މާލޭ ސަރަހައްދުގެ މަގުތަކުންނާއި ގޯޅިތަކާއި ޕާކުތައް އަދި މައިޒާންތަކުން ކުނިކަހައި ސާފުކޮށް، ކުނި ނެގުމުގެ މަސައްކަތް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ހުއްޓާލައިފިއެވެ.
ނަމަވެސް ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ވެމްކޯއިންނެވެ.
ވެމްކޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ކުންފުންޏާއި މާލޭ ސިޓީ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މާލޭ ސަރަހައްދުގެ މަގުތައް، ޕާކު އަދި މައިޒާންތަކުން ކުނި ނަގައި ސާފު ކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ފާއިތުވި ފަސް އަހަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލާއެކު ހަދާފައިވާ އެ އެއްބަސްވުމުގެ މުއްދަތު އިއްޔެ ހަމަވެފައިވާ ކަމަށާއި އަދި ސިޓީ ކައުންސިލުން އެއްބަސްވުން އާ ނުކުރަން ނިންމާފައިވާ ކަމަށެވެ.
އެއްބަސްވުން އާނުކޮށް މާލޭ ސަރަހައްދުގެ މަގުތައް، ޕާކު އަދި މައިޒާންތަކުން ކުނި ނަގައި ސާފު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަން ނިންމާފައިވާތީ، ވެމްކޯއިން އެ ހިދުމަތްތައް ފޯރުކޮށްދިނުން މިއަދުން ފެށިގެން ހުއްޓާލާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއަދުން ފެށިގެން ހިދުމަތް ދެމުންގެންދާނީ އެ ކުންފުނީގެ ހިދުމަތް ހޯދުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށް ވެމްކޯއިން ބުންޏެވެ.
މާލޭ ސިޓީ ކައުންސިލުން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިޓީ ކައުންސިލުން އެ ހިދުމަތްތަށް ދިނުމަށް ނިންމީ ހަރަދު ކުޑަކުރަން ކަމަށެވެ. މާލެ އާއި ވިލިމާލޭގެ މަގުތައް ކުނި ކަހައި ސާފުކޮށް ބެލެހެއްޓުމަށް މަހެއްގެ މައްޗަށް 2.5 މިލިއަން ރުފިޔާ ހަރަދުރާ އިރު، މަގުމަތީގައި ބަހައްޓާފައި ހުންނަ ކުނިތައް ގިނަވެ މަގުމަތީގައި ހިނގައިބިނގާވެ އުޅޭ މީހުންނާއި އުޅަނދު ދުއްވާ މީހުންނަށް ދަތި އުނދަގޫތަކެއް ކުރިވަމުންދާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ކުނިތައް މަގުތަކުން ނެގުން ލަސްވަމުންދާ ކަމުގެ ޝަކުވާވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ވެމްކޯއިން އެކަށީގެންވާ ގޮތެއްގައި އެ ހިދުމަތްތައް ފޯރުކޮށް ދެމުންނުދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް ވެމްކޯއިން އެ ބަޔާނާ ގުޅިގެން ބުނެފައިވަނީ ސިޓީ ކައުންސިލުން އެ ހިދުމަތްތައް ފޯރުކޮށްދޭނަމަ ހަރަދު ބޮޑުވާނެ ކަމަށެވެ. ވެމްކޯއިން ބުނެފައިވަނީ ސިޓީ ކައުންސިލުން އަމިއްލަ ހަރަދުގައި ކުނި ނެގުމުގެ މަސައްކަތް ކުރާނަމަ މަހަކު ހަރަދު ކުރަން ޖެހޭނީ 1.5 މިލިއަން ރުފިޔާ ކަމަށް އަންދާޒާކޮށް ހަރަދަށް 12 މިލިއަން ރުފިޔާ ހުށަހަޅާފައިވާ ކަމަށެވެ. އެ އަގުގައި މުވައްޒަފުންނަށް މުސާރަ ދީ، ކުނި ނަގަން ބޭނުންކުރާ ވެހިކަލްތައް މަރާމާތުކޮށް ކުނި ނައްތާ ނުލެވޭނެ ކަމަށް ވެމްކޯއިން ބުންޏެވެ.
ސިޓީ ކައުންސިލުން ވެމްކޯއާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް ހުށަހަޅެއްވީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ. ނަރީޝްގެ އެ ހުށަހެޅުއްވުން ފާސްވީ 12 މެމްބަރުންގެ އިއްތިފާގުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު