އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވާ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންނުވާ ކަމަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި މިރޭ ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، މާލޭގެ ވަރަށް ގިނަ ރައްޔިތުން ބައްދަލުވާ އިރު، ނަޝީދު އެ އުޅުއްވަނީ ކޯއްޗެއް މަދުވެގެންތޯ އެމީހުން ސުވާލުކުރައްވާ ކަމަށެވެ. އެމްޑީޕީގެ ރައީސް އަދި ދައުލަތުގެ ތިން ބާރުގެ އެއް ބާރުގެ ވެރިއަކަށް ހުންނެވީ ނަޝީދު ކަމަށާއި އެހެންކަމުން ރަނގަޅަށް ހިނގަމުންދާ ސަރުކާރަކާ ޖައްސާލައިގެން ނަޝީދު އެ އުޅުއްވަނީ ކީއްވެތޯ ވެސް މީހުން ސުވާލުކުރާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
"އަޅުގަނޑަކީ ގިނަފަހަރު އޮޕޮޒިޝަނަށް ފޯރީގައި އެއްޗެހި ގޮވާލާ ހިތްވާ ބޭފުޅެއް. އަދި ދެންމެ މޫކޭ (އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު) ވެސް ވިދާޅުވިހެން ޕާޓީގެ މަންމައޭ އެހެން ކިޔާ އިރު، ޕާޓީގެ އެތެރޭގެ އިންތިހާބަކަށް ޕާޓީގެ އިސްލީޑަރާ، ޕާޓީގެ ރައީސް ވާދަކުރައްވާ ތަން ފެނުމަކީ ހަމަގައިމުވެސް ޕާޓީގެ މަންމައެއްހެން ވަރަށް ދެކެން ބޭނުންނުވާނެ މަންޒަރެއް ކަމަށް ދަންނަވާލަން ޖެހޭ،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އެމްޑީޕީގެ ބައެއް އާންމު މެމްބަރުންގެ ފާޑުކިޔުން އަމާޒުވިޔަސް، ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ރައީސް ސޯލިހު ގެންދަވަނީ ކޯލިޝަން ދަމަހައްޓަވަމުން ކަމަށެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ކޯލިޝަން ސަރުކާރެއް އޮތުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ވާހަކަ ދެއްކެވިޔަސް، އެންމެ ޕާޓީއަކަށް އެކަނި އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުން ވެސް އަދި ތިބީ އެއް ޕާޓީއަކަށް ވެރިކަންދޭ ގޮތަކަށް ނޫން ކަމަށާއި، ކޮންމެ އިންތިހާބެއްގައި ފެނިގެންދަނީ އެއް ޕާޓީއަށް މެޖޯރިޓީ ނުލިބޭ މަންޒަރު ކަމަށް މާރިޔާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ 50 ޕަސަންޓުގެ އެ ވޯޓުލާ މީހުންގެ ވޯޓު، ޕްލަސް އެއް މީހެއްގެ ވޯޓު ނުލިބިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަކަށް ސަރުކާރަށް ނާދެވޭނެކަން. އެންމެ މީހަކު ގެއްލިގެން ދިޔަޔަސް އަޅުގަނޑުމެންނަށް ނާދެވޭނެކަން. އެހެންވީމާ ތިބޭފުޅުންނަށް ވެސް އިވިވަޑައިގަންނަވާނެ ކިތަންމެ ބޭފުޅުންނެއް އަދި މިއަދު އެމްޑީޕީ ތެރެއިން ޕްރައިމަރީއަށް ނުކުމެ ވަޑައިގެން ތިއްބެވި ބޭފުޅުން ވެސް ވިދާޅުވާ އަޑުއިވޭ، އެއް ޕާޓީއަކަށް މި ރާއްޖޭގައި ވެރިކަމެއް ނުލިބޭނެއޭ. ބަރުލަމާނީއަކަށް ތާއިދު ކުރަންވީ ވެސް މިހެން ވެގެންނޭ،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ރިޔާސީ އިންތިހާބަކަށް ނުކުމެވަޑައިގަންނަވާ އިރު، ވީހާވެސް ގިނަބަޔަކާއެކު ނުކުތުން މުހިންމު