އިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު އެނބުރި އައުން، ޓޮޓެންހަމަށް ޕޮއިންޓެއް

ގަތަރު ވޯލްޑް ކަޕް 2022 ގެ ފަހުން ކުޅުނު އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ޓޮޓެންހަމް އާއި ބްރެންޓްފޯޑް އެއްވަރުވެއްޖެއެވެ.

ބްރެންޓް ފޯޑު ދަނޑުގައި މިރޭ ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ނަތީޖާއާއެކު މިހާތަނަށް ލީގުގައި ކުޅުނު 16 މެޗުން 30 ޕޮއިންޓް ހޯދައިގެން ޓޮޓެންހަމް އޮތީ ހަތަރު ވަނައިގައެވެ. 16 މެޗުން 20 ޕޮއިންޓާއެކު ބްރެންޓްފޯޑް އޮތީ ނުވަ ވަނައިގައެވެ. މިރޭގެ މެޗަށް ބްރެންޓްފޯޑު ނުކުތީ 1948 ވަނަ އަހަރު ފަހުން ފުރަތަމަ ފަހަރަށް ޓޮޓެންހަމް ބަލި ކުރުމަށެވެ. އެޓީމުން އެކަން ހާސިލުކުރުމާ ގާތަށް ޖެހިލި ނަމަވެސް، ޓޮޓެންހަމުން ދެ ގޯލް ޖެހީ ފަހު 25 މިނެޓުގައެވެ.

މިރޭ މެޗުގެ 15 ވަނަ މިނެޓުގައި ވިޓަލީ ޖަނެޓްގެ ގޯލުން ބްރެންޓްފޯޑް ލީޑު ނެގިއެވެ. އޭނާ ގޯލް ޖެހީ މެތިއަސް ޖެންސަންގެ ހަމަލާ، ފްރޭސާ ފޯސްޓާ ޕަންޗުކޮށްލުމުން ލިބުނު ރީބައުންސް ބޯޅައިގައެވެ. ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ، ވޯލްޑް ކަޕްގައި ކުޅުނު ގިނަ ކުޅުންތެރިންތަކަކަށް ރެސްޓް ދީފައިވާ އިރު، ގޯލް ބެލެހެއްޓުމަށް އާންމުކޮށް ނުކުންނަ ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސްގެ ބަދަލުގައި މެޗަށް ނުކުތީ ފޯސްޓާއެވެ.

ދެވަނަ ހާފަށް ނުކުމެ، އިވާން ޓޮނޭ ޖެހި ގޯލުން ބްރެންޓް ފޯޑް ލީޑު ފުޅާކޮށްފައިވާ އިރު، އެ ގޯލަކީ މި ސީޒަނުގައި ޓޮނޭ ޖެހި 11 ވަނަ ގޯލެވެ.

މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ 65 ވަނަ މިނެޓުގައި އިންގްލެންޑް ކެޕްޓަން ހެރީ ކޭން، ޓޮޓެންހަމްއަށް ޖަހައިދިން ގޯލުންނެވެ. އެ ގޯލަކީ ކްލެމެންޓް ލެންގްލޭގެ ހުރަސް ބޮލުން ގޯލަށް ވައްދާލައިގެން ކޭން ޖެހި ގޯލެކެވެ. އެ ގޯލަށްފަހު ޓޮޓެންހަމްއިން ކުޅުން ރަނގަޅުކޮށް ހަމަލާތައް ގިނަކުރިއެވެ. ނަތީޖާއެއްގެ ގޮތުން 71 ވަނަ މިނެޓުގައި ޕިއޭ-އެމީލް ހޮއިބިއާގެ ގޯލާއެކު މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.

ޕްރިމިއާ ލީގުގެ އިތުރު މެޗުތައް މިރޭ ކުރިއަށް އޮތް އިރު، ލިވަޕޫލުން އެސްޓޮންވިލާއާ ދެކޮޅަށް ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ. މިރޭ މެންދަމު އާސެނަލުން ވެސްޓް ހަމްއާ ދެކޮޅަށް ނުކުންނާނެއެވެ.