ރިޔާސީ އިންތިހާބު ކާމިޔާބުކުރާނެ ފޯމިއުލާ އަދި ރައްޔިތުންގެ ވޯޓު ހޯދާނެ ފޯމިއުލާ އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ އެމްޑީޕީ ޕްރައިމަރީ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން އެމްޑީޕީ މައި ހަރުގޭގައި މިރޭ ބޭއްވި "ކުރިއަށް އިބޫ 2023" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އިންތިހާބަށް ނުކުމެވަޑައިގެންނެވީ ތަޖުރިބާތަކަކާއެކު ކަމަށާއި ރައްޔިތުން ކުރިމައްޗަށް ނުކުމެވަޑައިގެން، ހަ އިންތިހާބު ކާމިޔާބުކުރައްވާފައިވާނެ ކަމަށެވެ. އަދި ކުރިއަށްއޮތް ރިޔާސީ އިންތިހާބު ވެސް ކާމިޔާބުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ފަސް އިންތިހާބު ކާމިޔާބުކޮށްފިން، ރިޔާސީ އެއް އިންތިހާބު ކާމިޔާބުކޮށްފިން. އިންތިހާބު ކާމިޔާބުކުރާ ފޯމިއުލާ، ރައްޔިތުންގެ ވޯޓު ހޯދާނެ ގޮތް އަޅުގަނޑަށް ވަރަށް ސާފު. ޝައްކެއް ނެތް. ކުރިއަށް މިއޮތް ރިޔާސީ އިންތިހާބު އަޅުގަނޑުމެންނަށް ކާމިޔާބުކުރެވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް. ބޮޑުތަނުން އަޅުގަނޑުމެން ރިޔާސީ އިންތިހާބު ކާމިޔާބުކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ނުކުމެވަޑައިގެންނެވީ އެމްޑީޕީއާއެކު ކުރިއަށްދިއުމަށް ކަމަށާއި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވުމަށް ކަމަށެވެ.

"އަޅުގަނޑު ނުކުމެ މިހުރީ އެމްޑީޕީއާއެކު ކުރިއަށްދާން. އަޅުގަނޑު ނުކުމެ މިހުރީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރިއަށްއޮތް ފަސް އަހަރަށް އިންތިހާބުކުރާ ސަރުކާރު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް. އެއް އަހަރަކަށް ނޫން، ދެ އަހަރަކަށް ނޫން، ތިން އަހަރަކަށް ވެސް ނޫން، ފަސް އަހަރަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދަތުރަށް ފަށައި، ނުކުމެ ހުންނެވީ ޕާޓީގެ ތެރެއިން ބޮޑުތަނުން ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށް ކަމަށެވެ.