ޚަބަރު

ޔާމީން ނަން ނެތި ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތު ނުދޭނަން: އަދުރޭ

މުހައްމަދު އިޝާން

ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން ނެތި، ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތު ނުދޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމް 11 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމާ ގުޅިގެން އެ މަނިކުފާނު މިނިވަންކުރުމަށް ގޮވާލައި މިއަދު އިދިކޮޅު ކޯލިޝަނުން ވަނީ ބޮޑު ހިނގާލުމެއް ބާއްވައިފައެވެ.

ހިނގާލުން ބާއްވާފައިވަނީ "ސަބަބުވެރި ހިނގާލުން" ނަމުގައެވެ. އެ ހިނގާލުން ފެށުމުގެ ކުރިން ޕީޕީއެމް އޮފީސް ކުރިމަތީގައި ހުންނަވައި، ހިނގާލުމުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ޔާމީނަށް އޮތް ތާއިދު ހިނގާލުމުގެ ބައިވެރިންގެ އަދަދުން ސާފުވާ ކަމަށާއި އަދި އެކަން އިންޑިއާއަށް ވެސް ސާފުވާނެ ކަމަށެވެ.

އަދުރޭ ވިދާޅުވީ، ޔާމީން ޖަލަށް ލާފައިވަނީ ހަރާން ހުކުމެއް ކޮށްގެން ކަމަށާއި އެ މަނިކުފާނުގެ ބައިވެރިވުމާ ނުލައި 2023 ވަނަ އަހަރު ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތު ނުދޭނެ ކަމަށެވެ.

"އެހެންވެ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ނުދޭންވެގެން ޖަލަށް ލާފައި އެ އޮތީ. ދިވެހިން ބުނީ ޔާމީންގެ ނަން ނެތި ރިޔާސީ އިންތިހާބު ބާއްވަން ފުރުސަތު ނުދޭނަމޭ،" އަދުރޭ ވިދާޅުވިއެވެ.

މިހާރު އޮތް ސަރުކާރަކީ އިންސާފު ވިއްކައިގެން ވެރިކަމަށް އައި ސަރުކާރެއް ނަމަވެސް ޔާމީނަށް އަނިޔާވެރިވަމުންދާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

މި ސަރުކާރުން ޔާމީން އެންމެ ފުރަތަމަ ޖަލަށްލާފައިވަނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށް ދިމާކޮށް ކަމަށާއި މިފަހަރު ޖަލަށްލާފައިވަނީ ރިޔާސީ އިންތިހާބާ ދިމާކޮށް ކަމަށެވެ. މި ސަރުކާރުން ރައީސް ޔާމީންދެކެ ބިރު ގަންނަ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ދިވެހި ގައުމުގެ މިނިވަންކަން އިންޑިއާއަށް ވިއްކާލުމުން އެކަމާ ދެކޮޅަށް ނުކުއްނެވި ހަމައެކަނި ސިޔާސީ ލީޑަރަކީ ޔާމީން ކަމަށެވެ. ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލުގެ ދިފާއުގައި ޔާމީން ނުކުންނެވުމުން އިންޑިއާއާ ގުޅިގެން މި ސަރުކާރުން ޔާމީނަށް ދެމުންގެންދާ އަނިޔާތަކަށް މާފު ނުކުރައްވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ މީހުން މިއަދުގެ ހިނގާލުމުގައި ބައިވެރިވެފައިވާ އިރު، އިދިކޮޅު ކޯލިޝަންގެ ލީޑަރުން ތިއްބެވީ ހިނގާލުމުގެ ކުރީ ސަފުގައި "ހަރާން ހުކުމް ބާތިލުކުރޭ، ރައީސް ޔާމީން މިނިވަންކުރޭ" ލިޔެފައިވާ ބެނާތައް ހިފަހައްޓައިގެންނެވެ. ހިނގާލުމުގެ ބައިވެރިން ތިބީ މޭމަތީގައި ޔާމީން މިނިވަން ކުރަން ލިޔެފައިވާ ކަޅު ކުލައިގެ ޓީޝާޓެއް ލައިގެންނެވެ.

މިއަދުގެ ހިނގާލުން ބޭއްވުމަށް ފުލުހުން ވަނީ އިދިކޮޅު ކޯލިޝަނަށް ހުއްދަވެސް ދީފައެވެ. ހިނގާލުން ކުރިއަށް ގެންދިޔުމަށް ފުރުސަތު ދިނުމުގެ ގޮތުން ފުލުހުން ވަނީ ހިނގާލުން ކުރިއަށްދާ ސަރަހައްދުތަކުގެ ޓްރެފިކް ބަލަހައްޓައިފައެވެ.