ވިލިމާލޭން ތެޔޮ ބޯޓެއްގައި ފުރި ފަހުން ހަބަރެއް ނުވެގެން ހޯދި ދެ މީހުންގެ ތެރެއިން، މިހަތަނަށް ފެނިފައިވާ ދިވެހި މީހާ މަރުގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިރު، އޭނާގެ ބަންދަށް ދެ މަސްދުވަސް ދީފައިވާ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ބުނެފިއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ވިލިމާލޭން ތެޔޮ ބޯޓެއްގައި ފުރި ފަހުން ހަބަރެއް ނުވެގެން ހޯދަމުންދިޔައީ ގދ. ތިނަދޫ/ މަނާރު، މުހައްމަދު ނިޒާމް (45އ) އާއި ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން (35އ)އެވެ.
ދެ މީހުން ދަތުރުކުރި ތެޔޮ ބޯޓު އެއާޕޯޓް ނެރު ކައިރިން މިދިޔަ ބުރާސްފަތި ދުވަހު ފެނުނު ނަމަވެސް، ބަންގުލަދޭޝް މީހާ ފެނިފައެއް ނުވެއެވެ.
މިދިޔަ ހޯމަ ދުވަހު ނިޒާމު މާލޭގެ ކެފޭއެއްގެ ތެރެއިން ފެނިގެން އާންމު މީހަކު ވަނީ އޭނާއާއެކު ފޮޓޯ ނަގައި ޓުވީޓުކޮށްފައެވެ. އޭގެ އެއްދުވަސް ފަހުން ފުލުހުން އިއްޔެ ބުނީ މަރުގެ ތުހުމަތެއްގައި ނިޒާމު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ މާލޭގެ ގެސްޓުހައުސްއަކުން ކަމަށްވެސް ބުންޏެވެ.
ނިޒާމުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރި އިރު، ބަންދުގެ އަޑުއެހުން ސިއްރުކޮށްދިނުމަށް ފުލުހުން ވަނީ ކޯޓުގައި އެދިފައެވެ. އެހެންވެ ކޯޓުން މި އަޑުއެހުން ކުރިއަށް ގެންދިޔައީ ސިއްރުންނެވެ.
ކުރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، ނިޒާމުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 60 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި ބަންދު އަމުރާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކުރެވެން ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އަޑުއެހުން ސިއްރުން ކުރިއަށް ގެންދިޔައީ ފުލުހުންގެ ތަހުގީގަށް ހުރަސްއެޅިދާނެތީ ކަމަށް މައުލޫމާތު ލިބެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު