ހަމައެކަނި ޑުރަގް ބޭނުންކުރުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވާނެ ހާލަތެއް ނޫން ކަމަށް ކަނޑައަޅައި، ޑުރަގުގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

ޑުރަގުގެ މައްސަލައެއްގައި މ. މުލައް/ އުނިމާގެ، ތަސްލީމް އަބްދުﷲ ފުލުހުން ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާ ދޫކޮށްލަން އަމުރުކުރިއެވެ.

އޭނާ ދޫކޮށްލަން ނެރުނު އަމުރުގައި ބުނެފައި ވަނީ، އޭނާއަކީ ޑުރަގް ބޭނުންކުރާ މީހެއް ނަމަވެސް އޭނާ އެ ތަކެތި ބޭނުންކުރަނީ އަމިއްލައަށް ދޯނި ދުއްވައިގެން ހޯދާ ފައިސާއިން ކަމަށެވެ. އަދި ޑުރަގުން ސަލާމަތްވާން ފަރުވާ ބޭނުންވާ ކަމަށާއި ޑުރަގުން ސަލާމަތްވާން މީގެ ކުރިންވެސް ފަރުވާ ހޯދި ކަމަށްވެސް އޭނާއާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މި މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ވިދާޅުވީ، އޭނާގެ ހައްޔަރާއި ބަންދުގެ ރެކޯޑަށް ބަލައި އިރު، ޑުރަގް ބޭނުންކުރުމުގެ މައްސަލަ ފިޔަވައި އިތުރު ކުށެއްގެ ތުހުމަތުގައި މީގެ ކުރިން އޭނާ ހައްޔަރުކޮށްފައި ނުވާކަން އެނގޭ ކަމަށެވެ.

އެހެންކަމުން ޑުރަގް ވިއްކުން ނުވަތަ ބޭނުންކުރުމަށް ފައިސާ ހޯދުމަށް ވައްކަންކުރުން ފަދަ އެހެން ކުށެއް ކުރަމުން ނުދާނަމަ، ހަމައެކަނި ޑުރަގް ބޭނުންކުރުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވާނެ ހާލަތެއް ނޫން ކަމަށް އޭނާ ބަންދުން ދޫކޮށްލި ސަބަބުގެ ގޮތުގައި ކޯޓު އަމުރުގައި ވަނީ ކަނޑައަޅައިފައެވެ.