ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ދިފާއުގައި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކްރިމިނަލް ކޯޓަށް ދެއްވާފައިވާ ހެކިބަހަކީ އުފައްދައިގެން ދިން އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ހެކިބަހެއް ކަމަށް އެ މައްސަލައިގެ ހުކުމުގައި ބުނެފިއެވެ.
އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާއެއް ކުރިއެވެ. އެއީ އެރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ބޭނުންކޮށްގެން މަނީލޯންޑާ ކުރި ކަމުގެ ދައުވާއެވެ. އޭގެ ތެރެއިން ރިޝްވަތު ހިފުމުގެ ކުށުގެ އަދަބެއްގެ ގޮތުން ހަތަރު އަހަރަށް އަދި މަނީލޯންޑާ ކުރުމުގެ ކުށުގައި ހަތް އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.
ހަމަ މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ، އޭނާއަށް ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
މި މައްސަލާގައި ރައީސް ޔާމީންގެ ދިފާއީ ހެތްކެއްގެ ގޮތުގައި ނަރީޝް ހުށަހެޅުއްވީ ޔޫސުފް ނައީމު އަތުން ރައީސް ޔާމީން ގަތް ކަމަށް ބުނާ (މި މައްސަލައާ ގުޅޭ) އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ޔޫސުފް ނައީމާ ހަވާލުކުރުމަށްޓަކައި ގ. އަދުނީ/ އަބްދުﷲ ރަޝީދުގެ އަތަށް ނަގުދު ފައިސާއިން 15.4 މިލިއަނަށްވުރެ ގިނަ ރުފިޔާ، ރައީސް ޔާމީން ހަވާލުކުރީ ނަރީޝްގެ ހާޒިރުގައި ކަމަށާއި އަބްދުﷲ ރަޝީދު އެ ފައިސާ ޔޫސުފް ނައީމާ ހަވާލުކުރީ ވެސް ނަރީޝްގެ ހާޒިރުގައި ކަމަށާއި އެ ފައިސާ ހަވާލުކުރި ވަގުތު ފައިސާ ލިބުނުކަމުގެ ލިޔުމެއްގައި ޔޫސުފް ނައީމު ސޮއިކުރިކަން ސާބިތުކުރުމަށާއި އެކަންތައް ހިނގީ ކޮން ދުވަސްވަރެއްގައިކަން ސާބިތު ކުރުމަށެވެ.
ހުކުމުގައި ވަނީ އެ ފައިސާ ޔޫސުފް ނައީމާ ހަވާލުކޮށްދިނުމަށް ރައީސް ޔާމީންގެ ގެކޮޅު ގ. ދޫވެއްސަށް އައިސްދިނުމަށް ނަރީޝާއި އަބްދުﷲ ރަޝީދު ގާތު ރައީސް ޔާމީން އެދުނީ އެ ދެ މީހުންގެ ފޯނަށް ގުޅައިގެން ކަމަށް އެ ދެ މީހުންގެ ހެކިބަހުގައި ބުނެފައިވާ ކަމަށާއި ރައީސް ޔާމީން ފޯނުން ގުޅުއްވިއިރު، ނަރީޝް ހުރީ އޭނާގެ ގޭގައިކަން ޔަގީންކަމާއެކު ޖެހިލުންވުމެއް މަޑުޖެހުމެއްނެތި ބުނެދެވުނު ކަމަށެވެ.
އަދި ރައީސް ޔާމީނާ ބައްދަލުކުރީ ދޫވެހީގެ ސިޓިން ރޫމްގެ ތެރެއިންކަން ނަރީޝް ހަނދާން ހުރި ކަމަށާއި ޔޫސުފް ނައީމާ އެ ފައިސާ ހަވާލުކުރުމަށް އޭނާ ދިރިއުޅޭ ގެއަށް ދިޔައީ ނަރީޝްގެ ރައްޓެއްސެއްގެ، އަޅި ކުލައިގެ ކާރުގައި ކަމާއި އެ ކާރުގައި ނަރީޝް އިށީނދެގެން އިންތަނާއި އަބްދުﷲ ރަޝީދު އިންތަނާއި ފައިސާ ދަބަސްތައް ބަހައްޓާފައި ހުރީ ކާރުގެ ކޮން ތަނެއްގައިކަން އެއްވެސް އުނދަގުލެއްނެތި ނަރީޝަށް ބުނެދެވުނު ކަމަަށްވެސް ހުކުމުގައިވެއެވެ.
ހުކުމުގައި ބުނީ، އެހާ ކުދިކުދި ތަފުސީލުތަކާ ގުޅިގެން ސުވާލުކުރުމުން ވަގުތުން ޖަވާބުދިން ނަމަވެސް އެ މުއާމަލާތް ހިންގީ، ދުވަހުގެ ކޮން ވަގުތެއްގައިކަން ބުނެދޭން ނަރީޝަށް ނޭގުމަކީ އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، ހައިރާން ކުރުވާވަރުގެ ކަމެއް ކަމަށެވެ. އަދި ފައިސާ ހަވާލުކުރުމަށް ޔޫސުފް ނައީމް ދިރިއުޅޭ ގެއަށް އެ މީހުން ވަނީ ކޮން ގޮތަކަށްކަން އަބްދުﷲ ރަޝީދަށްވެސް ބުނެ ނުދެވުނުކަމީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
"މި މުއާމަލާތުގެ ބޭނުމަށް ނަރީޝްގެ ގެއިން ދޫވެއްސަށް އަދި ދޫވެހިން ޔޫސުފް ނައީމުގެ ގެއަށް، އަދި ޔޫސުފް ނައީމުގެ ގެއިން އެނބުރި ދޫވެއްސަށް މާލޭ މަގުތަކުން ދަތުރުކުރި އިރު، އެކަން ހިނގީ ދުވާލު ކަމެއް ނުވަތަ ރޭގަނޑު ކަމެއް ބުނެދޭން ނޭނގުމަކީ އަޖާއިބެއްފަދަ ކަމެއްކަމާއި ޔާމީނާއެކު ފައިސާގެ އެހެން މުއާމަލާތްތަކެއް ކުރި ކަމަށް ނަރީޝް ހެކިބަސް ދިން އިރު، އެއީ ކޮން އަހަރެއްގައި ކުރި ކޮން މުއާމަލާތްތަކެއް ކަން ނަރީޝަށް ބުނެދެވިފައި ނުވުމުން ގަބޫލުކުރެވެނީ، ހެކިބަސް ދީފައިވަނީ ނުހިނގާ ކަމެއް ހިނގި ކަމަށް ބުނެ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުވެގެންކަމެވެ. ތައްޔާރުވެގެން އައި ކަންކަމުގެ ބޭރުން ނުވަތަ ކުރިމަތިވެދާނެ ސުވާލެއް ކަމަށް ވިސްނާލެވިފައި ނުވާ ކަމެއްގެ ބޭރުން ސުވާލެއް ކުރުމުން، އޭނާގެ ސުވާލަށް ޖަވާބު ދޭން ނޭނގުނު ކަމަށް ގާބޫލުކުރެވެއެވެ.،" ހުކުމުގައި ވެއެވެ.
ހުކުމުގައި އިތުރަށް ބުނީ، އެހާ ގިނަ ރުފިޔާ ހުރި ދެ ދަބަސް ޔޫސުފް ނައީމްއާ ހަވާލުކުރީ، އޭނާ ދިރިއުޅޭ ގެއިން ކަމަށް ބުނި އިރު، އެއީ އެ އިމާރާތުގެ ކޮން ފްލޯއެއްކަން ހަނދާން ނެތް ކަމާއި ޔޫސުފް ނައީމް ފައިސާ ގުނީ އެ ގޭ ކޮން ތަނެއްގައި ހުރެގެންކަން ހަނދާން ނެތް ކަަމަށާއި އެ މުއާމަލާތުގައި އެއް ތަނުން އަނެއް ތަނަށް ތިން ފަަހަރުމަތިން ދަތުރުކުރި އިރު، އެއީ ދުވާލުކަމެއް ނުވަތަ ރޭގަނޑު ކަމެއް ބުނެދޭން އެނގިފައިނުވާ ކަމަށެވެ.
އަދި ޔޫސުފް ނައީމްއާ ހަވާލުކުރުމަށް ރައީސް ޔާމީން ދިން ފައިސާ ހުރީ ބޮނޑިތަކެއްގައި ކަމަށް ހެކިބަސް ދެމުން ނަރީޝް ބުނެފައިވާއިރު، އެއީ ކިތައް ބޮނޑިކަން ނޭނގޭ ކަމަށާއި އެ ބޮޑިތަކުގައި ހިމެނެނީ 15.4 މިލިއަނަށްވުރެ ގިނަ ރުފިޔާކަން އެނގުނީ ޔާމީންގެ ހާޒިރުގައި އެ ފައިސާތައް ގުނުމުން ކަމަށާއި ޔޫސުފް ނައީމްއާ ފައިސާ ހަވާލުކުރުމުން އޭނާވެސް އެ ފައިސާ ގުނި ކަމަށާއި ފައިސާ ގުނީ އަތުން ކަަމަށް ނަރީޝް ބުނެފައިވާއިރު ފައިސާ ގުނަން ހޭދަވި ވަގުތު އޭނާއަށް ބުނެދޭން ނޭގުނު ކަމަށްވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
"15.4 މިލިއަނަށްވުރެ ގިނަ ރުފިޔާއަކީ ވަރަށް ބޮޑު އަދަދެއްކަން އެނގެން އޮންނައިރު، އެ މިންވަރުގެ ފައިސާ އަތުން ގުނުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު އެނގޭ ކަމެއް. އެ ފައިސާ އަތުން ގުނުމަށް ވަރަށް ގިނަ ވަގުތު ހޭދަވާނެކަމީ ހަގީގަތެއްކަން އެނގެން އޮންނައިރު، ނަރީޝްގެ ހެކިބަހުގައި 15.4 މިލިއަނަށްވުރެ ގިނަ ރުފިޔާ އެއް ދުވަހަކު ދެ މަހައްލެއްގައި އަތުން ގުނި ކަމަށް ބުނެފައި، އެކަމަށް ހޭދަވި ވަގުތު ބުނެދޭން ނޭނގުމުން، މި މުއާމަލާތް ހިނގި ކަމަށް ބުނެ ނަރީޝް ދިން ހެކިބަހަކީ އުފައްދައިގެން ދިން، ހަގީގަތެއް ނެތް ހެކިބަހެއްކަން ހާމަވޭ،" ހުކުމުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު