ކުދި ކުދި ރަށްރަށުގައި ކޮންމެ ގެޔަކުން ތިން ހަތަރު ކޭބަލް ފެނުމުން ހިތަށް އަރައެވެ. މީ ހަމަ މިކަން ކުރެވެން އޮތް ހަމައެކަނި ގޮތްބާވައެވެ؟ ކައުންސިލްތަކުން ހުއްދަ ދީގެން މަގުތައް ކޮނެގެން ކޭބަލް ޓީވީ، އިންޓަނެޓް ކޭބަލް، އަދި ނުވިތާކަށް ފޯނު ކޭބަލްވެސް އެދަނީ ގެ ތަކަށް ވައްދަމުންނެވެ. ޖަޒީރާ ރަށްފުށުގެ ރީތި މަގުތަކާއި ގެތަކުގެ ތެރެއިން މަކުނުވާ ފުރާ އުސޫލުން އެކި އެކި ކޭބަލްތައް އެކި ގޮތްގޮތަށް އެކި ކޮޅުކޮޅަށް ގެންގޮސްފައި ހުރުުމުން ދެރަވެއެވެ. މަންޒަރުވެސް ވަރަށް ހުތުރެވެ. ހިތަށްއަރައެވެ. ހިޔާ ފުލެޓްތަކުގައި އެންމެ ކޭބަލެއް އަޅައިގެން ހުރިހާ ހިދުމަތެއް ދޭކަން ހަމަ ނޭގެނީ ބާވައެވެ! ނުވަތަ ކައުންސިލަރުންގެ ފަރާތުން ޒަމާނީ ވިސްނުން ގަސްތުގައި ފޮރުވައިގެން ނޭނގޭ ކަމަށް ހަދައިގެން ތިބެނީ ބާވައެވެ.

މީ ޓެކްނޮލޮޖީގެ ރަން ޒަމާނެވެ. ގައުމުގެ މިސްރާބު ހުރީ ޑިޖިޓަލް ދުނިޔޭގެ ހުރިހާ ފޮނިމީރުކަމެއް ދިވެހިންނާއި ހަމައަށް ގެނެސްދިނުމަށެެވެ. ޑިޖިޓަލް އައިޑީކާޑާއި އެކިއެކި ޕޯޓަލްތަކާއި އެކު އީޕާސް ބޭނުން ކޮށްގެން ހުރިހާ ކަމެއް ކުރެވޭނެ މަގު އެ އަންނަނީ ރައްޔިތުންގެ އަތުގައި އޮންނަ މޯބައިލްފޯނާއި ހަމައަށް ގެނެސްދެމުންނެވެ. ކޭބަލް ތަކާއި ކަރުދާސްތަކުގެ ޒަމާން މިވަނީ މާޒީއަށް ގޮސްފައެވެ.

އެހެން ނަމަވެސް ރާއްޖޭގެ ރަށްތަކުން އަދިވެސް ފެންނަނީ އެހެން މަންޒަރެކެވެ. މަގުތައް ކޮނެގެން އެކި އެކި ކޭބަލްތައް ގެތަކަށް ވައްދާތަނެވެ. ދޮގެއް ނުކުރަމެވެ. ޓެކްނޮލޮޖީގެ މި ޖީލުގައިވެސް އަދިވެސް ހުރިހާ ކޭބަލެއް ދޫކޮށްލެވޭކަށް ނެތެވެ. އެހެން ނަމަވެސް އެންމެ ކޭބަލްކޮޅަކުން ފުދޭނެއެވެ.

ސުމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށް އެޗްޑީސީން އެކުރާ ހުރިހާ ކަމެއް ކުދި ރަށްރަށުގައި ނުކުރެވުނަސް ކައުންސިލްގެ ކޮންޓުރޯލް އޮން ފައިބަރ ނެޓްވޯކެއް ރަށުގައި އެޅުމަކީ މިއަދު ނުވާވަރުގެ ކަމެއް ނޫނެވެ. އެ ކިޔާ އޯޕަން އެކްސެސް ނެޓްވޯކެވެ. އަމިއްލަ، ކުދި ކުދި ކުންފުނިތަކުން ފައިބަރ ނެޓްވޯކް ކޮޅުތައް ހުރިހާ ގެޔަކަށް އެ ވައްދަނީ ކައުންސިލްގެ ބައިވެރިވުމެއްނެތިއެވެ. އެ ކޭބަލް ކައުންސިލް ބައިވެރިވެގެން ކައުންސިލާ ގުޅިގެން ވައްދާނަމަ އެންމެ ކޭބަލަކުން ހުރިހާ ކަމެއް ކުރެވޭނެ މަގު އެ ލިބުނީއެވެ.

ކުދި ރަށްރަށުގައި ފައިބަރ ނެޓްވޯކް އަޅަމުން އަންނަ ދިރާގު އަދި އުރީދޫގެ އިތުރުންވެސް އެހެން ކުންފުނިތައް އެބަ އުޅެއެވެ. ކައުންސިލްގެ ބައިވެރިވުން އޮންނަ ނެޓްވޯކެއް ރަށުގައި މިހާރު ނޭޅެންވީ އެއްވެސް ސަބަބެއް ނެތެވެ.

ކައުންސިލް ތަކަށް ގާނޫނުތަކުން އެފުރުސަތު އެ އޮތީ ދީފައެވެ. އަމިއްލަ ކުންފުނި ހެދެއެވެ. ވިޔަފާރި ކުރާކަށް ހުރަހެއް ނެތެވެ. ހަމަ އެކަނި ބިމުކުލި އަދި ވެހިކަލްތަކުގެ ފީން ލިބޭ އާންމުދަނީއަށް ވުރެ ބޮޑު އަދި ފައިދާ ހުންނާނެއެވެ. އެތަކެއް ހިދުމަތެއް ކައުންސިލްތަކަށް މިހާރުވެސް ދެވެން އެބައޮތެވެ. ރަށުގެ ގެތަކަށް އަޅާ ނެޓްވޯކަކީ ކައުންސިލްގެ ބާރު ހިނގާ އެއްޗެއް ކަމުގައި ހެދުމުން އިންޓަނެޓާއި ފޯނުގެ ހިދުމަތް ދޭން ބޭނުން ކޮންމެ ބަޔަކަށް އެ ނެޓްވޯކްގެ ތެރެއިން ހަަމަހަމަ ފުރުސަތުވެސް ދެވޭނެއެވެ. ކައުންސިލަށް އިތުރު އާންމުދަނީއެއްވެސް ހޯދޭނެއެވެ.

އޯޕަން އެކްސެސް ނުވަތަ އެއް ކޭބަލްގެ ތެރެއިން އެކި އޮޕަރޭޓަރުންނަށް ހިދުމަތްފޯރުކޮށްދެވޭ ނެޓްވޯކެއް އެޅުމަކީ ތިޔަ ހީކުރާހާ އަގުވެސް ބޮޑު ކަމެއް ނޫނެވެ. ބަޔަކު އެކަން ކޮށްފާނެތީ އަގުބޮޑު، ހިންގަން އުނދަގޫ އެއްޗެއްކަމަށް ހެދިޔަސް މިއީ ޓެކްނޮލޮޖީއަށް އަހުލުވެރި ރައްޔިތުން ބަލައިގަންނަ، ފަސޭހަ، އަގުވެސް ބޮޑު ނޫން ހިދުމަތަކަށް ހެދިދާނެވެ. ކައުންސިލްތަކަށް ބޭނުންވަނީ ޓެކްނޮލޮޖީއަށް ފަހި ވިސްނުމެކެވެ. މުޅިރަށުގައި ތިން ހަތަރު ކޭބަލް ދަމާނެ ކަމެއް ނެތެވެ. ކައުންސިލްގެ ކުޑަ ކޮޓަރިއެއްގައި މި ހިދުމަތް ދެވޭނެ ސެޓަޕް މިހާރު ހެދެން އެބަހުއްޓެވެ.

ސުމާޓް ސިޓީ އަކަށް ހުޅުމާލެ ހެދޭނަމަ ސުމާޓް ރަށަކަށް ތިޔަ ރަށް ނުހެދެންވީ އެއްވެސް ސަބަބެއް ނެތެވެ.