އަންނަ މަހުގެ 28ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކަންތައް ކުރިއަށްގެންދާ ކޮމެޓީ އެކުލަވައިލުމާބެހޭގޮތުން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ، ގައުމީ މަޖިލީހުން ނަގާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.

މިރޭ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ގައުމީ މަޖިލީހުގެ މެންބަރުންނަށް އެމްޑީޕީން ފޮނުވި ޖަލްސާގެ އެޖެންޑާގައި ވަނީ އެންމެ ދެ މަސައްކަތެވެ. އެއީ ރިޔާސަތުން މެންބަރުންނަށް ދޭން ބޭނުންވާ މައުލޫމާތު ހިއްސާކުރުމާއި، ރިޔާސީ ޕްރައިމަރީއަށް ގައުމީ މަޖިލީހުން ނަގާ ފަސް މެންބަރުންގެ ކޮމެޓީ ނެގުމުގެ މަސައްކަތް ކުރުމެވެ.

މިރޭ 8:30 ގައި ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާ އޮންނާނީ ތާޖުއްދީން ސްކޫލްގައެވެ.

ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް އެމްޑީޕީން ހުލުވައިލި ފުރުސަތު މިމަހުގެ 24 އަށް ހަމަވެފައިވާއިރު، ވިހިހާސް މެންބަރުންގެ ތާއީދާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ވަނީ ޕްރައިމަރީއަށް ފޯމު ހުށަހަޅުއްވައިފައެވެ. އެމަނިކުފާނާ ވާދަ ކުރެއްވުމަށްޓަކައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ 500 މެންބަރުންގެ ތާއީދާއެކު ފޯމު ހުށަހަޅުއްވައިފައެވެ.