އެކިއުމުރުގައި ދާއިރާގެ އެކިއެކި ބައިތަކުން ވަނީ ރަން ވަނަތައް ހާސިލު ކޮށްފައެވެ. އަންހެނުންގެ މަސައްކަތްތެރިކަމުގެ މައުރަޒެއް ނުވަތަ ފެހުމާއި ޖަރީ ޖެހުމުގެ މަަސައްކަތްތަކުން ބާއްވާ އެއްވެސް އެކްސްޕޯއެއްގައި މި ނަން އަޑު ނީވޭ ފަހަރެއް ނުދެއޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ. ދިވެހި އަންހެނުންނަށް ހުރި ނަމޫނާ މިސާލެކެވެ. ދުނިޔެއަށް ވެސް ހުރި ރިވެތި މިސާލެކެވެ.
ހަޔާތުގެ ދަތުރުގައި ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކޮށް ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވުމަކީ ހިންމަތާއި މިންނަތުން މަސައްކަތްކޮށްފިނަމަ ކޮންމެ އިންސާނަކަށްވެސް ކުރެވިދާނެ ކަމެއްކަން، ހ. ޝަފީގުގޭ އައިޝަތު ޝަފީގު، އާންމު ނަމުން ނަމަ އައިސްތު އަންނަނީ ވަރަށް ކުރީއްސުރެ ސާބިތު ކޮށްދެމުންނެވެ. ނުހަނު އުނދަގުލުން ކުރެވޭ، ކަވި ގިނަގުނަ މަސައްކަތްތަކެއް ކުރުމުގައި އައިސްތަކީ މުޅި ރާއްޖެއިން ނަން ވިދާލާ އަލިގަދަ ތަރިއެކެވެ. ފެހުމާއި މާޖެހުމާއި ޖަރީ ކުރުމަކީ އައިސްތުގެ އެންމެ ފާހަގަ ކޮށްލެވޭ ދާއިރާއެވެ.
މަންމަޔާއި ބައްޕަގެ 12 ކުދީންގެ ތެރެއިން 9 ވަނަޔަށް އުފަންވި އައިސްތުއަށް އުމުރުން އެންމެ 10 މަހުގައި އެހެން ފަރާތެއްގެ އެހީއެއް، ސަޕޯޓެއް ނެތި ހިނގާން ފެށުނެވެ. ދުވެދުވެ އުޅުނު ތުއްތު ތުއްތު އައިސްތުއަށް އަހަރު ފުރުނުތަނާހެން އައި ގަދަ ހުމަކާއެކު ހިނގުމުން މަހުރޫމުވިއެވެ. ޕޯލިއޯ ބަލީގެ ޝިކާރައަކަށް ވީ އެވެ. އެހެންނަމަވެސް މިއީ ކިހާވަރެއްގެ ކަމެއްކަމެއް އިހުސާސް ކުރެވޭ ވަރަށްވުރެ އައިސްތު އެއިރު މާ ކުޑައެވެ. އެހެންކަމުން ގޭގައި އުޅުނު އެ ފުރައިގެ އެހެންކުދިންނާ އެކު ދަނޑިގަނޑުގެ އެހީގައި ދުވެ، ކުޅެ ހަދަމުން ދިޔަ އިރު އައިސްތުއަކީ އެހެން ކުދީންނާ ތަފާތު ކުއްޖެއްކަމުގެ އިހުސާސް އެއްވެސް މިންވަރަކަށް އޭނާއަކަށް ނުކުރެވެއެވެ. ކުޑަ ކުޑަ އައިސްތުގެ "ދުނިޔެ" އެއަށްވުރެ މާ އުފާވެރި އެވެ. މާ ހިތްގައިމެވެ. އެހެންނަމަވެސް ބޮޑުވަމުން ދިޔަ ދިޔަހެން އެހެން ކުދިން އުޅޭގޮތަށް ނޫޅެވޭކަމާއި އޭނާޔަށް ހާއްސަ ހާލަތެއް ދިމާވެފައިވާކަމުގެ އިހުސާސް ކުރެވެން ފެށި އެވެ. އެހެންކަމުން ބަސްމަދުވެ، ހިމޭންވެ، ނެގިމަޑުފައި އިންނަ ވަގުތުތައް ގިނަވާން ފެށިއެވެ. އޭނާގެ މުޅި ހަޔާތް ފުރުޅޮލީ ގޮނޑިއެއްގައި ހޭދަކުރަން މަޖުބޫރު ވެފައިވާ ކަމުގެ ހިތްދަތިކަމާއި މާޔޫސްކަން ހިތަށް ވެރިވާން ފެށިއެވެ.
އެހާ ޅަ އުމުރުގައި އެފަދަ ދެރަ ގޮތެއް ދިމާވުމަކީ އައިސްތުގެ މައިންބަފައިންނާއި މުޅި އާއިލާއަށް ވެސް ލިބުނު ނުހަނު ބޮޑު ދެރައަކާއި ހިތާމަ އެކެވެ. އެ ދުވަހުން ފެށިގެން މިއަދާއި ހަމަޔަށް ވެސް އާއިލާގެ ހުރިހާ މެންބަރުންނަށް ވެސް އެންމެ ހާއްސަ ފަރާތަކީ އައިސްތު ކަމުގައި ވިއެވެ. ވަކީން ހާއްސަކޮށް އައިސްތުގެ ދޮންބޭބެ އަކީ، އައިސްތުގެ ހުރިހާ ކަމެއްގެ އެންމެ އިސް ފަރާތެވެ. އެންމެ ކުދިކުދި ކަންކަމުން ފެށިގެން ދިމާވާ އެންމެ ބޮޑެތި ކަންކަން ވެސް ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން، އެހެންކުދިންނާ އެއްވަރު ކުރުވުމަށް އެކްސްޓްރާ މަސައްކަތް، ނުހަނު ލޯތްބާއެކު ކޮށްދެއްވާކަން އައިސްތު ހިތުގެ ހާލިސްކަމާއެކު ފާހަގަކުރިއެވެ. ހަމައެހެންމެ އައިސްތުގެ ހަގަށް ތިބި ދެ ކޮއްކޮއަކީ މެޑިކަލް ދެ ޑޮކްޓަރުން ކަމުގައިވުމީ، އައިސްތު ދުޅަހެޔޮ ދިރިއުޅުމެއް ބައްޓަން ކުރުމަށް މެދުވެރިވި ނުހަނު ބޮޑު ނަސީބެކެވެ. ދެ ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާއެކު އައިސްތުގެ ސިއްހީ ހުރިހާ ކަމެއް ވަރަށް ފުރިހަމަޔަށް އިންތިޒާމުވެފައި ވާކަން އޭނާ ނުހަނު އުފަލާ އެކު ފާހަގަ ކުރި އެވެ.
އެންމެ ތުއްތު އުމުރުގައި ދިމާވި ހާލަތުގެ ސަބަބުން އައިސްތުގެ ތައުލީމީ ހަޔާތުގައި ސްކޫލަކަށް ދިޔުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް މަންމަޔާއި ބައްޕަގެ އިރުޝާދާއި ލަފާގެ މަތިން އާއިލާގެ އެހީތެރިކަމާއެކު ގްރޭޑް 7 ގެ ފެންވަރަށް އައިސްތު ވަނީ ތައުލީމު ހާސިލު ކޮށްފައެވެ. ހަމައެހެންމެ އޮސްޓަރޭލިޔާއިން އިންގްލިޝް ޕްރޮފެޝަންސީ ކޯހެއް ފުރިހަމަކޮށްފައިވާ ކަން އޭނާ ވަރަށް އުފަލާއެކު ފާހަގަ ކުރިއެވެ.
ޅައިރުގެ ހަނދާންތައް ހިއްސާ ކުރަމުން، ކުޑައިރު ބޭން ބަލަން ދާއިރު އައިސްތުއަށް ކުރިމަތިލާން ޖެހުނު ހާދިސާތައް ވަރަށް ތަފްސީލުކޮށް އޭނާ ކިޔައި ދިނެވެ. އައިސްތުގެ ނުކުޅެދުންތެރިކަމުގެ ސަބަބުން (ބުލީ)ގަނާ ނުވަތަ ދިމާކުރުން ފަދަ ކަންތައްތަކުގެ ޝިކާރައަކަށްވީ ގޮތް ނުހަނު އަސަރާއެކު ހިއްސާ ކުރިއެވެ. އެ އުމުރުގެ އެހެން ކުދީންނެކޭ އެއްފަދައިން ހިތްއުފާވާފަދަ ކަންކަން ކުރުމަށް އިންތިހާއަށް ބޭނުން ވީ ހިނދު، އެ ތުއްތު ހިތް ކަތިލެވެމުން ދިޔަ ގޮތް ހެވިފައި އިނދެގެން ހިއްސާ ކުރަމުން ދިޔަ ނަމަވެސް، އެ ލަފުޒު ތަކުގައި ހުރި ވޭން ވަރަށް ސާފުކޮށް ހާމަވަމުން ދިޔައެވެ. މިފަދަ ކަންތައްތައް އޭރު ދިމާވަނީ ހަގީގަތުގައި އެޒަމާނަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ ބެހޭ މާބޮޑު މައުލޫމާތުތަކެއް މީހުންނަށް ނޭނގޭ ދުވަސްވަރެއްކަމުން، ހޭލުންތެރިކަން ކުޑަކަމުންނެވެ.
"އަޅުގަނޑު ވަރަށް ޕެރޭޑު ބަލަން ދާ ހިތްވޭ. ބޭބެއާއި ކޮއްކޮމެން ފްލޫޓޫ ފުމެލާ ތަން ބަލާ ހިތްވާތީ. ގޭގަ ކިޔަވަން ތިބޭ ކުދީން އަޅުގަނޑަށް އެހީވާނެ. އުރާލައިގެން ގެންދާނީ. ބޭން ބަލަން ގޮސްފަ އަޅުގަނޑު އަންނާނީ އުފަލަކުން ނޫން. ގެއަށް އައިސް ވަރަށް ރޯނެ. އެކަމަކު ރޮއި ރޮއިފަ އަނެއްކާވެސް ހަނދާނެއް ނުހުންނާނެ. އަނެއްކާ އަނެއް އަހަރުވެސް އަޅުގަނޑު ދާނެ. ދެން އަޅުގަނޑު ފުރާވަރަށް އަރަމުން އައިއިރު ބައްޕާފުޅު އެއްދުވަހަކު ވިދާޅުވީ ބައްޕާފުޅާއެކު ދާންހިނގާށޭ، ބައްޕާފުޅާއެކު ދިޔައީމާ މީހުން ނުކިޔާނެއޭ، އެއީ ތެދެއްމެ."
"ވަރަށް ކުޑައިރު ފަށައިފިން، 8 އަހަރުގައިވެސް، ފަހާފޮށި ކައިރީ މަންމަ އިންނަވާއިރު އަޅުގަނޑުވެސް އެތަނުގައި އިންނަން. ދެން އަތުން ފަހަން ފެށީ. ދުވަހަކުވެސް އަޅުގަނޑުގެ އަތަށް ތިނޯހެއް ހެރުނު ހަނދާނެއް ނުވޭ."އައިޝަތު ޝަފީގު
ބަލި ކުއްޖަކު އުރާލައިގެން މީހަކު ދާތަން ފެނުނީމާ "އޭހޭ މަވެސް އުރާލަބަލަ." މިފަދައިން ގޮވައި އަޑުލައި ފޮށުމަކީ ދިވެހީންގެ ރިވެތި ނަމަށް ވެސް ހުތުރު ވާފަދަ ދަށު ދަރަޖައިގެ ހަޑި ހުތުރު އަމަލެކެވެ. އައިސްތުގެ ބައްޕަ އައިސްތު ގޮވައިގެން ދިއުމުން އެއިން މީހަކަށް ހޯއްޔޯއް ގޮވަން ނުކެރެއެވެ. އެހެންނަމަވެސް އައިސްތުގެ ބައްޕަޔަކީ ވަރަށް ގިނައިން މާލެއިން ބޭރުގައި އުޅުއްވާ ބޭފުޅަކަށްވާތީ، އައިސްތުއަށް ބޭން ބަލަން ދެވެނީ ބައްޕަ މާލޭގައި އުޅުއްވާ ދުވަސްތަކާ ދިމާވާ ފަހަރުއެވެ.
އައިސްތު އެންމެ ތުއްތު އިރުވެސް މަންމަ ފެހުމުގެ މަސައްކަތް ގޭތެރޭގައި ކުރާތަން ފެނެއެވެ. ފެހުމުގެ މަސައްކަތަށް ޝައުގު އުފެދުމުގެ މައިގަނޑު ސަބަބަކީ އެއީ ކަމަށް ވެދާނެ ކަމުގައި އައިސްތު ބުންޏެވެ. "ވަރަށް ކުޑައިރު ފަށައިފިން، 9 އަހަރުގައި ވެސް ފަހާފޮށި ކައިރީ މަންމަ އިންނަވާއިރު އަޅުގަނޑުވެސް އެތަނުގައި އިންނާނެ. ދެން އަތުން ފަހަން ފެށީ. މަންމަމެން އަޅުގަނޑަކީ ކުޑަކުއްޖެއް ވީމަ ވަރަށް ދުރުކުރަން އުޅޭނެ، ފައިން ފަހާފޮށީގެ ފާލުގައި އަޅަން އުނދަގޫވުމުން އަތުން އަނބުރައިގެންވެސް ފަހަން ބޭނުންވީ. ދުވަހަކުވެސް އަޅުގަނޑުގެ އަތަށް ތިނޯހެއް ހެރުނު ހަނދާނެއް ނުވޭ." އައިސްތަށް މި ހުނަރުވެރި ހާއްސަ މަސައްކަތުގެ ތެރެއަށް ވަދެވުނު ގޮތް ހިއްސާ ކުރަމުން ކިޔައިދިނެވެ.
އައިސްތުގެ މުޅި އާއިލާ އޮތީ އައިސްތުގެ މި ފަންނީ މަސައްކަތުގައި، ކުރިއަށް ދެވެން އޮތް އެންމެ ދުރަށް، އެންމެ އުހަށް ގެންގޮސްދިނުމަށް ތައްޔާރަށެވެ. އެންމެ ތުއްތު އިރުން ފެށިގެން ވެސް މަންމަ އާއި ބައްޕަގެ ހުރިހާ ސަމާލުކަމެއް އެންމެ ފުރިހަމައަށް ދިނެވެ. އައިސްތުގެ އާއިލާއަކީ ނުހަނު ބޮޑު އާއިލާއަކަށް ވީހިނދު މުޅި އާއިލާގެ އެންމެހައި މެންބަރުން ވެސް، އައިސްތަށް ނުކުރެވޭ ކަންތައް ފާހަގަކޮށް އަބަދުމެ އެހީތެރިވެދޭކަން އޭނާ ނުހަނު ޝުކުރުވެރިކަމާ އެކު ފާހަގަ ކުރެއެ އެވެ. ޝަފީގު ގެއަކީ އަބަދުވެސް އެކި ރަށްރަށުގެ މީހުންވެސް ވަރަށް ގިނައިން އުޅޭ ގެއެކެވެ. ހަމައެހެންމެ އެ ގޭގެ އަވަށްޓެރީންނާ ވެސް ނުހަނު ގާތްގުޅުމެއް އޮވެއެވެ. މި ދެންނެވުނު ހުރިހާ ފަރާތްތަކުން ވެސް އައިސްތާ މެދު އާދަޔާ ހިލާފު ގާތްކަމެއް ބަހައްޓާކަން ފާހަގަ ވެއެވެ. ކުރު ގޮތަކަށް ބުނާނަމަ އައިސްތުގެ ވަށައިގެން ވަނީ ލޯތްބާއި ކުލުނުން ފުރިގެންވާ ހަންހާރަވެތި ހިތްފަހި މާހައުލެކެވެ. ލޯތްބާއި އަޅައިލުމާއި އޯގާތެރިކަމުން ބިނާކުރެވިފައިވާ ވެއްޓެކެވެ.
ޝަފީގުގޭގެ ބޮޑު ކޮޓަރިއަކީ ހަމައެކަނި އައިސްތުގެ ފެހުމުގެ މަސައްކަތަށް ހާއްސަ ކުރެވިފައިވާ މާލަމެކެވެ. އެތަނުގައި ބެހެއްޓިފައިވާ ފަހާފޮށި ހުންނަނީ ވަކި ހާއްސަ ގޮތަކަށް ފަރުމާ ކޮށްފައެވެ. ގޮނޑިއާއި މޭޒާއި މިފަދަ ކޮންމެ އެއްޗެއް ފަރުމާ ކުރެވި ތަރުތީބު ކުރެވިފައިވާ ގޮތުން އެއީ އައިސްތުގެ ހިދުމަތަށް ހާއްސަ ކުރެވިފައިވާ ތަކެތިކަން ހާމަވެއެވެ. ބަރަނީގެ ވެސް ހުރިހާ ވައްތަރަކާއި ހުރިހާ ކުލައެކެވެ. އިންޓަވިއު ކުރިއަށް ގެންދިޔަ ވަގުތު އެއްޗެއް ފަހައި ދެވިދާނެތޯ އަހާލުމުން ފަހާފޮށި ކައިރިއަށް ގޮސް ވީލްޗެއާގައި ފައިބައިގެން ފޮށިކައިރީގައި އިށީނދެ ފަރިތަކަމާއެކު ހަމަ އެންމެ ހަރަކާތަކުން ތިނޯހަށް ރޮދި ލައްވައިލުމަށް ފަހު މަސައްކަތް ފެށިއެވެ. ނުހަނު ޝައުގާ އެކީގަ އެވެ.
"އަޅުގަނޑު ފަހަތަކަށް ނުޖެހޭނަމޭ ކުރިއަށް ހަމަ ދާނީ. ބޭނުންވަނީ ދުނިޔޭގެ އެވޯޑަކަށް އަޅުގަނޑުގެ ނަން ހޮވިގެންދިއުން، ދުނިޔޭގެ އެވޯޑެއް ލިބުން."އައިޝަތު ޝަފީގު
އުމުރުން އެންމެ 10 އަހަރުގައި ބައްޕަ ދެއްވި އާދައިގެ ކަރަންޓު ފަހާފޮށްޓަކުން ފަހަމުން ގެންދިޔަ އެވެ. އައިސްތުގެ އުމުރުން 13 އަހަރުގައި، 1979 ގައި ދޮންބޭބެ ކިޔަވައިގެން ވަޑައިގެންނެވި އިރު ހަދިޔާއެއްގެ ގޮތުގައި ގެނެސްދެއްވި ފެހުމާއި މާޖެހުމުގެ މަސައްކަތް ވެސް ކުރެވޭ ފަހާފޮށީގެ އެހީގައި ފެހުމުގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބުނެވެ. އައިސްތު ބުނިގޮތުގައި މަސައްކަތް ފެށި އިރަކީ، ދަނޑިގަނޑު ޖަހައިގެން އާއިލާގެ ކޮންމެވެސް މީހެއްގެ އެހީގައި އުޅުނު ދުވަސްވަރު ކަމަށްވާތީ، ފެހުމަށް ބޭނުންވާ ތަކެތި ހޯދުމަށް ވަރަށް ދަތިވި އެވެ. އެހެންނަމަވެސް މިއަދު މިވަނީ ހާލަތު ބަދަލު ވެފަ އެވެ. ކޮއްކޮއެއްގެ ފަރާތުން ލިބުނު އެންމެ ޒަމާނީ އެމްބްރޮއިޑަރީ ކޮމްޕިއުޓަރު ފަހާފޮށި ވެގެން ދިޔައީ، އައިސްތުގެ މި މަސައްކަތް ފުޅާ ކުރުމަށް ހުޅުވުނު ވަރަށް ފަހި ދޮރެއް ކަމުގައެވެ.
