އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްއިން ކުޅުނު މެޗުގައި އެސްޓަން ވިލާ ކައިރިން ބަލިވި އިރު، ޗެލްސީއާއި ނޮޓިންހަމް ފޮރެސްޓް އެއްވަރު ވެއްޖެއެވެ.
ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗުން އެޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. ވިލާއިން ޖެހި ދެ ގޯލްވެސް މެޗުގެ ދެވަނަ ހާފްގައި ފެނިގެން ގޮސްފައިވާ އިރު، ރޭގެ ނަތީޖާއާއެކު ޓޮޓެންހަމް ވަނީ ގަދަ ހަތަރަކުން ސޮއްސާލައިފައެވެ. ޓޮޓެންހަމް މިހާތަނަށް ލީގުގައި ކުޅުނު 17 މެޗުން 30 ޕޮއިންޓް ހޯދާފައިވާ އިރު، އެޓީމު އޮތީ ފަސްވަނައިގައެވެ. ހަތަރު ވަނައިގައި މިވަގުތު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. އެޓީމަށް 16 މެޗުން 32 ޕޮއިންޓް ލިބިފައިވާ އިރު، ލިވަޕޫލުން މިރޭ ބްރެންޓްފޯޑް ބަލިކޮށްފިނަމަ، ޓޮޓެންހަމް ހަވަަނައަށް ވެއްޓި، ލިވަޕޫލަށް ފަސްވަނައަށް އެރޭނެއެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، މެޗުގެ 50 ވަނަ މިނިޓްގައި އެމީ ބުއެންޑީއާ ޖެހި ގޯލުން، ވިލާ ލީޑު ނެގިއެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ އޮލީ ވޮޓްކިންސްއެވެ.
ދެވަނަ ހާފުގައި ރަނގަޅަށް ކުޅުނު ވިލާއިން ޓޮޓެންހަމްގެ ފަހަތުން ހަދަމުންދިޔަ ގޯސްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަމުން ގޮސް، މެޗުގެ 73 ވަނަ މިނެޓުގައި ލީޑު ފުޅާކުރިއެވެ. އެ ގޯލް ޖަހައިދިނީ ޑަގްލަސް ލުއިޒްއެވެ.
ކުރިން އާސެނަލަށް ކޯޗުކަން ކޮށްދިން އުނާއި އެމެރީ ވިލާގެ ކޯޗުކަމާ ހަވާލުވިފަހުން އެޓީމު ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ މޮޅުވެފައެވެ.
ޗެލްސީއާއި ފޮރެސްޓް، ފޮރެސްޓް ދަނޑުގައި ކުޅުނު މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.
ޗެލްސީ ރޭގެ މެޗުން އެއްވަރުވުމާއެކު އެޓީމު އޮތީ ތާވަލުގެ އަށްވަނައިގައެވެ. އެއީ 16 މެޗުން 25 ޕޮއިންޓާ އެކުގައެވެ. ޗެލްސީ އަތުން ހޯދި ޕޮއިންޓާއެކު ފޮރެސްޓް އޮތީ، ލީގު ތާވަލުގެ 18 ވަނައިގައެވެ. އޮތީ 17 މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗުގައި ޗެލްސީން ވަނީ ރަނގަޅަށް ފަށައި، 16 ވަނަ މިނިޓްގައި ލީޑު ނަގައިފައެވެ. އޭރިއާތެރެއިން ލިބުނު ބޯޅައަކުން ރަހީމް ސްޓާލިން ޗެލްސީއަށް ލީޑު ނަގައިދިން އިރު، ދެވަނަ ހާފަށް ނުކުމެ، މެޗުގެ 63 ވަނަ މިނިޓްގައި ފޮރެސްޓުން ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލް ޖަހައިދިނީ ސާޖް އޯރިއޭއެވެ.
ޗެލްސީން މޮޅުވާން ކުރި މަސައްކަތުގައި ހަކީން ޒިޔަޗާއި ޕިއޭ-އެމެރިކް އޮބަމަޔާންވެސް މަސައްކަތްތަކެއް ކުރި އިރު، އެޓީމަށް ތިން ޕޮއިންޓެއް ނުހޯދުނެވެ.
ޗެލްސީގެ ކޯޗުކަމާ ގްރަހަމް ޕޮޓާ ހަވާލުވެ ކުޅުނު ފުރަތަމަ ތިން މެޗުން މޮޅުވި ނަމަވެސް ދެން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު