ކޮވިޑުގެ ކުރީން އޮތް ހިސާބާ ގާތަށް ރާއްޖޭގެ އިގުތިސޯދު ރަނގަޅުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަހަރަކީ އިގުތިސޯދީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު އަހަރެއް ކަމަށާއި ކޮވިޑަށްފަހު، އިރުމަތީ ޔޫރަޕުގައި ފެށިގެންދިޔަ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ.
"މި އުނދަގޫތައް ހުރަސްކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރަން ޖެހުނު. އާމްދަނީ އިތުރުވި ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލާއި މުދަލުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އަޅުގަނޑުމެން އިތުރަށް ފައިސާ ހޯދަން ޖެހުނު. އެހެންނަމަވެސް މުސްތަގުބަލު ފެންނަނީ އުޖާލާކޮށް. އަހަރު ނިމިގެންދާ އިރު، ރާއްޖޭގެ އިގުތިސޯދީ ހާލަތު މިދަނީ ރަނގަޅުވަމުން. މިހާރު ރާއްޖޭގެ އިގުތިސޯދު ކޮވިޑު 19 ގެ ކުރިން އޮތް ހިސާބަށް އަލުން އަނބުރާ ގާތްގަނޑަކަށް ވާސިލުވެވިއްޖެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަހަރު ނިމޭއިރު 12.3 އިންސައްތައިން އިގުތިސޯދު ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަންނަ އަހަރުގެ އަންދާޒާއަކީ 7.6 އިންސައްތަ ކުރިއެރުން ކަމަށެވެ. އަދި ކޮވިޑުގެ ކުރިން ފަތުރުވެރިން އައި އަދަދަށް މިހާރު ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ ކަމަށް ވެސް ވިދާޅުވިއެވެ.
"ކޮވިޑަށްފަހު، ނިސްބަތުން އެންމެ ބާރު ދުވެއްޔެއްގައި އިގުތިސޯދު ކުރިއަރާ ދިހަ ގައުމުގެ ތެރޭގައި ރާއްޖެ މިވަނީ ހިމެނިފައި. 2021 އަދި 2022 ވަނަ އަހަރުގެ އެންމެ ކުރިއަރައިދިޔަ ފަސް އިގުތިސޯދުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ. އަންނަ އަހަރަކީ ހުރި ގޮންޖެހުންތައް ހުރަސްކުރުމަށް އުންމީދުތަކެއް ލިބިގެންދާނެ އަހަރެއް ކަމަށް އަޅުގަނޑުމެން ޔަގީންކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކޮވިޑާ ގުޅިގެން ދައުލަތުން ނެގި ދަރަނި ދެއްކުމުގައި ބޮޑު ރިސްކެއް ނެތް ކަމަށާއި 2026 ވަނަ އަހަރު އަންނަ އިރުގައި، އަމާޒަކީ 9.4 ބިލިއަން ރުފިޔާ (610 މިލިއަން ޑޮލަރު) ސޮވެރިން ޑެވެލޮޕްމަންޓް ފަންޑުގައި ބެހެއްޓުން ކަމަށެވެ.