އުމުރުން 37 އަހަރުގެ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، ސައުދީ އަރަބިއާގެ ފުރަތަމަ ޑިވިޝަން ކްލަބެއް ކަމަށްވާ އަލް ނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ދައްކާލައިފިއެވެ.
މިއަދުގެ ވަގުތެއްގައި ރޮނާލްޑޯގެ ޓީމާއި އަލް ނަސްރުގެ ޓީމެއް ބައްދަލުކޮށް، އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ އިރު، އަލް ނަސްރާއެކު ރޮނާލްޑޯ ސޮއިކޮށްފައި ވަނީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ.
ރޮނާލްޑޯގެ ސޮއި ހޯދައި އަލް ނަސްރުން ބުނެފައި ވަނީ، "ރޮނާލްޑޯގެ ސޮޔާއެކު ކްލަބާއި، ލީގު، އަދި މުޅި ސައުދީ ފުޓުބޯޅައަށް ހެޔޮ އަސަރުކުރާނެ،" ކަމަށާއި، ރޮނާލްޑޯ ގެންދިޔުމަކީ ގައުމުގެ ފުޓުބޯޅައިގެ މުސްތަގުބަލަށް އެޅިގެން ދިޔަ ބިންގަލަކަށް ވާނެކަމަށެވެ.
"މިއީ ތާރީހު ލިޔެވުނު ދުވަހެއް. ރޮނާލްޑޯގެ ސޮޔާއެކު އާވެގެންދާނީ މި ކްލަބުގެ ހިތްވަރު އެކަންޏެއް ނޫން. ކާމިޔާބު ލިބިގެންދާނީ ކްލަބަށް އެކަންޏެއް ނޫން. މިއީ ސައުދީ ލީގާއި، މިއީ މުޅި ގައުމަށްވެސް ހިތްވަރު ލިބިގެންދާނެ ޓްރާންސްފާއެއް. މިއީ ސައުދީގެ މުސްތަގުބަލު އުޖާލާވާނެ ޓްރާންސްފާއެއް. ފުޓުބޯޅައިގައި ކުރިއަށް ވިސްނާ ކޮންމެ އަންހެން އަދި ފިރިހެން ކުއްޖަކަށްވެސް މި ޓްރާންސްފާގެ ސަބަބުން ހިތްވަރު އާވެގެން ދާނެ. ރޮނާލްޑޯގެ އާ ހޯމަށް މަރުހަބާ،" އަލް ނަސްރުން ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވެއެވެ.
ރޮނާލްޑޯ ނަސްރުން އިއުލާންކޮށްފައި ވަނީ އޭނާގެ ރަސްމީ ހަތް ނަންބަރު ޖާޒީއާއެކު ނަގާފައިވާ ފޮޓޯއަކާވެސް އެކުގައެވެ.
ރޮނާލްޑޯ ޕޯޗުގަލްއާއެކު މާޔޫސްކަމުގައި ވޯލްޑް ކަޕް ނިންމާލުމަށްފަހު ޑުބާއީގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ. ޗުއްޓީއަށް ރޮނާލްޑޯ ދިޔައީ ފްރީ އެޖެންޓެއްގެ ގޮތުގައި ހުރެގެންނެވެ. ރޮނާލްޑޯއާއެކު މެންޗެސްޓާ ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އެކަމާ ގުޅިގެން ރޮނާލްޑޯ ނެރުނު ބަޔާނެއްގައި ބުނީ ދެ ފަރާތުން ވާހަކަދެކެވި އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށާއި އަބަދުވެސް ޔުނައިޓެޑާއި އެ ކްލަބުގެ ސަޕޯޓަރުން ދެކެވާ ލޯބި ހިތު ތެރޭގައި އޮންނާނެ ކަމަށެވެ.
ރޮނާލްޑޯ، ޔުނައިޓެޑާއެކު މި ސީޒަނުގެ ފުރަތަމަ ބައި ހޭދަކުރި ނަމަވެސް، އެ ކްލަބާއެކު އެއްބަސްވުން ބާތިލުކުރީ މައްސަލަތަކެއް ދިމާވެގެންނެވެ. ވޯލްޑް ކަޕަށް ދެތިން ދުވަހަށް ވެފައިވަނިކޮށް ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ބަހުގެ ހަމަލާތައް އަމާޒުކޮށް، ވަރުގަދަ އިންޓަވިއުއެއް ދީފައެވެ. ރޮނާލްޑޯ އިންޓަވިއު ދީފައިވަނީ މަޝްހޫރު ޖާނަލިސްޓް އަދި ޓީވީ ހޯސްޓް ޕިއާސް މޯގަންގެ ހާއްސަ ޕްރޮގުރާމަކަށެވެ.
އެ އިންޓަވިއުގައި ޔުނައިޓެޑްގެ ބޯޑަށާއި ކޯޗުންނަށްވެސް ރޮނާލްޑޯ ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ.
އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓްކޮށްފައިވާ ގޮތުން އަލް ނަސްރުން ރޮނާލްޑޯއަށް ހުށަހެޅީ އެންމެ މަދުވެގެން އަހަރަކު އޭނާއަށް 200 މިލިއަން ޔޫރޯ ޖެހޭނެ ބިޑެކެވެ. އެ ބިޑުގައި އެއްބަސްވާން އެދިފައި ވަނީ 2025 ވަނަ އަހަރާ ހަމައަށެވެ.
އެ ބިޑްގެ މުސާރައިގެ ބޮޑު ބައެއް ހިއްސާކުރާ ގޮތަށް އޮތީ ސްޕޮންސާޝިޕް އިތުރު ޑީލްތަކުގެ މައްޗަށެވެ. އަރަބި ނޫސްތަކުން ބުނެފައިވާ ގޮތުގައި އަހަރެއްގެ މައްޗަށް މުސާރައިގެ ގޮތުގައި ރޮނާލްޑޯއަށް ޖެހޭނީ 70 މިލިއަން ޔޫރޯ ކަމަށެވެ.
ކެރިއަރުގައި ފަސް ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯއަކީ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. މިއީ ރޮނާލްޑޯ ފެންވަރުގެ ކުޅުންތެރިޔަކު ސައުދީ ލީގުން ފެންނާނެ ފުރަތަމަ ފަހަރެވެ. އަދި މިއީ އެ ފެންވަރުގެ ތަރިޔަކު އޭޝިއާ ފުޓުބޯޅައިން ފެންނާނެވެސް ފުރަތަމަ ފަހަރެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