އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަތުމާއެކު ކޯލިޝަނެއް އެކުލަވައިލުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރައީސް ސޯލިހް ވިދާޅުވީ އެންމެ ފުރަތަމަ މަސައްކަތަކީ އަންނަ މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޓިކެޓް ކަށަވަރު ކުރުން ކަމަށާއި އެ އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެމްޑީޕީގެ ޕްރައިމަރީ ބޮޑުތަނުން އަޅުގަނޑު ކާމިޔާބު ކުރާނަން. އެއަށްފަހުގައި އަޅުގަނޑު ކޯލިޝަނެއް އެކުލަވައިލުމުގެ މަސައްކަތް ފަށާނަން." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ސަރުކާރުން ސިޔާސަތުތައް ތަންފީޒު ކުރަމުންދާ ގޮތަށް ބަލައި ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތާއީދު ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ މަޝްވަރާތައް، ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކާ އެކު އަދި ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ނުރަސްމީކޮށް ބައެއް ވާހަކަތައް ދެކެވިފައި ހުންނާނެ އެ މަޝްވަރާތަކުގެ ތެރޭގައި ހިޔާލު އެއްގޮތްވޭ ގިނަ ކަންތައްތަކުގައި، އެޔަގީންކަން އަޅުގަނޑަށް ވަރަށް ބޮޑަށް އެބައޮތް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިހާރު ކޯލިޝަންގައި ހިމެނޭ ބޭފުޅުންގެ އިތުރަށް ވަކި ވަކި ސިޔާސީ ބޭފުޅުންގެ ތާއީދުވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު