ދުނިޔޭގެ ފުޓުބޯޅަ އައިކަން ޕެލޭގެ ނަމުން ކޮންމެ ގައުމެއްގައިވެސް ސްޓޭޑިއަމަކަށް ނަން ދޭން ފީފާއިން އެދޭނެ ކަމަށް ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.
އުމުރުން 82 އަހަރުގައި ޕެލޭ ދުނިޔެ ދޫކޮށްފައި ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައި އޮންނަތާ ދުވަސްތަކެއް ވުމަށްފަހު މިދިޔަ ހުކުރު ދަވަހުއެވެ. ޕެލޭ ފަރުވާ ހޯދަމުން ދިޔައީ ކެންސަރު ބައްޔަށެވެ. ޕެލޭއަށް ކެންސަރު ޖެހިފައިވާކަން އާއިލާއިން އިއުލާންކުރީ 2021 ވަނަ އަހަރުގެ ތެރޭގައެވެ.
ޕެލޭ ވަނީ ބްރެޒިލް ޓީމަށް ކުޅެދިން 91 މެޗުން 77 ގޯލު ޖަަހައިފައެވެ. އޭނާގެ ލެގަސީ އެންމެ ބޮޑަށް ގުޅިފައިވަނީ ވޯލްޑް ކަޕާއެވެ. 1958، 1962 ވަނަ އަހަރު ބްރެޒިލާއެކު ޕެލޭ ވޯލްޑް ކަޕް ހޯދާފައިވާ އިރު، 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ޕެލޭ ބްރެޒިލާއެކު ކާމިޔާބުކުރިއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ޕެލޭއަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ ހުނަރުވެރި، އަދި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.
ޕެލޭގެ މަރާއެކު މުޅި ކުޅިވަރު އާއިލާ ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންދާ އިރު، އޭނާގެ ހަށިގަނޑު އިސްރައެލީޓާ އަލްބާޓް އެއިންސްޓެއިން ހޮސްޕިޓަލުން ސަންޓޯސް ސްޓޭޑިއަމަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ޕެލޭގެ ޖަނާޒާގައި ފީފާގެ ރައީސް އިންފަންޓީނޯ ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
"އަހަރެމެން ފީފާ އިން ކޮންމެ ގައުމެއްގައި ވެސް އެދޭނަން، ޕެލޭގެ ނަމަށް ހާއްސަކޮށް ކޮންމެވެސް އެއް ސްޓޭޑިއަމެއް ބާއްވަން. ޕެލޭއަކީ ދުނިޔޭގެ ފުޓުބޯޅައިގައި އަބަދަށް ދެމިގެންދާނެ ހަނދާނެއް. ޕެލޭގެ ޝަރަފަށްޓަކައި ފީފާއިން އަބަދުވެސް ހަނދާންތައް އާކުރަމުން ގެންދާނެ،" އިންފަންޓީނޯ ވިދާޅުވިއެވެ.
ޕެލޭގެ ސަންދޯއް ސަންޓޯސް ސްޓޭޑިއަމް މެދުގައި ބަހައްޓާފައިވާ އިރު، ވަށައިގެން ބްރެޒިލްގެ މަޝްހޫރު ކުޅުންތެރިން ސޮއިކޮށްފައިވާ މާބޮނޑިތައް ބަހައްޓައި، ޝަރަފުގެ ބެނާތައް ސްޓޭޑިއަމްގައި އެލުވާފައިވެއެވެ.
ސަންޓޯސް ސްޓޭޑިމުން ޕެލޭގެ ހަށިގަނޑު، އޭނާ ވަޅުލުމަށް ހާއްސަ ކްރިސްޓިއަން ގަބުރުސްތާނަށް ގެންދަން ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ހަބަރުތައް ބުނެފައިވަނީ ޕެލޭ ވަޅުލާނީ ގަބުރުސްތާނުގެ ނުވަވަނަ ބުރީގައެވެ. އެއީ ހާއްސަ ސަންދޯކެއް ހިމެނޭ ތަނެއްގައެވެ. އިނގިރޭސި ނޫސް މިރޯ އިން ބުނެފައިވަނީ ޕެލޭ ވަޅުލާނީ އޭނާގެ ބައްޕަ، ޑޮންޑީނޯގެ ހަށިގަނޑުވެސް ވަޅުލާފައިވާ ތަނުގައި ކަމަށެވެ.
ޕެލޭގެ ހަށިގަނޑު ވަޅުލުމަށް ގެންދާނީ އޭނާގެ އުފަން ގޭގެވެސް ކުރިމަތިންނެވެ. އެއީ އުމުރުން 100 އަހަރުގެ މަންމަ ސެލެސްޓޭއަށް ހަށިގަނޑު ދައްކާލުމަށް ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.
ފީފާ
ފީފާ
ފީފާ
ފީފާ