ބައިނަލްއަގުވާމީ ކުޅިވަރުގެ ބޮޑު އަހަރަކަށް ނިމެންދާ އަހަރު ވާނެ ކަމަށް މާކުރިންވެސް އޮތީ ބެލެވިފައެވެ. އެކަން ގުޅިފައި އޮތީ ފީފާ ވޯލްޑް ކަޕާއެވެ. ބައިނަލްއަގުވާމީ ކުޅިވަރުގެ އެންމެ ބޮޑު އީދު ވޯލްޑް ކަޕް، ގަތަރުގައި ބޭއްވުން ވެގެން ދިޔައީ ކުޅިވަރަށް އައި އެންމެ ތާރީހީ ވަގުތު ކޮޅަށެވެ. އަހަރު ނިމުމަށް ވޯލްޑް ކަޕް ފީފާއިން ހަމަޖެއްސީ ގަތަރުގެ ފިނި ހޫނުމިނާއި އެހެން ކަންކަމަށްވެސް ބަލައިފަައެވެ. ދިވެހީންނާ އެހާ ގާތަށް ވޯލްޑް ކަޕް އައިސް، އެ ފޯރީގައި ދިވެހީން ވަރަށް ބޮޑަށް ޖެހެންވެސް ޖެހުނެވެ. ހާއްސަކޮށް އާޖެންޓީނާއާއި ލިއޮނަލް މެސީއަށް ވޯލްޑް ކަޕް ލިބުންވީ އެ ފޯރި ރާއްޖޭގައިވެސް ދެމިގެން ދިޔަ ސަބަބަކަށެވެ.
ޔޫރަޕްގެ ލީގުތަކުގެ ފޯރި ނިމިގެންދިޔަ އަހަރުވެސް ފެނިގެން ދިޔައެވެ. ހާއްސަކޮށް ޓްރާންސްފާތަކާއި ޑްރާމާތައް އަހަރު ތެރޭގައި މަދެއް ނޫނެވެ. އިތުރު ކުޅިވަރުތަކަށްވެސް ނަޒަރު ހުއްޓުވާލި އިރު، ޓެނިހާއި ކްރިކެޓްގައިވެސް ބައިނަލްއަގުވާމީ މަޝްރަހުގައި ފެނުނީ ވާދަވެރިކޮށެވެ. އަހަރު ފެށީވެސް ޓެނިހުގެ ޑްރާމާއެއްގެ ތެރެއިންނެވެ. ދުނިޔޭގެ އެއްވަނަ މަގާމުގައި ހުރި ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗް، ކޮވިޑް 19 ގެ ވެކްސިން ނުޖަހައި ހުރުމާއި، ކޮވިޑް ޓެސްޓެއް އޮޅުވާލި ކަމަށް ބުނެ، އޮސްޓްރޭލިއާއިން އޭނާއަށް ވިސާ ނުދީ ޑީޕޯޓް ކޮށްލުމުން، އޮސްޓްރޭލިއަން އޯޕަން އޭނާއަށް ގެއްލުނެވެ.
އޮސްޓްރޭލިއަން އޯޕަންއާއި ފްރެންޗް އޯޕަންވެސް ރަފޭލް ނަޑާލް ކާމިޔާބުކުރުމާއެކު، އޭނާ ޖުމުލަ 22 ގްރޭންޑް ސްލޭމް ހަމަކޮށް، ތާރީހު ލިޔެލާފައިވާ އިރު، ޓެނިހުން އެންމެ ފާހަގަކޮށްލެވުނު ވާހަކައަކީ ރޯޖާ ފެޑެރާގެ ރިޓަޔާމަންޓެވެ. ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ، ރޯޖާ ފެޑެރާ އޭނާގެ ފަހު މެޗު ކުޅެ، އަސަރާއެކު ކޯޓަށް އަލްވަދާއު ކިޔައިފައި ވަނީ ލަވޭ ކަޕްގައެވެ. ނަޑާލްއާއެކު ފެޑެރާ ކުޅުނު އެމެޗު ނިންމާލި ކަރުނައާއެކު އަސަރު ގަދަ އަލްވަދާއެއް ކިޔައިފައެވެ.
ދުނިޔޭގެ ޓީ20 ޗެމްޕިއަންކަން އިންގްލެންޑުން ހޯދާފައިވާ އިރު، އޭޝިއާ ކްރިކެޓް ކާމިޔާބުކުރީ ސްރީ ލަންކާއެވެ. އެ ކާމިޔާބީއަކީ ސްރީ ލަންކާއަށް ހާއްސަވީ ކާމިޔާބީއެކެވެ. ލަންކާގެ އިގުތިސާދީ ހާލަތާއެކު އެގައުމަށް މާޔޫސްކަން ބޮޑު އަހަރަކަށް މި އަހަރު ވެގެން ގޮސްފައިވާ އިރު، އެ ތަށި ވެގެންދަނީ ކުޅިވަރުން ލިބުނު ހިނިތުންވުމުގެ ވަގުތު ކޮޅަކަށެވެ.
ކޮންމެ އަހަރަކުވެސް ބައިނަލްއަގުވާމީ ފުޓުބޯޅައިގައި އެންމެ ބޮޑަށް ލޯތައް އަމާޒުވާ އެއް ކަމަކީ ފުޓުބޯޅަ ޓްރާންސްފާތަކެވެ. ކްލަބުތަކުގެ ހާލަތެވެ. ކްލަބުތަކުގެ ފައިސާގެ ކަންކަން ހިނގާ ގޮތެވެ. މި ނިމެންދާ އަހަރަކީވެސް ކްލަބުތަކުގެ ފައިސާއާ ގުޅުން ހުރި ކަންކަމުގެ އިތުރުން ޓްރާންސްފާތަކުގައި ބޮޑެތި ހަބަރުތަކެއް ފެންމަތިވި އަހަރެކެވެ. އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓުނު އެއް ކަމަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މި ސީޒަނަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ އެރިކް ޓެން ހާގު ހަވާލުވެފައިވާ އިރު، އޭނާއާ ރޮނާލްޑޯއާ ސީޒަންގެ ކުރިން ގުޅުން ގޯސްވިއެވެ. ޕްރި ސީޒަން ޓުއާގައިވެސް ރޮނާލްޑޯ ބައިވެރިނުވުމާއެކު، ޓެން ހާގު އޭނާ ބެންޗް ކުރިއެވެ. އެކަމުގައި ނުރުހުންވެސް ވޯލްޑް ކަޕަށް ލީގުތަކުން ހުއްޓާލި ހުއްޓާލުމާއެކު ރޮނާލްޑޯގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.
ވޯލްޑް ކަޕަށް ދެތިން ދުވަހަށް ވެފައިވަނިކޮށް ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ބަހުގެ ހަމަލާތައް އަމާޒުކޮށް، ވަރުގަދަ އިންޓަވިއުއެއް ދީފައެވެ. ރޮނާލްޑޯ އިންޓަވިއު ދީފައިވަނީ މަޝްހޫރު ނޫސްވެރިޔާ އަދި ޓީވީ ހޯސްޓް ޕިއާސް މޯގަންގެ ހާއްސަ ޕްރޮގުރާމަކަށެވެ.
އެ އިންޓަވިއުގައި ޔުނައިޓެޑްގެ ބޯޑަށާއި ކޯޗުންނަށްވެސް ރޮނާލްޑޯ ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. އެ ހިސާބުން ދެން އިވުނީ ޔުނައިޓެޑާއި ރޮނާލްޑޯ ވެފައިވާ އެއްބަސްވުން އުވާލި ވާހަކައެވެ. ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ ނޮވެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެކަމާ ގުޅިގެން ރޮނާލްޑޯ ނެރުނު ބަޔާނެއްގައި ބުނީ ދެ ފަރާތުން ވާހަކަދެކެވި އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށާއި އަބަދުވެސް ޔުނައިޓެޑާއި އެ ކްލަބުގެ ސަޕޯޓަރުން ދެކެވާ ލޯބި ހިތު ތެރޭގައި އޮންނާނެ ކަމަށެވެ.
އެއްބަސްވުން އުވާލައި، ފްރީ އެޖެންޓެއް ގޮތުގައި ހުރި ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯ އަހަރު ނިންމާލީ 200 މިލިއަން ޔޫރޯ ޖެހޭނެ އެއްބަސްވުމެއްގައި ސައުދީގެ އަލް ނަސްރާއެކު ސޮއިކޮށްގެންނެވެ.
އެ ހުރިހާ ޓްރާންސްފާތަކެއްގެ ތެރެއިންވެސް އެންމެ ބޮޑަށް މަންޒަރު ބަދަލުކޮށްލީ ކިލިއަން އެމްބާޕޭއެވެ. މި ސީޒަނުގެ ނިޔަލަށް ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތް އިރު، ބެލެވިފައި އޮތީ އޭނާ ރެއާލަށް ބަދަލުވާނެ ކަމަށެވެ. ހާއްސަކޮށް އެންމެފަހުން ނިމިދިޔަ ޓްރާންސްފާ ސީޒަނުގައިވެސް އެމްބާޕޭ އަމިއްލައަށް ބޭނުންވެ، ރެއާލަށް ދާން ޕީއެސްޖީ ކިބައިން އެދިފައިވުމުން އެކަމަށް ގިނަ ބަޔަކު ދިޔައީ އިންތިޒާރުވެސް ކުރަމުންނެވެ.
އެ އިންތިޒާރަށް މަޑުކޮށްގެން ތިއްބައި، އެމްބާޕޭ ވިސްނީ ޕީއެސްޖީއާއެކު އާ އެއްބަސްވުމެއްގައި ސޮއިކުރުމަށެވެ. ބޮޑު މުސާރައަކަށެވެ. އެ "ދޯކާ"އާއެކު ރެއާލް ރުޅިގަދަވެ، ޕީއެސްޖީއާ ދެމެދު ބަހުގެ ހަމަލާތައްވެސް ބަދަލުކުރިއެވެ. އެ މައްސަލަ ބަލަން ރެއާލުން ޔޫއެފާގައިވެސް އެދުނެވެ. ޕީއެސްޖީ ފައިނޭންޝަލް ފެއާޕްލޭއާ ހިލާފުވި ކަމަށްވެސް ބުންޏެވެ.
އެމްބާޕޭ އެވަރުން މަޑުކޮށް، ފަހުން ޕީއެސްޖީއާ މައްސަލަތަކެއް ޖެހި ކްލަބު ދޫކޮށްލަން އުޅުނު ނަމަވެސް، އެކަން ވަނީ ހައްލުކޮށްފައެވެ.
ނިމިގެންދިޔަ އަހަރުގެ މާޗު މަހު ތެރޭގައި ފުޓުބޯޅައިގައިވެސް އޮތް އެންމެ ބޮޑު ވާހަކައަކަށްވީ ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ވާހަކައެވެ. އެ ހަނގުރާމައިގެ ތެރެއިން ގޮސް، ފުޓުބޯޅައަށް އެކަން ވައްދައި، ހުޅަނގުން ރަޝިއާ ކުޅިވަރުން ބާކީކޮށްލިއެވެ. މުޅި ކުޅިވަރުގެ ތެރެއަށް ހަނގުރާމައިގެ ސިޔާސީ ކަންކަން ވައްދައި، މިއިން ދުވަހަކު ނުހިންގާ ވަރުގެ ބޮޑެތި ޕްރޮޕެގެންޑާ ކެމްޕޭނުތައްވެސް ކުޅިވަރު ތެރެއިން ފެނިގެން ދިޔައެވެ.
ފީފާއާއި ޔޫއެފާއިން މީގެ ކުރިން "ކުޅިވަރު ސިޔާސީ ނުކުރުމަށާއި، ފުޓުބޯޅައަކީ ގައުމުތަކުގެ ދެމެދަށް ބޭނުންކުރާ ސިޔާސީ ހަތިޔާރެއް،" ނޫން ކަމަށް ބުންޏަސް، ރަޝިއާ ޔޫކްރެއިން ހަނގުރާމައާއެކު އެކަން ވަނީ ފަސްދީފިއެވެ. ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅޭ ހުރިހާ ކްލަބުތަކަކުން ކަހަލަ ގޮތަކަށް ޔޫކްރެއިނަށް ހިތްވަރު ދީ، ރަޝިއާއިން ކުރަމުންދާ ހަނގުރާމައަކީ ލާއިންސާނީ ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. "އެންޓި ރަޝިއާ" ގެ ކެމްޕޭނުތަކަށް ބޮޑެތި ލީގުތަކުން ކީ މަރުހަބާއެވެ. އެ ހަރަކާތާއެކު ރަޝިއާ ފުޓުބޯޅައިން ސަސްޕެންޑްކޮށް، ރަޝިއާ ކްލަބުތަކަށް ޔޫރަޕްގެ ފުޓުބޯޅަ ނުކުޅެވޭނެ ގޮތްވެސް ހަދައި، ގައުމީ ޓީމަށް ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ފުރުސަތުވެސް ގެއްލުވާލިއެވެ.