ކަމަށާއި އެމްޑީޕީ ތެރެއިން ސަރުކާރަށް ހިޔާނާތުގެ ތުހުމަތުކުރާ އިރު، އޮޑިޓާ ޖެނެރަލް ނެރުއްވާ ރިޕޯޓުތަކުން އެއީ ދޮގެއްކަން ސާފުވާ ކަމަށެވެ. އެމްއެންޑީއެފަކީ އެންމެ ބޮޑު ބަޖެޓު އޮންނަ އެއް މުއައްސަސާ ކަމަށާއި އެތަނުން ވެސް ކަންކަން ކުރަނީ ބަޖެޓުގައި ލިޔެފައިވާ ގޮތަށް ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ އެއީ ކޮންމެހެން އަޅުގަނޑު ހުރެގެންވާ ގޮތެއް ނޫނޭ. އެއީ ސަރުކާރުގެ ވިސްނުން، ސަރުކާރު އަބަދުވެސް ބައްލަވާ މަޖިލީހުން ފާސްކޮށްފައި އޮތްގޮތަށްތޯ ކަންކަން ގެންދަވަނީ. ހަގީގަތުގައި މި އިންނެވި ފިނޭންސް މިނިސްޓަރު އަމީރު ދެކެ އަޅުގަނޑު ބައެއް ފަހަރު ކިތަންމެ ވަރަކަށް ރުޅި އަންނަން ޖެހޭ، ހިފަހައްޓަވާ ވަރުން. ކިތަންމެ ކަމެއް އޮވޭ ކުރަން، ތިބޭފުޅުންގެ ސީ އެމްބިއުލާންސްތަކާ އެއްޗެހީގެ ވާހަކަ ވެސް ހަމަ ރަށްރަށުން ގުޅާއިރު ވެސް އެމަނިކުފާނު (އަމީރު) ހަމަ ވަރަށް ރީއްޗަށް ވިދާޅުވާނެ ވިސްނާލައްވާނެ ކަމަށް،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، ރައީސް ސޯލިހު "ރިއެކްޓް" ނުކުރައްވާ ކަމަށް ނަޝީދު ވާހަކަދެއްކެވެމުން ވަރަށް ބޮޑަށް ހައިރާންވާ ކަމަށެވެ. އަދި އެމްޑީޕީއަކީ އެއްވެސް އިރެއްގައި "ރިއެކްޓް" ކުރާ ޕާޓީއެއްކަން އެނގިވަޑައިގެންފައިނުވާ ކަމަށާއި އެމްޑީޕީއަކީ "ޕްރޯ އެކްޓް" ކުރާ ބައެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.
އެމްޑީޕީން އަބަދުވެސް ދައްކަނީ "ހަކުޅި ކުރިއަށް ކުޅޭ" ވާހަކަ ކަމަށާއި އެމްޑީޕީއަކީ ބަޔަކު ކަމެއް ކުރޭތޯ ބަލައި ޕާޓީއެއް ނޫން ކަމަށާއި ނަޝީދުގެ ވާހަކަތަކަކީ ބީރައްޓެހި ވާހަކަތަކެއް ކަމަށް މާރިޔާ ވިދާޅުވިއެވެ. ކުދި ރަށާއި ބޮޑެތި ރަށަށް ނުބަލައި ތަރައްގީކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށް ނަޝީދު ވިދާޅުވި ކަމަށްވިޔަސް، އެމްޑީޕީއަކީ މީހުން ތަރައްގީކުރާ ސިޔާސަތެއް ގެންގުޅޭ ޕާޓީއެއް ކަމަށާއި އެކަން ކުރުމަށް ރަށްތައް ތަރައްގީކުރަން ޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ މާލެއަށް ތޮއްޖެހުން ކުޑަކުރުމަށް އޮތީ ޖަޒީރާ މެނިފެސްޓޯ ކަމަށާއި އެ މެނިފެސްޓޯ ތަންފީޒުކުރުމުގެ ގޮތުން ކުދި ރަށްތަކާއި ބޮޑެތި ރަށްތައް ތަފާތު ކުރުމެއްނެތި ތަރައްގީކޮށް، ޒަރޫރީ ވަސީލަތްތައް ގާއިމުކުރަމުން އަންނަ ކަމަށެވެ.
ޕާޓީގެ މަންމަގެ ނަމުން ގޮވަމުންދާތީ ޕްރައިމަރީއަށް ފަހު އަލުން ޕާޓީގެ ތެރެއަށް ޕާޓީގެ ރޫހުގައި ނުވަދެވޭނެ ބޭފުޅުން ތިބޭނެކަމަށް ވިދާޅުވާން ބޭނުންވާ ކަމަށެވެ. ޕާޓީގެ ރޫހުގައި ޕާޓީއަށް އަލުން ނުވަދެވޭނެ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ 2012 ގައި އެމްޑީޕީގެ ވެރިކަން ވެއްޓުމުން އަދި 2013 އިން 2018 އުޅެން ޖެހުނު ގޮތާއި މަގުމަތީ ހަރަކާތުގައި ގޮވި ތަކެތި އަލުން ގޮވަން ޖެހޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު