މާލެ ސަރަހައްދުގައި 8782 ފުލެޓުގެ މަސައްކަތް ހިންގަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހުގެ އެމްޑީޕީ ޕްރައިމަރީ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން އެމްޑީޕީ މައި ހަރުގޭގައި މިރޭ ބޭއްވި "ކުރިއަށް އިބޫ 2023" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އިންތިހާބަށް ނުކުމެ ހުންނެވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށާއި ސިޔާސީ ފިކުރެއް ބެލުމެއް ނެތި، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދެމުން ގެންދަވާ ކަމަށެވެ.
"މާލޭގެ ބޯހިޔާވަހިކަމަކީ މާލެއަށް އޮތް އެންމެ ބޮޑު ގޮންޖެހުން. މާލޭގެ ރައްޔިތުންނަށް ބާހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހިންގާ މަޝްރޫއުތަކުގެ ތަފްސީލު އެހުރީ ފެންނަން. އޮޅުވާލައިގެން ކޮންމެ މީހަކަށް ވެސް، ކޮންމެ ވާހަކައެއް ވެސް ދެއްކިދާނެ. އެހެންނަމަވެސް ހަގީގަތަކީ މިހާރުވެސް މާލެ ސަރަހައްދުގައި 8782 ފުލެޓުގެ މަސައްކަތް އަމަލީގޮތުން ހިނގަމުން އެބަދޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާތަނަށް އެއްވެސް ސަރުކާރެއްގައި އެ ސަރުކާރަކުން ފެށި ހައުސިން ނިޒާމެއް ނިންމައި، ރައްޔިތުން އެ ފުލެޓުތަކަށް ވެއްދިފައެއް ނެތް ކަމަށާއި އެހެންނަމަވެސް މި ސަރުކާރުގެ މި ފަސް އަހަރު ނިމޭ އިރުގައި ސަރުކާރުން ހަދަމުން އަންނަ ފުލެޓުތަކުން ބަޔަކަށް މާލޭގެ ރައްޔިތުން ދިރިއުޅެވޭ ވަރު ކޮށްދެއްވާނެ ކަމަށެވެ.
"އޭގެ އިތުރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި އަޅުގަނޑު ވީ ވައުދު، 5000 ގޯތި ދިނުމުގެ ވައުދު އިރާދަކުރެއްވިއްޔާ ކަޑަޖަހައި، ބިން ވަކިކޮށް ރޯނު ދަމައި، މާލޭ ރައްޔިތުންނަށް މިއަހަރުގެ ތެރޭގައި ދޭނަން. އަޅުގަނޑު މިކަން ކުރާނީ ކުރެންދޫ ރައްޔިތުންނަށް ކަނޑުން 1000 ގޯތި ދިން ގޮތަކަށް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ 16،401 ފުލެޓާއި ގޯތި ދިނުމުގެ މަޝްރޫއު މި ސަރުކާރުގައި، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އިސްވެ ހުންނަވައިގެން މިހާރުވެސް ކުރިއަށް އެބަގެންދަވާ ކަމަށާއި މިއީ ރާއްޖޭގެ ތާރީހުގައި އެއްވެސް ސަރުކާރަކުން ފަސް އަހަރުގެ ތެރޭގައި ކޮށްފައި އޮތް ކަމެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު