ނ. ވެލިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެ މަޝްރޫއު ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ޝިފާއު އަލީއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫގެވެ.
އާބާދީގައި 2،600 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ވެލިދޫގެ ގިނަ ރައްޔިތުން މަސައްކަތްކުރަނީ އަތޮޅުގެ އެކިއެކި ރިސޯޓުތަކާއި، ސަފާރީތަކުގައެވެ. އެ ރަށުގައި ގެސްޓް ހައުސް ވިޔަފާރިވެސް އަންނަނީ ކުރިއަރަމުންނެވެ. އެގޮތުން މިހާރު އެ ރަށުގައި ހަތަރު ގެސްޓްހައުސް ހިންގަމުން އަންނަ އިރު، އިތުރު ހަތަރު ގެސްޓް ހައުސެއް ބިނާކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.
ވެލިދޫ ބަނދަރަކީ ށ. އަތޮޅުގެ އެކި އޮޑިފަހަރުން މުދާ ބޭލުމަށާއި އުތުރުގައި މަސްވެރިކަން ރަނގަޅުވާ އިރު، މަސް އޮޑިފަހަރަށް އައިސް ހޯދުމަށް ބޭނުންކުރާ ބަނދަރެކެވެ. އަދި އެ ރަށުގައި ފަރުމަސްވެރިކަން ކުރާ ފަރާތްތައް ގިނަވުމާއެކު، ފުދޭވަރަކަށް ޑިންގީ ފަހަރާއި ކުދި ލޯންޗުތައް ފަޅުގައި އަޅާފައި އޮވެއެވެ.
ވެލިދޫ ބަނދަރު 2017 ވަނަ އަހަރު ފުރަތަމަ ތަރައްގީކުރި ނަމަވެސް، އެ ރަށަކީ ބަރަވެލި ކަނޑު ކައިރީ އޮންނަ ރަށަކަށްވުމާއެކު، އެ ކަނޑުން ނަގާ ބޮޑެތި ބާނީތަކުގެ ނޭދެވޭ އަސަރު ބަނދަރަށް ވަރަށް ބޮޑަށް ކުރެއެވެ. އަދި އެ ރާޅުތައް ބަނދަރު ތެރެއަށް ވަނުމުގެ ސަބަބުން ފަޅުތެރެ ހަލަބޮލިވެ އޮޑިދޯނިފަހަރަށް ބަނދަރުން ލިބިދޭ އަމާންކަން ގެއްލިގެންދެއެވެ. މި ބަނދަރުގެ ބޭރުތޮށި ތިރިކޮށް ހަނިކޮށް އޮތުމުގެ ސަބަބުން ކަނޑުގެ ބިޔަ ބާނިތަކުން އެކަށީގެންވާ ހިމާޔަތެއް ބަނދަރަކަށް ނުލިބެއެވެ. އަދި ނަތީޖާއެއްގެ ގޮތުން ބަނދަރުގެ ބޭރު ހިލަތޮށީގެ އެކި ދިމާލުގައިވާ ހިލަތައް ވަނީ ރޫޅި ފައިބައިގެން ގޮސްފައެވެ.
އެމްޓީސީސީން ދެކޭގޮތުގައި، މިއަދު ސޮއިކުރެވިގެންދިޔަ މަޝްރޫއުގެ ދަށުން ވެލިދޫ ބަނދަރުގެ ބޭރު ހިލަތޮށި އިތުރަށް ފުޅާކުރެވި، އުސްކުރެވިގެންދާނެއެވެ. އެއާއެކު ވެލިދޫ ބަނދަރަށް ބަރަވެލި ކަނޑުން ނަގާ ބިޔަ ރާޅުތަކާ ދެކޮޅަށް އިތުރު ހިމާޔަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އޭގެ އިތުރުން ބަނދަރުގައި ގްރޮއިންސް ޖެހުމާއެކު، ކަނޑުގެ ބިޔަ ބާނީތަކާ ދެކޮޅަށް އިތުރު ރައްކާތެރިކަން ބަނދަރަށް ލިބޭނެ ކަމަށާއި ބަނދަރަށް ކޮޅުވެއްޓި ކައިރިކުރެވޭ ރޭމްޕަކާއި ޑިންގީ އެޅުމަށް ކޮންކްރީޓް ޖެޓީއެއް ބޭރުތޮއްޓާއި ދިމާލަށް ލެވުމާއެކު ބަނދަރުގެ އެއްގަމު ތޮއްޓަށް އިތުރު އޮޑިފަހަރު ކައިރިކޮށް ހެދުމަށް ޖާގަ ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ ވެލިދޫ ބަނދަރު ތަރައްގީކުރެވުމާއެކު ރައްޔިތުންނަށް ލަފައިފުރުމުގައި އެތަކެއް ލުއިފަސޭހައަކާއި، ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ދެކޭ ކަމަށާއި އެ ބަނދަރު ތަރައްގީކުރެވި ފުރިހަމަވެގެންދިއުމުން އިޖުތިމާއީ ގޮތުންނާއި، އިގުތިސާދީގޮތުން އެ ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ކުރިމަގުގައި ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން، ކުރިން ފުންކޮށްފައިވާ ފަޅު އަލުން 67،020 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 19،513 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި، 2،414 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 24،742 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ދޯނި އެހެލާ ސަރަޖައްދު ފުންކުރުން ހިމެނެއެވެ.
އޭގެ އިތުރުން 12 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 473 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 167 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2،433 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް ފަހުއެވެ. އެ މަޝްރޫއަކީ 47.21 މިލިއަން ރުފިޔާއަށް 500 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ.
ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު