާތު ފިކުރަތަކުގެ މީހުން އެއް ކުރެވޭނެ ހިކުމަތްތެރި ކެންޑިޑޭޓެއްގެ ފަހަތުގައި،" މީކާއީލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު