ޚަބަރު

މެނިފެސްޓޯގައި ނިޒާމީ ވޯޓެއްގެ ވާހަކައެއް ނޯންނާނެ: ރައީސް

މި ސަރުކާރުގެ މެނިފެސްޓޯގައި ނިޒާމީ ވޯޓެއްގެ ވާހަކައެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 2018ގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކަށްވުމާއެކު މެނިފެސްޓީ އެކުލަވާލީ ހުރިހާ ޕާޓީތަކެއްގެ މަޝްވަރާގެ މަތިން ކަމަށާއި އެ މެނިފެސްޓޯގައި ނިޒާމީ ވޯޓުގެ ވާހަކައެއް ނޯންނާނެ ކަމަށެވެ.

"އެ މެނިފެސްޓޯގައި އެއްގޮތަކަށް ވެސް ނޯންނާނެ ނިޒާމީ ވޯޓެއް މި ފަސް އަހަރުގެ ތެރޭގައި ނަގާނެ ވާހަކައެއް. އަޅުގަނޑު ތަންފީޒުކުރަމުން މިގެންދަނީ އަޅުގަނޑާ ހަވާލުވެފައި މިއޮތް އެ މެނިފެސްޓޯ. އޭގައި އޮތް ގޮތަށް ކުރިއަށް މިގެންދަނީ. އެއްވެސް ހާލެއްގައި އެ މެނިފެސްޓޯގެ މަސައްކަތްތަކުގެ ތެރޭގައި ނިޒާމީ ވޯޓެއް މި ފަސް އަހަރުގެ ތެރޭގައި ނަގާ ވާހަކައެއް ނެތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މެނިފެސްޓޯގައި ނެތް ކަމެއް ކުރަންވެއްޖެއްޔާ، ދެން ކުރަން ޖެހޭނެ ކަމަކީ ކޯލިޝަންގައި ތިބި އެންމެންނާ މަޝްވަރާކުރުން ކަމަށާއި އެމަނިކުފާނަށް ކުރިއަށް ވަޑައިގެންނެވޭނީ އެންމެންގެ ލަފަޔާއެކީގައި ކަމަށެވެ. އަދި އެނޫން ގޮތަކަށް އެމަނިކުފާނަށް އެކަމުގައި މި ދައުރު ތެރޭގައި ކުރިއަށްދެވޭނެ ފުރުސަތެއް އޮތް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ކުރިއަށްގެންދެވޭ ގޮތެއް އެބައޮތް. ގާނޫނުއަސާސީގައި އޮބައޮތް ލިޔެފައި. ބޮޑެތި ކަންތައްތަކާ ބެހޭގޮތުން ރައްޔިތުން ފެންނަ ނުފެންނަ ގޮތް ބެލުމަށްޓަކައި ރައްޔިތުންނާ ހިސާބަށް ދެވިދާނެ ކަމަށް. ދެން ރައްޔިތުންގެ މަޖިލީހުން ވަކިގޮތެއް ފާސްކޮށްފައި، ފެންނަ ނުފެންނަ ވޯޓަކަށް ދާން އަޅުގަނޑަށް ފޮނުވައިފިއްޔާ އަޅުގަނޑު އެކަމަކައިގެން ކުރިއަށްދާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ނިޒާމީ ވޯޓަކަށް ދިއުމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވާ ބޭފުޅަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް، ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށް ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.