އިނގިރޭސި ލީގުގެ އެންމެ ބޮޑު އެއް ކްލަބު ޗެލްސީގެ ވެރިޔާ، ރަޝިއާ ރައީސް ލަޑީމިއާ ޕުޓިންގެ އަރިސް ބިލިއަނަރު ރޯމަން އަބްރަމޮވިޗަށް އީޔޫގެ ގާނޫނު ހަދާ މަޖިލީހުގައި ބޮޑެތި ތުހުމަތުތަކެއް ކޮށް، އޭނާ އަތުން "ޗެލްސީ އަތުލަން" ޖެހޭކަމަށްވެސް ބުންޏެވެ. އެ ވާހަކަތަކާއެކު އަބްރަމޮވިޗް ފުރަތަމަ މަސައްކަތް ކުރީ ނުވިއްކާލައި ފަރު ޖެހޭތޯއެވެ. ޗެލްސީގެ ހިންގުން އެ ކްލަބުގެ ފައުންޑޭޝަނަށް ދީފައިވެސް ވެއެވެ. އަބްރަމޮވިޗް އަތުން ޗެލްސީ ބީވެ، އެ ކްލަބަށް ވަނީ އުނދަގޫ ހާލަތެއް ކުރިމަތިވެފައެވެ.
އެ ހާލަތުގެ ތެރެއިން އަބްރަމޮވިޗް އޭނާއަށް އެއްވެސް ފައިދާއެއް ނުވާނެހެން ޗެލްސީ ވިއްކާލީ އެމެރިކާގެ ބިލިއަނަރު ޓޮޑް ބޯލީ އިސްވެ ހުރެ އުފެއްދި ހާއްސަ ކޮންސޯޓިއަމަކަށެވެ. ޗެލްސީ ވިއްކާލަން ނިންމާފައި ވަނީ 4.25 ބިލިއަން ޕައުންޑަށެވެ.
ގަތަރުން ގެނެސްދިނީ އެތައް ޒަމާންތަކަކަށް ހަނދާނުގައި ހުންނާނެ ފުރިހަމަ ވޯލްޑް ކަޕެކެވެ. އަހަރުގެ ފަހުކޮޅު މުޅި ރާއްޖެވެސް ޖެހުނީ ވޯލްޑް ކަޕްގެ ޖަޒުބާތުގައެވެ. ހުރިހާ ރަށެއް، ހުރިހާ ގެއެއް، ހުރިހާ އާއިލާއެއް އެކުގައި ވޯލްޑް ކަޕް ފޯރި ފުރިހަމައެއް ނެގި ގަތަރު ވޯލްޑް ކަޕް ރެކޯޑު ފަސް ބިލިއަނާ ގާތް ކުރާ އަދަދަކަށް މީހުން ބެލިއެވެ. ދެ މިލިއަނަށްވުރެ ގިނަ މީހުން ގަތަރަށް ޒިޔާރަތް ކުރިއެވެ.
ޗެމްޕިއަނަކީ އާޖެންޓީނާއެވެ. އެންމެ މޮޅު ކުޅުންތެރިޔަކީ ލިއޮނަލް މެސީއެވެ. އެންމެން ލޯބި ދިން އަނެއް ޓީމަކީ މޮރޮކޯއެވެ. ރަނަރަޕަކީ ފްރާންސެވެ. ތާރީހީ އެތައް ކަމެއް ދަނޑުމަތިން ދައްކުވައިދިން ފައިނަލެކެވެ. ދަނޑު ބޭރުން ގަތަރު ދިނީ ޖަވާބުތަކެކެވެ. ހުޅަނގަށް ސާބިތުކޮށްދިނީ ސާފު އިބާރާތްތަކެކެވެ. ގަތަރު ވޯލްޑް ކަޕް ބެންޗްމާކް ކަނޑަޅައިފިއެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ނަޒަރުގައިވެސް، މިއީ އެންމެ ފުރިހަމަ ވޯލްޑް ކަޕެވެ.
ގަތަރު ވޯލްޑް ކަޕްގެ ކުރިން، ގަތަރަކީ މުސްލިމް ގައުމަކަށްވީތީ އެތައް ގޮތަކުން ފާޑު ކިޔުންތައް އަމާޒުކޮށް، ހުޅަނގުން ގަތަރު ފެއިލްކޮށް އުޅުނު ނަމަވެސް، އެގައުމުން ވޯލްޑް ކަޕްގައި ދޫކޮށްލީ ނަމޫނާ މަންޒަރުތަކެކެވެ. ހާއްސަކޮށް މުސްލިމުންނަށް ހިތްހަމަ ޖެހުނު މަންޒަރުތަކެކެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުވެސް ވީ ތާރީހުގައި އެންމެ "ޝޮކިން" ނަތީޖާތައް ފެނުނު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖަށެވެ. މި ފަހަރުގެ ގްރޫޕް ސްޓޭޖުން ގަދަ ބާރުތަކާ އެހެން ގައުމުތައް އަރައި ހަމަކުރި މަންޒަރު ފެނުނެވެ. އަންދާޒާތަކާ ހިލާފު ނަތީޖާތަކެއް ފެނުނެވެ. ބޮޑެތި ބާރުތަކަށްވެސް ގްރޫޕް ސްޓޭޖު ފަސޭހައެއް ނުވިއެވެ. ގަދަ ބާރުތައް ބަލިވެ، ޗެމްޕިއަނުން އަލްވަދާއުވެސް ކިޔައިފިއެވެ. އެ ކަންކަމުގެ ތެރެއިން މޮރޮކޯ ދައްކާލި މަންޒަރަށް ލޯބި ދެވުނު އިރު، އެންމެ ހާއްސަވީ މެސީ "ގޯޓް"ގެ ބަހުން ނިންމަން ހޯދި އިންތިޒާރުގެ ވޯލްޑް ކަޕް ތަށްޓަށެވެ.
ފޯރިގަދަ ފައިނަލަށްފަހު މެސީ ވޯލްޑް ކަޕް ތަށްޓާއެކު ނަގާފައިވާ ތާރީހީ ފޮޓޯ ހާއްސަވި އެތައް ސަބަބެއް އޮތެވެ. އާޖެންޓީނާއަށް 36 އަހަރަށްފަހު ވޯލްޑް ކަޕް ލިބުންވީ މުޅި ގައުމު މަގުތަކަށް ނުކުމެ އުފާފާޅުކުރި ސަބަބަކަށެވެ.
މީގެ ކުރިން 1978 ވަނަ އަހަރު ޑެނިއެލް ޕަސަރެއްލާއެވެ. އޭގެ ފަހުން 1986 ވަނަ އަހަރު ޑިއޭގޯ މަރަޑޯނާއެވެ. ދެން މިފަހަރު، މެސީއެވެ. ގައުމަށް ތަށި ގެނެސްދިން އެ ކެޕްޓަނުންގެ ލެގަސީ މެސީ އަލުން ލިޔެލިއެވެ. މަރަޑޯނާގެ މޭސްތެރިކަމުން ނެގި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަނދާންތައް ވަނީ ގެނުވައިފައެވެ. މިހާތަނަށް ދުނިޔޭގެ ތާރީހުގައިވެސް ކުޅުންތެރިޔަކު ވޯލްޑް ކަޕެއްގައި ދެއްކި އެންމެ ތަފާތު ކުޅުމާއެކު 1986 ވަނަ އަހަރުގެ ޗެމްޕިއަންކަން އާޖެންޓީނާއަށް ހޯދައިދިނުމުގައި މަރަޑޯނާ ދެއްކި ކުޅުމުގެ ވާހަކަތައް އަދިވެސް ފަނޑުވުމެއް ނެތެވެ. އެ ވާހަކަތަކަށް މިހާރު މެސީގެ ބާބެއްވެސް އިތުރުވާނެއެވެ. މެސީ މި ވޯލްޑް ކަޕްގައި އެކަނި ހަތް ގޯލު ޖެހިއެވެ. އޭގެ ތެރެއިން ފަސް ގޯލަކީ ނޮކްއައުޓް ގޯލުތަކެވެ. މި ވޯލްޑް ކަޕް މެސީ ނެގީ ބަޔަކަށް ޖަވާބުދީ، ސާބިތުކޮށްދީފައެވެ. 2016 ވަނަ އަހަރު ހިތްދަތިކަމުގެ ރިޓަޔާމަންޓްގެ ހަނދާން ފަސްއަޅައި ފޮރުވާލައިފައެވެ.
ކުޅިވަރުގެ ތަރިންނާއި ކުޅިވަރުގެ ލެޖެންޑުން ކޮންމެ އަހަރަކުވެސް ވަކިވެގެންދާނެއެވެ. އެގޮތުން ނިމިގެންދިޔަ އަހަރުގެ މެދު ތެރޭގައި ދުނިޔޭގެ އެންމެ ކުޑަދާނަ އެއް އެޖެންޑް، މިނޯ ރައިއޯލާ ވަކިވެދިޔަ ދިޔުންވެސް ފާހަގަވެފައިވާ އިރު، އޮސްޓްރޭލިއާގެ ލެޖެންޑަރީ ކްރިކެޓް ކުޅުންތެރިޔާ ޝޭން ވާން ވަކިވެގެން ދިޔައީ ހާޓް އެޓޭކެއްގައެވެ. އެ މަރުތަކުގެ ތެރެއިން މުޅި ކުޅިވަރު އާއިލާ ރޮއްވާލި މަރަކަށްވީ ފުޓުބޯޅަ އައިކަން، އެޑްސޮން އަރަންޓޭސް ޑޮ ނަސިމެންޓޯ، ޕެލޭ ވަކިވެގެން ދިޔުމެވެ.
ހުސްފައިގައި ބްރެޒިލް މަގުތަކުން ކެރިއަރު ފަށައި، ބްރެޒިލާއެކު ތިން ވޯލްޑް ކަޕެއް ކާމިޔާބުކުރި ޕެލޭ ވަކިވެގެން ދިޔައީ އުމުރުން 82 އަހަރުގައެވެ. ކެންސަރަށް ފަރުވާ ހޯދަމުންދިޔަތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުންނެވެ.
ކެރިއަރުގައި 1363 މެޗު ކުޅެފައިވާ ޕެލޭ، 1000 އަށްވުރެ ގިނަ ގޯލު ޖަހައި، 92 ހެޓްރިކް ފުރިހަމަކޮށްފައިވެއެވެ. ގައުމީ ޓީމަށް 77 ގޯލު ޕެލޭ ޖަހާފައިވެއެވެ. ޔޫރަޕްގެ އެތައް ކްލަބަކުން ރެކޯޑު އަގުތަކެއް، ރެކޯޑު މުސާރަތަކެއް ހުށަހަޅަމުން ދިޔަ ނަމަވެސް، ޕެލޭ މަޑުކުރީ ސަންޓޯސްގައެވެ. 1956 އިން 1974 ވަނަ އަހަރާ ހަމައަށް ޕެލޭ ސަންޓޯސްއަށް ކުޅެފައިވެއެވެ.
ސަންޓޯސްއާއެކު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕެލޭ ޓުއާކުރީ މެޗުތައް ކުޅުމަށެވެ. ފުޓުބޯޅައިގެ މަންޒަރު ބަދަލުކޮށްލުމަށެވެ. ފުޓުބޯޅައިގެ ހިތްގައިމުކަން ޕެލޭ ދުނިޔެއަށް ދައްކާލީ އެތައް ދަތުރެއް ކޮށްފައެވެ. ޕެލޭގެ ނުފޫޒަކީ ފުޓުބޯޅައިގައި އެންމެ ވަރުގަދަ ނުފޫޒުކަން އޭނާގެ ވަކިވެ ދިޔުމުންވެސް ފެނިގެން ދިޔައެވެ. ކުޅުނު އިރު ނައިޖީރިއާގެ ދާހިލީ ހަނގުރާމައެއް މެދުކެނޑުނު ސަބަބަކަށް ޕެލޭ ވެފައިވީ އިރު، ވަކިވުމާއެކުވެސް ލެޖަސީ ފެނިގެން ދިޔައެވެ. މުޅި ދުނިޔެއިން ދިން ތައުޒިޔާގެ އަސަރުގަދަ މެސެޖުތަކުންނެވެ.
1958، 1962 ވަނަ އަހަރު ވޯލްޑް ކަޕް ޕެލޭ ބްރެޒިލާއެކު ހޯދާފައިވާ އިރު، 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ޕެލޭ ބްރެޒިލާއެކު ކާމިޔާބުކުރިއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ޕެލޭއަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ ހުނަރުވެރި، އަދި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އެންމެ 17 އަހަރުގައި ބްރެޒިލާއެކު ވޯލްޑް ކަޕް ހޯދި، އަދި ތިން ވޯލްޑް ކަޕެއް ހޯދި ހަމައެކަނި ކުޅުންތެރިޔާ ޕެލޭ ވަކިވެގެން ދިޔުމުން އަހަރު ނިމިގެން ދަނީ ކުޅިވަރުގެ ބޮޑު އަހަރެއްގެ ގޮތުގައެވެ.