އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކޮމެޓީއަށް އެއްވެސް ނަމެއް ފޮނުއްވާފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިިދިޔަ ހޯމަ ދުވަހުގެ ރޭ ތާޖުއްދީން ސްކޫލުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާގައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކޮމިޓީ އެކުލަވާލައިފައެވެ. އެގޮތުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ހުށަހެޅީ އެ ފެކްޝަނުން ދެ މެމްބަރެއްގެ ނަން ހުށަހެޅުމަށާއި ރައީސް ސޯލިހުގެ ފެކްޝަނުން ދެ މެމްބަރެއްގެ ނަން ހުށަހެޅުމަށެވެ. އޭގެ އިތުރުން ދެ ފެކްޝަނުން ވެސް އެއްބަސްވާ އެއް މެމްބަރެއްގެ ނަން ހުށަހެޅުމަށެވެ. ނަމަވެސް ފާސްވެފައިވަނީ ރައީސް ސޯލިހުގެ ފެކްޝަނުން ހުށަހެޅި ނަންތަކެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކޮމެޓީއަށް އެއްވެސް ނަމެއް ފޮނުއްވާފައި ނުވާނެ ކަމަށާއި އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރުވެސް އެއްވެސް ނަމެއް ފޮނުއްވާފައި ނުވާނެ ކަމަށެވެ.

"އިންތިހާބާ ބެހޭ ކޮމިޓީ ނެގުމުގައި އެއްވެސް ނަމެއް އަޅުގަނޑު ނޯންނާނެ ފޮނުވާފަކާއެއް. އަދި އަޅުގަނޑުގެ ކެމްޕެއިން މެނޭޖަރުވެސް ނޯންނާނެ އެ ކޮމިޓީއަށް ވަކި މީހަކު ލުމަށް ނަމެއް ހުށަހަޅާފައެއް. ޕާޓީގެ ގަވާއިދުގައި އޮންނަނީ ގައުމީ މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށް އޮންނަނީ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނަށް ކުރިން ތާއީދު ފޯމު ލިބިވަޑައިގެންފައިނުވާ ކަމަށާއި އަދި ތާއީދު ފޯމަށް ސޮއި ހޯދުމުގެ މަސައްކަތް ވެސް ކުރައްވާފައިނުވާ ކަމަށެވެ. އެކަން ކުރައްވަން ފެއްޓެވީ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމެވުމަށްފަހު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޕްރައިމަރީ ކޮމިޓީ މެމްބަރުންގެ ގޮތުގައި ފާސްވި ނަންތަކަކީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ)، އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި މިހާރު އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު، އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް އަކްރަމް ކަމާލުއްދީން، އަހުމަދު އަބްދުﷲ އަފީފް އަދި މުހައްމަދު އީމާނެވެ.

ނަޝީދު ފެކްޝަނުން ހުށަހެޅި ނަންތަކަށް ވޯޓަށް އެހުމުން އެ ނަންތައް ގައުމީ މަޖިލީހުން ފާސްވެފައެއް ނުވެއެވެ. އެ ނަންތަކަށް ތާއިދު ނުކުރަން ނިންމީ ރައީސް ސޯލިހުގެ ފެކްޝަނުންނެވެ. ވަކިވަކި ނަންތަކަށް ވޯޓަށް އަހަން ފެނޭތޯ ގައުމީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ވޯޓެއް ނެގުމުން ވެސް އެގޮތަށް ފާސްވެފައެއް ނުވެއެވެ.

އެގޮތަށް ފާސް ނުވުމުން ނަޝީދަށް ތާއިދުކުރާ މެމްބަރުން ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާ ބޮއިކޮޓްކޮށްފައެވެ. ނަޝީދަށް ތާއީދުކުރާ ހުރިހާ މެމްބަރުން ވަނީ އެ ޖަލްސާ ދޫކޮށް ގޮސްފައެވެ.