ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އަނިޔާވެ، އުމުރުން 25 އަހަރުގެ އިންޑިއާގެ ވިކެޓްކީޕަރު ރިޝާބް ޕާންޓަށް ފަރުވާ ދޭން ފަށައިފިއެވެ.
އިންޑިއާގެ ފުލުހުންނާ ހަވާލައިދީ ނޫސްތަކުން ބުނެފައި ވަނީ ރިޝާބްގެ ކާރު އެކްސިޑެންޓް ވެފައި ވަނީ އޭނާގެ އުފަން އަވަށް، ރޫރްކީގެ ކައިރިން ކަމަށެވެ. އެއީ އުއްތަރަހާންދް ސްޓޭޓްގެ އަވަށެވެ. ރިޝާބްގެ ކާރު ފެނިފައި ވަނީ މަންގަލައުރާއި ނުރްސާންއާ ދެމެދުގެ ހިސާބަކުންނެވެ. ފުލުހުން ބުނެފައި ވަނީ ރިޝާބް ދުއްވަން އިންދައި އޭނާއަށް ނިދިގެން ކާރު ހައިވޭގެ ކައިރި ފަށުގައި ޖެހި، މައިތިރިވެފައި ވަނީ ދެފަހަރަށް ފުރޮޅާލައިގެން ކަމަށެވެ. އަދި ކާރު އޮތީ އަލިފާން ހިނފައިގެން އަދައި ހުލިވެސް ވެފައެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ރިޝާބްގެ ބޮލަށާއި ފައިގެ އިތުރުން ބުރަކަށްޓަށްވެސް އަނިތާއް ލިބިފައިވެއެވެ. ރިޝާބަށް ފުރަތަމަ ފަރުވާ ދީފައި ވަނީ ރޫރްކީގެ ހޮސްޕިޓަލެއްގައެވެ. މިހާރު އިތުރު ފަރުވާއަށް ރިޝާބް ވަނީ ދެގަރަދޫންގެ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ.
ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިޝާބްގެ ހާލަތު ރަނގަޅު ނޫން ނަމަވެސް މިވަގުތަށް ސްޓޭބަލް ކަމަށެވެ. އެ އިދާރާއިން ބުނީ ރިޝާބް ދަނީ މިވަގުތުވެސް ސްކޭންތައް ހަދައި، އިތުރު ފަރުވާތައް ހޯދަމުން ކަމަށެވެ.
ބީސީސީއައިގެ ސެކްރެޓަރީ ޖޭ ޝާހް ވިދާޅުވީ ރިޝާބްގެ އާއިލާއާ ވާހަކަ ދެކެވި، ޑޮކްޓަރުންނާވެސް ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އަދި ރިޝާބްގެ ހާލަތު ބީސީސީއައިއިން ގާތުން ބަލަމުންދާނެ ކަމަށްވެސް ޝާހް ވިދާޅުވިއެވެ.
ރިޝާބް މިވަގުތު ކުޅެމުންދާ ކްލަބު، އައިޕީއެލްގެ ދިއްލީ ކެޕިޓަލްސްގެ ހެޑް ކޯޗް، އޮސްޓްރޭލިއާގެ ކުރީގެ ކްރިކެޓް ކެޕްޓަން ރިކީ ޕޮއިންޓިން ބުނެފައި ވަނީ ރިޝާބަށް އަވަސް ޝިފާއަކަށް އެދޭ ކަމަށާއި އެނބުރި އަންނަން ހުރިހާ އެހީތެރިކަމެއް ދޭނެ ކަމަށެވެ.
ރިޝާބް ވަނީ އިންޑިއާ ގައުމީ ޓީމަށް 33 ޓެސްޓް މެޗާއި، 30 ވަން ޑޭ އިންޓަނޭޝަނަލް މެޗު، އަދި 66 ޓީ20 މެޗު ކުޅެދީފައެވެ. ބަންގްލަދޭޝްގައި މިމަހު އިންޑިއާއިން ކުޅުނު ޓެސްޓް ސީރީސްގައިވެސް ރިޝާބް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. ފުރަތަމަ އިނިންގައި އިންގްލެންޑަށް އެންމެ ގިނަ ލަނޑު ހަދައިދިން ކުޅުންތެރިޔަކީވެސް އޭނާއެވެ. އެއީ 93 ލަނޑެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް