ދެހާސް ސަތާރަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީ މަރާލި ގއ. ދާންދޫ، ގޯލްޑްލީފް/ ހާރިސް އަބްދުލްއަފޫރު މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ފުވައްމުލަކު، ސިޓީ، ހިލްޓަން/ ޔާމިން ރަޝީދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
ދައުލަތުން ވަނީ އެކުށް ޔާމީންގެ މައްޗަށް ސާބިތުކުރުމަށް 11 ސިއްރު ހެކިވެރިއަކާއި 14 ފުލުހެއްގެ ހެކިބަސް، ޕޯސްޓް މޯޓަމް ރިޕޯޓް، ހާރިސް އައިޑެންޓިފައި ކޮށްފައިވާ ފޮޓޯ ސޮފްޓް އަދި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) މަރު ސާބިތުކުރާ ފޯމް ހުށަހަޅައިފައެވެ. ހެކިން ހުށަހަޅަން ދިން ފުރުސަތުގައި ޔާމީންގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.
ކުރިމިނަލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ކުރި ހުކުމުގައި ބުނީ ގަސްދުގެ މަރުގެ ރުކުންތައް ފުރިހަމަވެފައިވޭތޯ ބަލާއިރު، ހާރިސްއަށް ހަމަލާ ދިނުމަށް ޔާމީންގެ އިތުރުން ވެސް ބަޔަކު ބައިވެރިވެފައިވާކަން ދައުލަތުން ހުށަހެޅި ހެކިތަކުން ސާފުވާ ކަމަށެވެ. މައްސަލައިގައި އެހެން މީހުން ހިމެނޭ އިރުވެސް ހަމައެކަނި ޔާމީންގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރުމުން ދިފާއުން އެކަމާ ސުވާލު އުފައްދާ ކަމަށް ހުކުމުގައި ބުންޏެވެ.
"މައްސަލާގައި ދައުލަތުގެ ހެކިންގެ ތެރެއިން ހެކިބަސް ދީފައިވާ އެއްވެސް ހެއްކެއްގެ ހެކިބަހުގައި، ދައުވާ ލިބޭ ފަރާތުން ހެކިވެރިޔާއަށް ހަމަލާ ދެނިކޮށް ފެނިފައިނުވާ ކަމަށް ފާހަގަ ނުކުރެއެވެ. އަދި ދައުވާ ލިބޭ ފަރާތުން އެ ސަރަހައްދުން ފެނިފައިވާ ކަމަށްވެސް ފާހަގަކޮށްފައިނުވެއެވެ،" ހުކުމުގައި ބުންޏެވެ.
ޔާމީން ކުށުގެ ވެށިން ފެނިފައިނުވާތީ ދައުލަތުން ވަނީ ސިއްރު ހެކިވެރިންގެ ބަހަށް ރިއާޔަތް ކުރުމަށް އެދިފައެވެ. އެގޮތުން ދައުލަތުން ވިދާޅުވެފައި ވަނީ ސިއްރު ހެކިވެރިއެއްގެ ހެކިބަހުގައި "ދައުވާލިބޭ ފަރާތުގެ ޖީންސް ކަމަށް ބެލެވޭ ޖީންސް އަކުން ނިޔާވި ފަރާތުގެ ޑީއެންއޭ ފެނިފައިވާ ކަމަށާއި ނިޔާވި ފަރާތަށް ހަމަލާދީފައިވާ ސަރަހައްދުން ފެނުނު ފައިވާނަކުން ދައުވާލިބޭ ފަރާތުގެ ޑީއެންއޭ ފެނިފައިވާ ކަމަށް. އަދި ނިޔާވި ފަރާތަށް ހަމަލާ ދިނުމުގައި ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ އެއާބްލޭޑް ސައިކަލެއް، ދައުވާ ލިބޭ ފަރާތުން ވެސް ދުއްވާ ކަމަށް" ފާހަގަ ކޮށްފައިވާ ކަމަށެވެ.
ނަމަވެސް ދިފާއުން ބުނެފައިވަނީ، ހާރިސް އަކީ ޔާމީނަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ފަރާތެއް ކަމަށާއި އެހެންކަމުން އެ ހާދިސާގެ ތެރޭގައި ހާރިސްގެ ޑީއެންއޭ ޔާމީންގެ ޖީންސަށް ނަގުލުވެދާނެ ކަމަށެވެ. ދައުލަތުން ފާހަގަކުރައްވާ އެ ޑީއެންއޭއަކީ ހާރިސްގެ މަރުގެ މައްސަލައިގައި ނަގާފައިވާ ޑީއެންއޭ ނޫން ކަމަށާއި އެއީ ހާރިސް، ޔާމީނަށް ހަމަލާދިން މައްސަލައިގައި ފުލުހުން ނަގާފައިވާ ޑީއެންއޭއެއް ކަމަށެވެ.
ޔާމީންގެ ގެއިން ފެނުނު ފައިވާނަކީ ބާވެ ގޮޑަށް އެއްލާލާފައިވާ ފައިވާނެއް ކަމަށާއި ހާރިސްއަށް ހަމަލާދިން ސަރަހައްދު ފެނުނު ސައިކަލާއި ޔާމީން ދުއްވާ ސައިކަލުގެ ނަމްބަރު ބޯޑު ތަފާތު ކަމަށް ދިފާއުން ފާހަގަ ކުރިއެވެ.
ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ކޯޓުން ހުކުމްކުރީ ހާރިސްގެ މަރުގެ މައްސަލައިގައި ޔާމީނަށް ކުރާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެކަށީގެންވާ މިންވަރަށް ޝަރީއަތަށް ސާބިތުނުވާ ކަމަށެވެ.
އެގޮތަށް ހުކުމްކުރީ މުޅި އެ މައްސަލައަށް ޖުމްލަކޮށް ބަލާއިރު، ކުށުގެ ސަރަހައްދުން ޔާމީން ފެނުނު ކަމަށް އެއްވެސް ހެކިވެރިއަކު ހެކިބަސް ދީފައިނުވާތީއެވެ. އަދި ސިއްރު ހެކިވެރިންގެ ބަޔާންތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ގާނޫނޫ އަސާސީގައި ނެތުމުންނާއި ޑީއެންއޭ ރިޕޯޓާ ގުޅޭގޮތުން (ސާމްޕަލް ހޯދި ގޮތާ ގުޅޭ ގޮތުން) ދިފާއުން އުފެއްދި ސުވާލުތަކަށް ދައުލަތުން އެކަށީގެންވާ ހުއްޖަތެއް ދެއްކިފައިނުވުމުން ކަމަށް ހުކުމުގައިވެއެވެ.
މި މައްސަލަ ބެއްލެވީ ގާޒީ އާދަމް މުހައްމަދުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު