މިހާ ހިސާބުން ޔޫރަޕްގެ ކެރިއަރު ނިމުނީ ކަމަށާއި، ޔޫރަޕްގެ ކެރިއަރު ނިންމާލީ ހުރިހާ ކާމިޔާބީއެއް ހޯދާފައި ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

އުމުރުން 37 އަހަރުގެ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، ސައުދީ އަރަބިއާގެ ފުރަތަމަ ޑިވިޝަން ކްލަބެއް ކަމަށްވާ އަލް ނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް މިރޭ ދައްކާލީ އެތައް ހާސް ސަޕޯޓަރުންނަކާއެކު ބޭއްވި ބޮޑު އިވެންޓެއްގައެވެ. ރޮނާލްޑޯ ވެގެންދާނީ އޭޝިއާ ލީގެއްގައި ކުޅޭނެ އެ ފެންވަރުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. އަލް ނަސްރުން ބުނީ ރޮނާލްޑޯގެ ޓްރާންސްފާއަކީ މުޅި ސައުދީގެ ފުޓުބޯޅަ ކުރިމަގަށް ބަދަލުތަކެއް ގެނުވާނެ ޓްރާންސްފާއެއް ކަމަށެވެ.

"ޔޫރަޕްގައި އަހަރެންގެ މަސައްކަތް ނިމިއްޖެ. އަހަރެން ހުރިހާ ކާމިޔާބީއެއް ހޯދިން ޔޫރަޕްގައި. ޔޫރަޕްގައި އަހަރެން ކުޅުނީ އެންމެ ކާމިޔާބު ކްލަބުތަކަށް. އޭޝިއާގެ ޖެލެންޖަކީ އަހަންނަށް މުޅިން އާ ޗެލެންޖެއް،" އަލް ނަސްރު ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ނޫސްވެރިންނާ ވާހަކަދައްކަމުން ބުންޏެވެ.

އަލް ނަސްރާއެކު ރޮނާލްޑޯ ސޮއިކޮށްފައިވަނީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ނަސްރުގެ އެއްބަސްވުމާއެކު ރޮނާލްޑޯއަށް އަހަރަކު 177 މިލިއަން ޕައުންޑްގެ މުސާރައެއް ޖެހޭނެ ކަމަށެވެ.

ރޮނާލްޑޯ މިރޭ ބުނީ ސައުދީގެ އިތުރުން އެހެން ގައުމުތަކުންވެސް ހުށަހެޅުންތައް ލިބުނު ކަމަށާއި، އަލް ނަސްރަށް ސޮއިކުރީ އެ ކްލަބަށް އިތުބާރު ދެމެހެއްޓުމަށް ކަމަށެވެ. އަދި ސައުދީ ލީގަކީ ވާދަވެރި ލީގެއް ކަމަށާއި، މިހާ ހިސާބުން ކެރިއަރު ނިމުނީ ނޫން ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.

"މީހުންނަށް ނޭނގުނަސް، އަހަންނަށް ޔޫރަޕާއި، ބްރެޒިލް، އޮސްޓްރޭލިއާ، އަދި އެމެރިކާގެ އިތުރުން ޕޯޗުގަލްގެ ކްލަބުތަކުންވެސް ފުރުސަތު ލިބުނު. އަލް ނަސްރަށް ސޮއިކުރީ އެ ކްލަބަށް އެއްބަސްވެފައި އޮތުމުން، އެކަމަށް އިތުބާރު ދެމެހެއްޓުމަށް. ސައުދީ ލީގަކީ ވާދަވެރި ލީގެއް. މީހުން ބުނާހެން އަހަރެން ކެރިއަރު މިހާ ހިސާބުން މި ނިމުނީކީ ނޫން. މިއީ އަނެއްކާވެސް އާ ޗެލެންޖެއް،" ރޮނާލްޑޯ ބުންޏެވެ.

ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯއަކީ ޔޫރަޕްގެ ރެކޯޑު ގޯލު ޖެހުންތެރިއެކެވެ. ގިނަ އަދަދެއްގެ ނޫސްވެރިން ޖަމާވެ މިރޭގެ ޕްރެސް ބޭއްވި ނަމަވެސް، ރޮނާލްޑޯ ޖަވާބު ދިނީ ހަމައެކަނި ކްލަބުގެ ރަސްމީ ތަރުޖަމާނުގެ ސުވާލުތަކަށް އެކަންޏެވެ.