އިދިކޮޅުން ރޭ މާލޭގައި ބޭއްވި މުޒާހަރާއިން ހައްޔަރުކުރި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދޫކޮށްލައިފިއެވެ.
ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިޔާނާތް ހިންގި މައްސަލަ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން ދަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.
ރޭގެ މުޒާހަރާއިން މުއިއްޒު ހައްޔަރުކުރީ ސޯސަން މަގު ކަންމަތިންނެވެ. އޭނާގެ އިތުރުން އިދިކޮޅުގެ ތިން އެކްޓިވިސްޓުން ރޭ ހައްޔަރުކުރިއެވެ. މުއިއްޒު ހައްޔަރުކުރި ސަބަބެއް ފުލުހުން ނުބުނެއެވެ.
ފުލުހުންގެ މީޑިއާއިން "ވަން" އަށް މިއަދު ބުނީ، ރޭ މުޒާހަރާއިން ހައްޔަރުކުރި ހުރިހާ އެންމެންވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
މުއިއްޒު ހައްޔަރުކުރުމުން މާލޭ ސިޓީ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގާނޫނުއަސާސީން ލިބިދޭ ހިޔާލުފާޅުކުރުމުގެ ހައްގުގެ ދަށުން މުއިއްޒު މުޒާހަރާ ކުރައްވަމުން ގެންދަވަނިކޮށް، އެ ހައްގު ހަނިކުރުމަށްފަހު މޭޔަރު ހައްޔަރުކުރީ އޭނާގެ އަޑުކަނޑުވާލުމަށް ކަމަށެވެ. އަދި އެއީ ޒިންމާދާރުކަން ކުޑަ، ޑިމޮކްރަޓިކް ވެއްޓެއްގައި ކަންކަން ވެގެންވާނެ ގޮތެއް ނޫން ކަމަށްވެސް ބުންޏެވެ.
މުއިއްޒު ހައްޔަރުކުރުމުން ކައުންސިލުގައި މުވައްޒަފުން ވަނީ މުއިއްޒު ދޫކޮށްލުމަށް ގޮވާލާ އިހުތިޖާޖުވެސް ކޮށްފައެވެ.
ޕީޕީއެމުން ބުނެފައިވާ ގޮތުގައި ޔާމީން މިނިވަންވުމާ ހަމައަށް މުޒާހަރާތައް ކުރިއަށް ގެންދާނެއެވެ. އެ މަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާހުގައި ނެތި ރިޔާސީ އިންތިހާބު ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު