އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ވުލްވްސް ކައިރިން މޮޅުވި އިރު، އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން އެވަޓަން ކައިރިން އެއްވަރުވެއްޖެއެވެ.
މިއަދު ހަވީރު ޔުނައިޓެޑުން ރަށުން ބޭރުގައި ވުލްވްސް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ޕްރިމިއާ ލީގުގެ މި ހަފުތާ މެޗުތައް ފެށުމުގެ ކުރިން ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ހަނދާނުގައި ހާއްސަ ކަންތައްތަކެއް ކުރަމުން ގެންދާ އިރު، މިރޭގެ މެޗުތަކުގެ ކުރިންވެސް ޕެލޭގެ ހަނދާން އާކޮށްފައިވެއެވެ.
މިއަދުގެ މެޗަށް ނެރުނު ފުރަތަމަ 11 ގައި ފޯމުގައި ހުރި މާކަސް ރަޝްފޯޑް، ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގު ބޭނުން ކޮށްފައެއް ނުވެއެވެ. ކޯޗު ޓެން ހާގު މެޗުގެ ކުރިން ބުނީ ރަޝްފޯޑް ފުރަތަމަ 11 ގައި ނުހިމެނީ އަދަބެއް ދިނުމަށް ކަމަށެވެ. ރަޝްފޯޑު ވަނީ މެޗަށްފަހު އޭނާއަށް އަދަބު ލިބުނު ސަބަބު ކިޔައިދީފައެވެ. ރަޝްފޯޑް ބުނީ އޭނާއަށް ކޯޗު ޓެން ހާގު އަދަބު ދިނީ، ނިދާ ނުހޭލެވި، ޓީމު މީޓިންއަށް ގަޑި ޖެހުމުން ކަމަށެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް އެންމެ އެކަށީގެންވާ ހަމަލާތަކެއް ފެނިފައި ނުވާއިރު، އެންމެ އެކަށޭނެ ފުރުސަތެއް ލިބުނީ އަލެހާންޑްރޯ ގާނާޗޯއަށެވެ. އޭނާ ފޮނުވާލި ހަމަލާ މަތަކުރީ ވުލްވްސްގެ ގޯލްކީޕަރު ޖޯސޭ ސާއެވެ.
ދެވަނަ ހާފަށް ނުކުމެ، މެޗުގެ 76 ވަނަ މިނެޓުގައި ރަޝްފޯޑް ޔުނައިޓެޑަށް ލީޑު ނަގައިދިނީ ބްރޫނޯ ފެނާންޑޭޒްއާއެކު ވަން ޓޫއެއް ހަދައި ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. މެޗު ނިމެން ދަނިކޮށް ވުލްވްސްގެ ރައުލް ހިމަނޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާ މަތަކޮށް ޔުނައިޓެޑަށް މޮޅު ޔަގީންކޮށްދިނީ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާއެވެ.
ރޭގެ މެޗުގެ ނަތީޖާއާއެކު ވުލްވްސް ރެލިގޭޝަން ޒޯނުގައި އޮތްއިރު، ޔުނައިޓެޑް ވަނީ ހަތަރު ވަނައަށް ޖެހިލައިފައެވެ. އެއީ 16 މެޗުން 32 ޕޮއިންޓާއެކުގައެވެ. ފަސްވަނައަށް ވެއްޓުނު ޓޮޓެންހަމްއަށް 16 މެޗުން 30 ޕޮއިންޓް ލިބިފައިވާ އިރު، މިރޭ ލީޑްސް ކައިރިން ގޯލެއް ނުޖެހި އެއްވަރުވި ނިއުކާސަލް ޔުނައިޓެޑް ތިންވަނައިގައި އޮތީ 17 މެޗުން 34 ޕޮއިންޓާއެކުގައެވެ.
ސިޓީއާއި އެވަޓަން އެއްވަރުވި މެޗު ފޯރި ގަދަކޮށް ފެނުނު އިރު، ފުރަތަމަ ހާފުގައިވެސް ފަސް ރީނދޫ ކާޑު ފެނިގެން ގޮސްފައިވެއެވެ. ފުރަތަމަ ކޮޅުގައި އެވަޓަންގެ ބެން ގޮޑްފްރޭ ކުރި ފައުލަކުން ސިޓީ ފޯވަޑް އާލަން ބްރައުޓް ހާލަންޑަށް އަނިޔާވެ ފަރުވާ ދޭން ޖެހިފައިވާ އިރު، 24 ވަނަ މިނެޓުގައި ހާލަންޑް މި ސީޒަނުގެ 21 ވަނަ ގޯލް ޖެހިއެވެ.
ރީތި ކުޅުމަކާއެކު ރިޔާދު މަހަރޭޒް ތަނަވަސްކޮށްދިން ފުރުސަތާއެކު ހާލަންޑް ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައި ލީޑު ނަގައިދިން އިރު، ހަމަލާތައް އިތުރަށް އުފެއްދީވެސް ސިޓީންނެވެ. އެ ޓީމުން ހަމަލާތައް އުފެއްދި ނަމަވެސް ދެވަނަ ހާފަށް ނުކުމެ އެވަޓަންއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ސިޓީގެ ރޮޑްރީ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި، އެވަޓަންއިން ލީޑު ނެގީ ޑެމާރީ ގްރޭ ޖެހި ހިތްގައިމު ގޯލުންނެވެ. ސިޓީން އަލުން ލީޑު ނަގަން މެޗުގެ އިތުރު ވަގުތުގައިވެސް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މެޗުގައި އިތުރު ގޯލެއް ފެނިގެން ނުދިޔައެވެ.
ސިޓީން މި ވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އެއީ 16 މެޗުން 36 ޕޮއިންޓާ އެކުގައެވެ. އެއްވަނައިގައި އޮތް އާސެނަލް މި ވަގުތު ކުޅެމުންދާ އިރު، އެ ޓީމަށް ވަނީ 15 މެޗުން 40 ޕޮއިންޓް ލިބިފައެވެ. މިރޭ ބްރައިޓަން ކައިރިން އާސެނަލް މޮޅުވެއްޖެ ނަމަ، އެ ޓީމަށް ހަތް ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.
އެވަޓަން އޮތީ ތާވަލުގެ 16 ވަނައިގައެވެ. އެއީ 17 މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު