މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ އާއި މާލޭގެ ދިހަ ސަރަހައްދެއްގައި ހިންގި އޮޕަރޭޝަނެއްގައި 6.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި 933،430 ރުފިޔާވެސް އެ އޮޕަރޭޝަނުގައި އަތުލައިގެންފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
އެ އޮޕަރޭޝަންގައި 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ހަމީދު ވިދާޅުވެފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިރޭ ވިދާޅުވީ އެ 17 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް މުއްދަތު ޖަހާފައިވާ ކަމަށެވެ.
އެ ހުރިހާ މީހުން ބަންދުގައި ބައިތިއްބަން ދިނީ 15 އާއި 30 ދުވަހުގެ މުއްދަތެއް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިން ފުލުހުން ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު އާންމުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު