ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން މާލީ ރިޕޯޓު ހުށަހަޅާފައިނުވާތީ ކަމަށް ބުނެ، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ޖޫރިމާނާކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ގާނޫނާ ހިލާފަށް ކަމަށް އެމްއާރުއެމުން ބުނެފިއެވެ.

އީސީން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވަނީ، މާލީ ރިޕޯޓު ހުށަނޭޅި ޕާޓީތަކުގެ ތެރޭގައި އެމްއާރުއެމް، ޕީއެންސީ، އެމްޓީޑީ، އަދާލަތު ޕާޓީ، ޑީއާރުޕީ، އެމްއެސްއެލްޑީޕީ އަދި އެމްއެންޕީ ކަމަށާއި އެ ޕާޓީތައް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އެ ޕާޓީތައް ޖޫރިމަނާކޮށްފައިވަނީ 20،000 ރުފިޔާއިން ކަމަށާއި ޖޫރިމަނާގެ ފައިސާ ޖެނުއަރީ 31 ގެ ކުރިން ދައްކަން ޖެހޭނެ ކަމަށް ޕާޓީތަކަށް އަންގާފައިވާ ކަމަށް އީސީން ބުނެފައިވެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ، ކޮންމެ އަހަރެއްގެވެސް ފުރަތަމަ ތިން މަސްތެރޭ އެ ޕާޓީއެއްގެ މާލީ ރިޕޯޓާއި އަހަރީ ރިޕޯޓު އީސީއަށް ހުށަހަޅަންވާނެ ކަމަށެވެ. ޖޫރިމަނާ ކުރި ޕާޓީތަކަކީ މާޗް 31 ގެ ނިޔަލަށް ރިޕޯޓުތައް ހުށަހަޅާފައި ނުވާ ޕާޓީތައް ކަމަށް އީސީން ބުނެފައިވެއެވެ. އީސީން ބުނެފައިވަނީ ޖޫރިމަނާގެ ފައިސާ ދައްކަން ދީފައިވާ މުއްދަތުގައި ނުދައްކައިފިނަމަ ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށާއި އަދި ސަރުކާރުން ސިޔާސީ ޕާޓީތަކަށް ދިނުމަށް ކަނޑައަޅާ ބަޖެޓުން ފައިސާ ދޫކުރާ އިރު، ފައިސާ ދޫކުރާނީ ޖޫރިމާނާގެ އަދަދު ކެނޑުމަށްފަހު ކަމަށެވެ.

އެމްއާރުއެމުން މިއަދު ނުރުނު ނޫސްބަޔާނެއްގައި ބުނީ، އީސީން އެ ޕާޓީ ޖޫރިމާނާ ކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާލީ ރިޕޯޓު ހުށަނަޅާއިގެން ކަމަށްވީ އިރު، އެ ޕާޓީ ރަޖިސްޓްރީކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

އެމްއާރުއެމުން ބުނީ 2019 ވަނަ އަހަރުގެ 42 ދުވަހުގެ ހިސާބު 2020 ވަނަ އަހަރުގެ ހިސާބާ އެއްކޮށް ހުށަހެޅުމަށް އީސީގެ ހުއްދައަށް އެދިފައިވާނެ ކަމަށެވެ. އެގޮތަށް އެދިފައިވަނިކޮށް 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު" ގެޒެޓުކޮށްފައިވާ ކަމަށެވެ.

"އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު" ގެ ދަށުން ވަކި މުއްދަތެއްގައި ކުރަންޖެހޭ ކަންކަން ފަސްކުރެވުނު ކަމަށާއި އެ މުއްދަތު ގުނުން މެދުކެނޑިފައިވަނީ 2020 ވަނަ އަހަރުގެ މާޗު 12 ވަނަ ދުވަހުން ފެށިގެން "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު" ނިމުމަކަށް ގެންނަ ތާރީހުގެ ނިޔަލަށް ކަމުގައި ބެލެވޭނެ ކަމަށް އެމްއާރުއެމުން ބުންޏެވެ. އަދި ޕާޓީތަކުން މާލީ ބަޔަން ހުށަހަޅަން އޮންނަ މުއްދަތު އަލުން ގުނަން ފަށާނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަ ތާރީހުން ކަމަށް ވެސް އެމްއާރުއެމުން ބުންޏެވެ.

އެމްއާރުއެމުން ބުނީ 2019 ވަނަ އަހަރުގެ މާލީ ރިޕޯޓު ވަނީ 2020 ވަނަ އަހަރުގެ މާލީ ރިޕޯޓާއެކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުގެ ކުރިން 2020 ވަނަ އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހު އީސީއަށް ހުށަހަޅާފައި ކަމަށެވެ.

"ނަމަވެސް މި ޕާޓީން 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަނާޅާ ކަމަށް ވިދާޅުވެ ޖޫރިމަނާކުރި ކަމަށް އަންގައި، 29 ޑިސެމްބަރު 2022 ގައި ފޮނުއްވާފައިވާ ސިޓީއާއި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ޓުވިޓާގެ ޒަރިއްޔާއިން މީސްމީޑިއާއަށް މިކަން ހާމަކޮށް ކުރައްވާފައިވާ ޓުވީޓަކީ އިލެކްޝަންސް ކޮމިޝަނުން ކަންކަން ބައްލަވަންޖެހޭ މިންވަރަށް ނުބައްލަވާ ކުރައްވާފައިވާ ކަމެއްކަމުގައި މި ޕާޓީން ދެކެމެވެ. މި ޕާޓީ ވިހި ހާސް (20،000) ރުފިޔާއިން ޖޫރިމާނާކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށްވެސް މި ޕާޓީން ދެކެމެވެ..،" އެމްއާރުއެމުން ބުންޏެވެ.

ގާނޫނާ ހިލާފަށް އެމްއާރުއެމް ޖޫރިމާނާކޮށްފައިވާތީ އެ ނިންމުން މުރާޖައާކޮށްދިނުމަށް އެމްއާރުއެމުން ވަނީ ގޮވާލައިފައެވެ.

އެމްއާރުއެމުން އިތުރަށް ބުނީ ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން މިދިޔަ އަހަރުގެ މާލީ ރިޕޯޓު އީސީއަށް ހުށަހަޅާފައިވާ ކަމަށާއި މިއަހަރުގެ މާލީ ރިޕޯޓުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.