އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓާއެކު ކުރިއަށްވަޑައިގެން، އެ ބޭފުޅަކާއެކު މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަކީ އެމްޑީޕީގެ މެންބަރެއް ކަމަށްވުމުން، ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަކާއެކު އެމަނިކުފާނު ހުންނަވާނެ ކަމަށެވެ.

"އަޅުގަނޑު އިންތިހާބުން ބަލިވާ ތަނެއް އަޅުގަނޑަކަށް ނުފެނޭ. ކޮންމެ ގޮތެއްވިޔަސް، އަޅުގަނޑަކީ އެމްޑީޕީގެ މެންބަރެއް. އަޅުގަނޑު ހުންނާނީ އެމްޑީޕީއާއެކު. އެއީ ކޮންމެ ކެންޑިޑޭޓަކު އެމްޑީޕީން އަޔަސް. އެމްޑީޕީން ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކަށް ވެސް އަޅުގަނޑުގެ ތާއީދު އޮންނާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ އެއްކޮށް އޮވެއްޖެއްޔާ، ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ވަރަށް ފަސޭހަވާނެ ކަމަށާއި ނަމަވެސް އެމްޑީޕީ ބައިބައިވެ، ދެ ފަޅިވެގެން ގޮސްފިއްޔާ، ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަކީ ދަތި ޗެލެންޖަކަށް ވާނެ ކަމަށެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ މި ޕްރައިމަރީ ކުރިއަށްދާ އިރުވެސް، ދެ ފަރާތުން ވެސް މަސައްކަތްކުރެއްވުން ޕްރައިމަރީ ނިމުމާ އެކީގައި، އެކުގައި މަސައްކަތްކުރަން ޖެހޭ ބައެއްކަން ދެނެގަނެ އެގޮތަށް ކުރިއަށްދިއުން. ކޮންމެ މީހަކު ވެސް ތާއީދުކުރާ ކެންޑިޑޭޓަކަށް ވޯޓުލުން ޕްރައިމަރީއެއްގައި އޮންނާނެ. އެހެންނަމަވެސް ނިމުމަށް ފަހުގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުމަށްޓަކައި އެންމެން އެކީގައި ތިބުން. އަދި ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ މީހަކާ އެކީގައި، މި އިންތިހާބުގައި ކުރިއަށްދިއުން،" އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ދެކޮޅަށް ނުކުންނަވާނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.