ޚަބަރު

އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި ދެ މީހުން ފިޔަވާ އެންމެން ދޫކޮށްލައިފި

ރިފާ ހަލީލު

ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިޔާނާތް ހިންގެވިކަން ސާބިތުވެ، 11 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅުން ގެންދަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

އެގޮތުން އިދިކޮޅުން ރޭ ބޭއްވި މުޒާހަރާއިން ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ސައީދު ހިމެނޭހެން 21 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އިން މިއަދު "ވަން" އަށް ބުނީ، ރޭ ހައްޔަރުކުރި 21 މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އެ ދެ މީހުންގެ ބަންދާމެދު އަދި ގޮތެއް ނުނިންމާ ކަމަށްވެސް ބުންޏެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާއެއް ކުރިއެވެ. އެއީ އެރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ބޭނުންކޮށްގެން މަނީލޯންޑާ ކުރި ކަމުގެ ދައުވާއެވެ. އޭގެ ތެރެއިން ރިޝްވަތު ހިފުމުގެ ކުށުގެ އަދަބެއްގެ ގޮތުން ހަތަރު އަހަރަށް އަދި މަނީލޯންޑާ ކުރުމުގެ ކުށުގައި ހަތް އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.