އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކުރި އަލީ ޝާހިލް 23އ، އަށް ދައުވާކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދެންމެ ބުނީ އަލީ ސާހިލްގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އިތުރު ހަތަރު ދައުވާ ކުރުމަށް މިއަދު ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޕީޖީން ބުނީ އޭނާގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި ކެނެބިސް ބޭނުން ކުރުމުގެ ދައުވާވެސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރަށް ކޮށްފައިވާ ދެ ދައުވާއެއް ހާމައެއް ނުކުރެއެވެ. އެ ދައުވާތައް ހާމަ ނުކުރަން ނިންމީ ޝިއާއުގެ އާއިލާއަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް ޕީޖީން ބުންޏެވެ.

ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުރި އެޕާޓްމަންޓެއްގެ ތެރެއިންނެވެ. އެ މައްސަލައިގައި ފުލުހުން އަލީ ޝާހިލް ހައްޔަރުކޮށްފައި ވަނީ އެ އެޕާޓްމަންޓްގެ ތެރެއިންނެވެ.

ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުންގެ ތުހުމަތު އޮތީވެސް ހަމައެކަނި ޝާހިލްގެ މައްޗަށެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް ކްރައިމް ޑިޕާޓުމަންޓުގެ ހެޑް، ސްޕްރިޑެންޓު އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވި ގޮތުގައި ޝާހިލްގެ މައްޗަށް ތޫނު އެއްޗަކުން ހަމަލާދީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ.