މަގުމަތީގައި ކުނި ގިނަވެ އާންމުންގެ ޝަކުވާ އިތުރުވަމުންދާތީ ވެމްކޯއިން މާލެ ތެރެ ސާފުކުރަން ނުކުމެއްޖެއެވެ.

މާލޭ ސަރަހައްދުގެ ޕާކުތަކާއި މަގުތަކާއި މައިޒާންތައް އަދި ގަވާއިދާ ހިލާފަށް މަގުމައްޗަށް އަޅާފައިވާ ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި މާލޭ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގެ މުއްދަތު މިދިޔަ އާދިއްތަ ދުވަހު ހަމަވުމުން ސިޓީ ކައުންސިލުން ނިންމީ އެއްބަސްވުން އާ ނުކުރުމަށެވެ. އެހެންވެ ވެމްކޯއިން ވަނީ އެ މަސައްކަތްތައް ކުރުން ހުއްޓާލައިފައެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މަގުތަކުން ކުނި ނެގުމުގެ މަސައްކަތާ ސިޓީ ކައުންސިލުން ހަވާލުވެފައިވާ އިރު، އެ މަސައްކަތް ސިޓީ ކައުންސިލަށް އެކަށީގެންވާ ގޮތެއްގައި ނުކުރެވޭ ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މާލޭ މަގުތަކުން ކުނި ނުނެގި ގިނަވަމުންދާތީ އާންމުންގެ ޝަކުވާ ބޮޑުވެ، ވެމްކޯއިން ވަނީ މިއަދު މަގުތަކުން ކުނި ނަގަން ނުކުމެފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު މިއަދު މީޑިއާތަކަށް ވިދާޅުވީ، އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާގެ ލަފާފުޅުގެ މަތިން ވެމްކޯއިން މިހާރު މާލެ ތެރެ ސާފު ކުރަމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ވެމްކޯއިން މާލެ ސާފުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި. ބައެއްގެ އީގޯއަށް ބެލުމެއްވުރެ މާލޭ ރައްޔިތުންގެ އާންމު ސިއްހަތު މުހިންމު،" ސޯލިހު ވިދާޅުވިއެވެ.

ވެމްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި މާލޭގެ މަގުތަކާއި އާންމު ތަންތަނުގައި ގިނަ އަދަދަކަށް ކުނިވާ ޒާތުގެ ކުންޏާއި އެހެނިހެން ކުނިތައް ޖަމާވެ، އާންމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

"އާންމު ސިއްހަތަށް ނުރައްކާ ވެދާނެ ފަދަ ހާލަތަކަށް ހިނގައިދާނެ ކަމުގެ ބިރު އޮތުމާ ގުޅިގެން މިނިސްޓްރީ އޮފް އެންވައިރްމެޓް ކްލައިމެޓް ޗޭންޗް އެންޑް ޓެކްނޮލޮޖީގެ އިރުޝާދުގެ ދަށުން ވެމްކޯއިން ވަނީ މިއަދު މާލޭގެ މަގުތަކާއި އާންމު ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް ފަށާފައި،" ވެމްކޯއިން ބުންޏެވެ.

ވެމްކޯއިން ބުނީ، އެ ކުންފުނީގެ ހިދުމަތް ހޯދުމަށް ރަޖިސްޓްރީވެފައިވާ އެއްވެސް ފަރާތަކުން ކުނިތައް މަގުމައްޗަށް ނުނެރުމަށް އެދޭ ކަމަށެވެ.

އިއްޔެ ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ، ސިޓީ ކައުންސިލުން މަސައްކަތާ ހަވާލުވީ އެއީ ވަރަށް ފަސޭހަ މަސައްކަތްތަކެއް ކަމަށް ބަލައިގެން ކަމަށާއި ނަމަވެސް މިހާރު ފެންނަނީ އެ މަސައްކަތް ސިޓީ ކައުންސިލަށް ނުކުރެވިގެން އުޅޭ މަންޒަރު ކަމަށެވެ.

"މިއަދު ސިޓީ ކައުންސިލަށް ޔަގީންވެގެން ހިނގައްޖެ މިކަމަކީ ސިޓީ ކައުންސިލުން އެ ހީކުރި ވަރަށްވުރެ މާ ބުރަ ބޮޑު މަސައްކަތެއްކަން. އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ ސިޓީ ކައުންސިލަށް އެކަން ނުކުރެވޭކަމަށް ވަންޏާ ވެމްކޯއާ ހަވާލްކޮށްދެއްވާށޭ،" ސިރާޖު ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ވެމްކޯއިން ރޭ ނަގަން ޖެހޭ ކުނި ނަގާފައި ނުވާތީ ސިޓީ ކައުންސިލުން 22 ޓަނުގެ ކުނި ނަގާފައި ކަމަށެވެ. ގޭބިސީތަކުން މަގުމައްޗަށް ނެރޭ ކުނި ނެގުމަކީ ވެމްކޯގެ ޒިންމާއެއް ކަމަށްވެސް މުއިއްޒު ވިދާޅުވެފައިވެއެވެ.

ސިރާޖު ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒުގެ އެ ވާހަކަތަކަށް ރައްދު ދެއްވައިފައެވެ. ސިރާޖު ވިދާޅުވެފައިވަނީ އެ ވާހަކަތަކަކީ މާލޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ އަދަދު ސިޓީ ކައުންސިލަށް ނޭނގުމުގެ ސަބަބުން ދައްކަވާ ވާހަކަތެއް ކަމަށެވެ.