އެ މަނިކުފާނުގެ ސަރުކާރެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޮޑުކުރި ޓެކްސް ކުޑަކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދުގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭން ފެއްޓުމަށް ސަލްޓަން ޕާކުގައި މިރޭ ބޭއްވި "ފިކުރެއްގެ ދިރުން" ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، 2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައުމުގެ ކުރިން ސަރުކާރުގެ ދަރަނި މެނޭޖު ކުރާނެ ގޮތްތައް މެނިފެސްޓޯގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖެއަށް ދަރަންޏަށް ފައިސާ ދީފައިވާ ފަރާތްތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު މަޝްވަރާކޮށް ދަރަނި އަލުން އަނބުރާ އެކުލަވާލުމަށް "ޑެބިޓް ރީސްޓްރަކްޗާ" ކުރުމަށް މެނިފެސްޓޯގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުން އެގޮތަށް އަމަލު ނުކުރުމުގެ ސަބަބުން 2023 ވަނަ އަހަރު ދަރަނީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހިފައިވާ ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން ޓެކްސް ބޮޑުކުރަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް އެ މަނިކުފާނުގެ ސަރުކާރެއްގައި ޓެކްސް ކުޑަކުރައްވައި ތަކެތީގެ އަގު ކުޑަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ޔަގީންކޮށް އަރުވަން، ޔަގީންކޮށް އަރުވަން ދެ ކަމެއް. ދެން އުފެދޭ އަޅުގަނޑުގެ އެމްޑީޕީގެ ސަރުކާރެއްގައި ޓެކްސް، ޓެކްސް ކުޑަކުރާނެ. އަޑުއައްސަވާތި ޓެކްސް ކުޑަކުރާނެ. އަޑުއައްސަވާތި ތަކެތީގެ އަގު އިންފްލޭޝަން ދަށަށްދާނެ، ދަށަށްދާނެ. ތިބޭފުޅުންގެ ހާސްކަމަށް އަޅުގަނޑުމެން ޝިފާއެއް އިރާދަކުރެއްވިއްޔާ ގެނެސްދޭނެ،" ނަޝީދު ވިދާޅުވިއެވެ.

ވެރިކަމުގައި ހުންނަ ފަރާތަކުން މާލިއްޔަތު ކަންކަން ކުރިއަށްދާ ގޮތް ކޮންމެ ދުވަހަކު ބައްލަވަން ޖެހޭނެ ކަމަށާއި މާލިއްޔަތަށް ނުބައްލައި ވެރިކަން ނުކުރެއްވޭނެ ކަމަށެވެ. ފިނޭންސް މިނިސްޓްރީން ދައުލަތުގެ މާލިއްޔަތާ ބެހޭ މައުލޫމާތު ކޮންމެ ދުވަހަކު ހާމަކުރަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ދަރަނި ދައްކަން ދަރަނި ނެގުމަކީ ކުރަންޖެހޭ ކަމެއްތޯ ސުވާލުއުފައްދަވައި ނަޝީދު ވިދާޅުވީ، ސަރުކާރުން ކުރަން ޖެހޭ ކަމަކީ ދަރަނި ދީފައިވާ ފަރާތްތަކުގެ ކައިރިއަށް ގޮސް ދަރަނި ދެއްކެއް ނެތުމުން ދަރަނި ދައްކަންޖެހޭ މުއްދަތު އިތުރުކޮށް ދިނުމަށް އެދުން ކަމަށެވެ.