އައިސްތުގެ މި ހުނަރުވެރި މަސައްކަތުގެ ދިގު ތާރީހުގައި، ގާތްގަނޑަކަށް ހުރިހާ ވައްތަރެއްގެ ހެދުމަށް ވެސް ވަރަށް ގިނަ އޯޑަރު ލިބެމުން ދެއެވެ. ހަވީރީ ހެދުން، ކުދި ހެދުން، ބޭބީ ސެޓް، ވެޑިން ޑުރެސް، ޕާޓީ ހެދުން ފަދަ އެތައް ވައްތަރެކެވެ. ފެޝަން ޑިޒައިން ފޮތްތަކުގައިވާ ފަރުމާތައް ބަލައިގެން އަމިއްލަ ފަރުމާތަކަށް މާޖަހައި ޖަރީކޮށް ހެދުންތައް ތައްޔާރު ކުރަމުން ގެންދިޔައީ މީހުން އާޝޯހުވާހާ ޗާލުކޮށެވެ. ތަފާތު އެކި މުބާރާތްތަކަށް ތައްޔާރު ކުރާ ހެދުންތަކަށް ކެނޑިނޭޅި ލިބެމުން ދިޔަ ރަންވަނަތައް މިކަމުގެ ސާފު ހެއްކަކަށް ފުދެއެވެ. ކޮންމެ މައުރަޒަކުން ކޮންމެ މުބާރާތަކުން ފެހުމާއި މާޖެހުމާއި ޖަރީ ކުރުމުގެ ބައިން 1 ވަނަ 2 ވަނަ 3 ވަނަ ހޯދަމުން ކާމިޔާބީގެ ހަރުފަތްތައް ގިރާކުރަމުން ގެންދަނީ ނުހަނު ފަހުރުވެރިކަމާއެކުގައެވެ.
މި ދެންނެވި ކުޅަދާނަ ގާބިލު ހުނަރުވެރިޔާގެ އެންމެ ފާހަގަކޮށްލެވުނު އެއްކަމަކީ މިޒަމާނުގައި އެންމެ ހިނގާ މަންސަ ކަމުގައިވާ މީސް މީޑިޔާގައި އައިސްތުގެ އެކައުންޓެއް ނެތުމެވެ. ފޮލޯވާސް ތިބޭނީ އެކައުންޓެއް އޮވެގެންތާއެވެ. މިއަދު އެންމެ މަޝްހޫރު މަންސަތައް ކަމަށްވާ ފޭސްބުކް، އިންސްޓަގްރާމް، ޔޫޓިއުބް، ޓިކްޓޮކް މިނޫން ވެސް އެއްވެސް މަންސައެއްގައި އައިސްތުގެ އެކައުންޓެއް ނެތުމަކީ މިއަދުގެ ޒުވާނުންގެ ހިތުގައި ވަރަށް ބޮޑަށް ސުވާލު އުފެދޭނެ ކަމެއްކަން ޔަގީނެވެ. އެހެނީ، އައިސްތުގެ ފަރުމާތަކާއި އުފެއްދުންތައް ހައިރާން ވާހާ ޗާލެވެ. އެހާމެ ހިތްގައިމު ވެފައި ރީއްޗެވެ. ހޯދާފައިވާ ކާމިޔާބީތައް އެހާމެ ގިނައެވެ. މީހުންގެ މެދުގައި ލިބިފައިވާ މަގުބޫލުކަން އެހާމެ ބޮޑެވެ. އައިސްތުގެ މަސައްކަތުން ހިތްހަމަޖެހުން ހޯދި ފަރާތްތަކުގެ ހިތްތަކުން ހޯދާފައިވާ ޖާގަ އެހާމެ ތަނަވަހެވެ. އެހެންނަމަވެސް، މައުލޫމާތު ހިއްސާކުރުމުގެ އެންމެ ފަހި މަންސަ ކަމުގައިވާ މީސް މީޑިއާއާއި އައިސްތު އެހާ ބީރައްޓެހިވީ ސަބަބު އޭނާ ވަރަށް ރަނގަޅަށް ބުނެދިނެވެ.
"އަޅުގަނޑު އަބަދުވެސް އެންމެ ޖެހިލުންވަނީ އަޅުގަނޑުގެ ފޮޓޯ ބޭނުންކޮށްގެން އަބުރަށް ހުތުރުވާފަދަ އެއްވެސް ކަމެއް މީހަކު ކޮށްފާނެތީ. އަޅުގަނޑަށް އެންމެ މުހިންމު އެންމެ ހާއްސަ ކަމަކީ އަޅުގަނޑުގެ އަބުރު. ސޯޝަލް މީޑިޔާގެ އެއްވެސް އެކައުންޓެއް ނުހަދަން. މިއިން އެއްވެސް މަސައްކަތެއްގެ އެއްވެސް ފޮޓޯއެއް ނުހުންނާނެ. ހަމައެކަނި އޭރުގެ ކެމެރާއިން ފޮޓޯ ނަގަނީ. އެކަމަކު މިހާރުދެން އަޅުގަނޑަށް އެނގޭ ޔަގީންކަން ވެސް އެބައޮތް އެފަދަ ކަމެއް ނުކުރާނެ ކަން. ނުވެސް ކުރެވޭނެކަން."
އައިސްތުގެ މަސައްކަތް ދުށުމަށް އެދި އެދި ތިބި ގިނަ ފަރާތަތަކަށް ލިބުނު އެންމެ އުފާވެރި އެއް ހަބަރަކީ، މިހާރު އައިސްތު މީސް މީޑިއާއަށް އޮތް ބިރު ފިލައި ގޮސްފައިވުމެވެ. މިހާރު އައިސްތު އެދެނީ ވީހާ ފުޅާ ދާއިރާއެއްގައި އޭނާގެ މަސައްކަތްތައް އާންމުކޮށް ފެންނާނޭހެން ހިއްސާ ކުރުމަށެވެ. މިފަދަ އެހެނިހެން ފަންނުވެރިންނެކޭ އެއްފަދައިން ދުނިޔެތެރެއަށް ނިކުމެ ވާދަވެރި މާހައުލެއްގައި ފައިތިލަ ސާބިތު ކުރުމަށެވެ. އެކަމަށްޓަކައި މީސްމީޑިއާގެ އެހީގައި އޭނާގެ މަސައްކަތްތައް އެހެން މީހުންނާ ހިއްސާ ކުރުމަކީ އައިސްތުގެ އުންމީދެކެވެ.
އާންމުކޮށް ވެސް އެހާ ގިނައިން ބޭރުތެރެއަށް ނިކުމެ ނޫޅެ، އެކަހެރި ދިރިއުޅުމެއް ވޭތިކުރާ އައިސްތުއަށް ގިނަ މައުރަޒުތަކުން ލިބުނު އިނާމުތައް ބަލައި އެފަދަ ރަސްމިއްޔާތު ތަކަށް ހާޒިރުވެފައެއް ނުވެއެވެ. އެހެންނަމަވެސް 1995 ވަނަ އަހަރު، ފެހުމާއި ޖަރީގެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ ދެއްވި ހަނދާނީ ލިޔުން ބަލައި ދިޔުމަށް ބައްޕަގެ ނަސޭހަތާއެކު އައިސްތު ޖަލްސާއަށް ހާޒިރުވިއެވެ. އެއަށްފަހު 2017ގައި "ހީވާގި ކަނބަލުން" ނަމުގައި ބޭއްވި ކަނބުލުންގެ އުފެއްދުންތެރިކަމުގެ އެކްސްޕޯއިން އައިސްތުއަށް ލިބުނު ބޮޑު ކާމިޔާބީ ބަލައިގަތުމަށް އެ ރަސްމިއްޔާތަށް ވެސް ހާޒިރުވިއެވެ. އެއީ އައިސްތުއަށް އާދަޔާ ހިލާފު އުފަލެއް އިހުސާސް ކުރެވުނު ދުވަހެކެވެ.
ކޮންމެ އިންސާނަކަށް ވެސް ކާމިޔާބީއާ ހަމަޔަށް ވާސިލުވެވޭނީ، ވަރަށް ގިނަ މަދަދުގާރުންގެ އިމެއް މިނެއް ނެތް އެހީތެރިކަމާއި އެއްބާރުލުމާ އެކީގައެވެ. ވަކީން ހާއްސަކޮށް އައިސްތު ފަދަ، ދިރިއުޅުމުގައި ހާއްސަ ހާލަތެއް ތަޖުރިބާ ކުރަން ޖެހިފައިވާ ފަރާތްތަކަށެވެ. އައިސްތަކީ، އޭނާގެ އަމިއްލަ ކަންކަން ކުރުމުގައި އެހެން މީހުންނަށް ބަރޯސާ ނުވެ ކަންކަން ކުރުމުގެ ރީތި އާދަ ވަރަށް ކުޑައިރުއްސުރެ، އޭނާގެ މައިން ބަފައިންގެ ފުށުން ލިބިފައިވާ ހިތްވަރުގަދަ އަންހެނެކެވެ. އެހެންނަމަވެސް ފެހުމާއި މާޖެހުމާއި ޖަރީ ކުރުން ފަދަ މަސައްކަތްތަކަކީ އެހެންމީހުންގެ އެހީއާ ނުލައި ނުކުރެވޭނެ ފަދަ މަސައްކަތްތަކެކެވެ. ވަކިން ހާއްސަކޮށް ވަކި ކަހަލަ ހެދުންތައް ތައްޔާރު ކުރާއިރު އެހެން މީހުންގެ އެހީއާ ނުލައި ކުރަން އެހާ ފަސޭހަ ނޫންކަން އޭނާ ފާހަގަކުރިއެވެ. ކޮންމެޔަކަސް އައިސްތުގެ ހަޔާތުގެ ކޮންމެ ސިކުންތެއްގައި އަދި ވަކީން ހާއްސަކޮށް އޭނާގެ ކާމިޔާބީގެ ކޮންމެ ހިނދުކޮޅެއްގައި އެބައެއްގެ ނަން ހަނދާނަށް އަންނަ ވަރަށް ގިނަ ފަރާތްތަކެއް އައިސްތުގެ ފާހަގަ ކުރި އެވެ. އެއީ އޭނާގެ ހިތާ އެންމެ ގާތުގައި ވާ ފަރާތް ތަކެވެ. އެހެނީ އެއީ އޭނާގެ މަސައްކަތުގެ އާރުކާޓީންނެވެ. އޭނާގެ ކާމިޔާބީގެ ހިއްސާދާރުންނެވެ. އޭނާއަށް ލިބުނު ތަށިތަކާއި މެޑެލްތައް ހުޅުދާން ކުރުވި ރަން ދޯދިތަކެވެ.
ލިބިފައިވާ އެވޯޑުތަކުގެ ތެރެއިން އެންމެ ފަހުން ލިބުނު ވިމްގެ ކަރޭޖްސް އެވޯޑު ގޯލްޑު ކެޓެގަރީން ލިބުނު ވަގުތަކީ މިހާތަނަށް އައިސްތުގެ ހަޔާތުގައި އައި އެންމެ އުފާވެރި އަދި ހީބިހި ނަގައިގެންދާވަރުގެ ސިހުމެއް، އުފަލުން ގޮސް ރޮއްވާލި އެވޯޑެވެ. މިހާރުދެން އައިސްތުގެ އޮތީ ވަރުގަދަ ބޮޑު އުންމީދެކެވެ. އެކަމަކު ނުވާ ވަރުގެ ކަމެއް ނޫނެވެ.
ހިތްވަރާއި ވަރުގަދަ އަޒުމުގައި، އައިސްތު ސާބިތުކޮށްދިނީ ގޭގައި އިނދެގެން މަސައްކަތް ކުރިއަސް، ފޮޓޯތައް ޖަހައި އިޝްތިހާރު ވެ، އަޑު ނުއުފުލިއަސް ކާމިޔާބު ވެދާނެކަމެވެ. ކާމިޔާބީ އާއި ރަންތާޖު ވަނަތަަކަކީ ވަކި ފަރާތަކަށް ހާއްސަކޮށް ހުންނަ އެއްޗެއް ނޫންކަމެވެ. އެއީ ހިތްވަރާއި މިންނަތުން ހާސިލުކުރެވޭ އެއްޗެއްކަން އައިސްތު އެދަނީ ސާބިތުކޮށްދެމުންނެވެ.
"އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން ދާނީ ހަމަ ކުރިޔަށް. ބޭނުންވަނީ ދުނިޔޭގެ އެވޯޑަކަށް އަޅުގަނޑުގެ ނަން ހޮވިގެންދިއުން، ދުނިޔޭގެ އެވޯޑެއް ލިބުން"
އައިސްތުގެ ނުގުޑާ ފަދަ އަޒުމަކާއި ވަރުގަދަ އުންމީދަކާއެކު ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލުވާ ދުވަހަކީ އައިސްތަށް ހެޔޮއެދޭ އެންމެހައި ފަރާތްތަކަށް ލިބިގެންދާނެ ނުހަނު ބޮޑު އުފަލެކެވެ. "ވަން" އިން އެދެނީ އައިސްތަށް އަދަށް ވުރެ މާ ފަހި މާދަމައެކެވެ.