ސިޔާސީ މާހައުލު އޮތްގޮތުން އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު އޮތީ އެމަނިކުފާނާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީން ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ބޭނުންވާނެ ކަމަށާއި އެއްވެސް ޕާޓީއަކަށް އެކަނި ނުކުމެ އިންތިހާބު ކާމިޔާބުކުރެވިދާނެ ކަމަށް އަދިވެސް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ.

"މިވަގުތު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރެވޭނެ ކަމުގެ ފުރުސަތު އެންމެ ބޮޑީ އަޅުގަނޑަށް. ރާއްޖޭގައި ސިޔާސީ މާހައުލު އޮތް ގޮތް އެނގިވަޑައިގަންނަވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީން ނުކުންނަ ކެންޑިޑޭޓަކީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި 50 ޕަސަންޓް ފަހަނައަޅައި ދެވޭނެ ކެންޑިޑޭޓަކަށް ވާން ޖެހޭނެ ކަމަށާއި ސިޔާސީ ހިޔާލު އެއްގޮތް ނޫން ބައެއް ކަންތައްތަކުގައި ހިޔާލު އެއްގޮތް ނޫން މީހުންނާ އެކީގައި ވެސް ކޯލިޝަނެއް ހަދައިގެން ގޮސް، އެމަނިކުފާނަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އެ ފުރުސަތު އެހެން އޮތީމާ، އަޅުގަނޑު ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރަން ނިންމީ. އަޅުގަނޑު ހިތުން މި ދެންނެވިހެން ކެންޑިޑޭޓަކު އެމްޑީޕީން ކަނޑައަޅާ އިރުގައި، ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ފަރާތަކަށް އެބޭފުޅުން ވޯޓުދެއްވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ދެކޮޅަށް ނުކުންނަވާނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.