ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މާލޭގެ ގެތަކުން ނަގަންޖެހޭ ކުނިތައް މަގުމަތީގައި ބަހައްޓާ ނަމަ ގާނޫނީ ގޮތުން އެޅޭނެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މިހާތަނަށް އައި އިރު، ވެމްކޯއިން މަސައްކަތް ކުރަމުން އައީ ޖެއްސުމަށް ކަމަށާއި އެ ކުންފުނީގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށެވެ. އެހެންކަމުން މަގުމަތީގައި ބަހައްޓާފައި ހުންނަ ވެމްކޯއިން ނަގަންޖެހޭ ކުނިތައް ނެގުމަށް މިއަދު އެ ކުންފުންޏަށް އަންގާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިހާތަނަށް އައި އިރު، ފެނިގެން ދިޔައީ ވެމްކޯއިން އަޅުގަނޑުމެންނަށް ޖެއްސުންކުރާތަން. ރޭގަ އެކަނިވެސް އެކަން ފެނިގެންދިޔަ. ރޭގަ ވެމްކޯގެ ކަލެކްޝަން ޓީމު ނުވެސް އުޅޭ. ކަލެކްޝަން ޕޮއިންޓުތަކުން ކުނިވެސް ނަގާނުލާ. އަޅުގަނޑުމެން މިއަދު ވެމްކޯއަށް އަންގާނަން މިގޮތަށް އަމަލު ނުކުރުމަށް. މިހެން އަމަލުކުރާ ނަމަ ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން. ކުންޏާބެހޭ ގާނޫނެއްވެސް އޮވޭ. އާންމު ސިއްހަތާބެހޭ ގާނޫނެއްވެސް އޮވޭ," އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވަނީ ވެމްކޯއިން އެދުނު ނަމަވެސް މަގުމަތީގައި ކުނި ނުބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި ގޭތެރޭގައި ކުނި ބަހައްޓާނެ ޖާގަ ނެތް ނަމަ ވެމްކޯއާ ވާހަކަދައްކައިގެން ގެއާ ކައިރި ހިސާބެއްގައި ޑަސްބިން ބަހައްޓައިދިނުމަށް އެދެން ވިދާޅުވިއެވެ.

މާލެއާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތަކުން ކުނި ނަގަން ވެމްކޯއާއެކު ހަދާފައި އޮތް އެއްބަސްވުން އާކުރީ ނިމިދިޔަ ކައުންސިލުގައި ޑިސެމްބަރު 26، 2019ގައެވެ. ތިން އަހަރު ދުވަހަށް ހެދި އެ އެއްބަސްވުން މި މަހުގެ 26 އަށް ހަމަވުމުން މިހާރު އޮތް ކައުންސިލުން ނިންމީ ވެމްކޯއާއެކު ހަދާފައި އޮތް އެއްބަސްވުން އާ ނުކޮށް، އެ މަސައްކަތް ސީދާ ކައުންސިލުން ކުރުމަށެވެ. ނަމަވެސް ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދަނީ ވެމްކޯއިންނެވެ.

މުއިއްޒު ވިދާޅުވީ މާލޭން ކުނި ކަހައި، ކުނި ނެގުމަށް 120 މުވައްޒަފުން އަދި ވިލިމާލެއަށް 28 މުވައްޒަފުން ބޭނުންވާ ކަމަށާއި އޭގެ ތެރެއިން ވިލިމާލެއަށް ބޭނުންވާ އަދަދަށް މިހާރު މުވައްޒަފުން ލިބިފައިވާ ކަމަށެވެ. އަދި މާލެއަށް މިހާތަނަށް 80 މުވައްޒަފުން ނަގާފައިވާ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ޕާކުތަކުގައި ހުންނަ ކުނިތައް ނަގަން 24 ގަޑިއިރު އެ ކައުންސިލުގެ މުވައްޒަފުން ތިބޭނެ ކަމަށާއި އެކަމަށް 10 ލޮރީ ބޭނުންކުރާނެ ކަމަށެވެ. އަދި އިތުރު 10 ލޮރީ ހޯދަން އަންނަ އަހަރު ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.