ވޯލްޑް ކަޕް ފައިނަލަށް ފަހު އުފާފާޅުކުރުންތަކުގައި ފާޑުކިޔުން އަމާޒުވި ނަމަވެސް އާޖެންޓީނާ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒްގެ ފޯކަސް، އެސްޓަން ވިލާއިން ގެއްލުވާނުލާނެ ކަމަށް ކޯޗު އުނައި އެމެރީ ބުނެފިއެވެ.
ގަތަރު ވޯލްޑް ކަޕް 2022ގެ ފޯރިގަދަ ފައިނަލުގައި ފްރާންސް ބަލިކޮށް، ތަށި ނެގީ އާޖެންޓީނާއިންނެވެ. 36 އަހަރަށްފަހު އާޖެންޓީނާއިން ވޯލްޑް ކަޕް ތަށި އުފުލާލައި، އެ ގައުމުގައި އެތައް މިލިއަން ބަޔަކު އެއްވެ އުފާފާޅުކޮށްފައިވެއެވެ. އެ އުފާފާޅުކުރުމުގެ ތެރޭގައި އާޖެންޓީނާގެ ގޯލްކީޕަރު މާޓިނޭޒް ވަނީ، ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭގެ ސިފައިގެ ބުދެއް ހިފައިގެން، އެމްބާޕޭއަށް ޖޯކު ޖަހައިފައެވެ. ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދި އެމްބާޕޭއަށް މާޓިނޭޒް ޖޯކު ޖެހުމާއެކު، އެކަމުގައި މާޓިނޭޒަށް ފާޑު ކިޔުންތައްވެސް އަމާޒުވެފައިވާ އިރު، މާޓިނޭޒްގެ ގާތުގައި އެމްބާޕޭގެ ޕީއެސްޖީ ޓީމްމޭޓް ލިއޮނަލް މެސީ ހުރުމުން އެކަމަށްވެސް ބަޔަކު ޖޯކު ޖަހާފައިވެއެވެ.
އޭގެ އިތުރުން ވޯލްޑް ކަޕްގެ ރަން އަންގިއާއެކު މާޓިނޭޒް އުފާފާޅުކުރި ގޮތުންވެސް އޭނާއަށް ފާޑު ކިޔުން އަމާޒުވެފައިވެއެވެ.
އާޖެންޓީނާގެ އުފާފާޅުކުރުންތަކަށްފަހު އެސްޓަން ވިލާގެ ތަމްރީނުތަކަށް މާޓިނޭޒް ނުކުތީ މިދިޔަ ހަފުތާގައެވެ.
"މިހާރު މާޓިނޭޒްގެ ފޯކަސް 100 ޕަސެންޓް ހުރީ ވިލާއަށް. އަހަރެމެން ފަހުރުވެރިވެސްވޭ މާޓިނޭޒްގެ ކާމިޔާބީއަށް. މާޓިނޭޒަކީ އަހަންނަށް ވަރަށް މުހިއްމު ކުޅުންތެރިއެއް. ތަމްރީނުތަކުގައި މާޓީނޭޒް ފެންނަނީ ވަރަށް ފޯކަސް ރަނގަޅުކޮށް. ހާއްސަކޮށް ވަރަށް ރަނގަޅަށް ރެސްޓްވެސް ނަގާފައި ހުރިހެން މާޓިނޭޒް ފެންނަނީ،" އެމެރީ ބުންޏެވެ.
މާޓިނޭޒްގެ އުފާފާޅުކުރުންތަކަށް ވިލާގެ ކޯޗު އެމެރީ ކުރިން ވަނީ ވާހަކަ ދައްކައިފައެވެ. އެފަހަރު އޭނާ ބުނީ މާޓިނޭޒްގެ އަމަލުތައް ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، އޭނާ އެފަދަ ގޮތަކަށް އުފާފާޅުކުރުން އެއީ ބޭކާރު ކަމެއް ކަމަށެވެ.
އާޖެންޓީނާ
އާޖެންޓީނާ
އާޖެންޓީނާ
އާޖެންޓީނާ