ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ސާބިތުވި ރިޝްވަތު ހިފުމުގެ ކުށަށް އަށް އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑަރިންގެ ކުށަށް 11 އަަހަރުގެ ޖަލު ހުކުމެއް އިއްވުމަށް ދައުލަތުން ހުށަހަޅައިފިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ މި މައްސަލައިގައި، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.
އޭގެ އިތުރުން ރައީސް ޔާމީނަށް ރިޝްވަތު ދިން ކަމުގެ ކުށުގެ ދައުވާ، ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ކޮށްފައެވެ. އެ ކުށް އޭނާގެ މައްޗަށް ސާބިތުވާތީ އަށް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލާން އޭނާގެ މައްޗަށް ހުކުމް ކުރުމަށްވެސް ދައުލަތުން ވަނީ އެދިފައެވެ.
އެ މައްސަލަތަކުގެ ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި އެ އެމީހުންނަށް ކުށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ކަޑައެޅުއްވުމަށްފަހު އަދަބާ ބެހޭގޮތުން ވާހަކަދެއްކުމަށް ފުރަތަމަ ދައުލަތަށް ފުރުސަތު ދެއްވިއެވެ.
އަދަބާ ބެހޭގޮތުން ވާހަކަދައްކަވަމުން ޕަބްލިކް ޕްރޮސިކިއުޓާ އައިމިނަތު ޝާމާ ނަސީރު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތު ގަބޫލުކުރުމުގެ ކުށަކީ ޖިނާއަތުގެ ތިންވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުށަށް ކަނޑައެޅޭނެ އަސާސީ އަދަބަކީ ތިން އަހަރާއި ދެމަހާއި 12 ދުވަހަށް ޖަލަށްލުން ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އަދަބު މަތި ކުރެވޭނެ ހާލަތްތައް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެގޮތުން އާއްމު މުއައްސަސާއަކާ މެދު ނުވަތަ އާއްމު ހިދުމަތަކާ މެދު އާއްމުންގެ މެދުގައި އޮންނަ އިތުބާރު އެކަށީގެންވާ މިންވަރަށް ގެއްލުވާލާފައިވާ އަމަލެއްނަމަ ކުށުގެ އެއް ދަރަޖަ މަތިކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އެ ކުށަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް (އިންސްޓިޓިއުޝަން) ބޭނުން ކުރުމުގެ އިތުރުން މިނިސްޓްރީތަކާއި، އެ މިނިސްޓްރީތަކުގެ ބާރުތައްވެސް ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ކޮރަޕްޝަންގެ ކުށްތަކާ ގުޅިގެން ގާނޫނުލް އުގޫބާތުގައި މަންފާއަކީ ކޮބައިކަން މާނަކޮށްދީފައިވާ ކަމަށާއި، "އޭގެ ތެރޭގައި ކިތަންމެ ކުޑަ މަންފާއެއްވެސް އެބަ ހިމެނޭ، އެހެންކަމުން ރިޝްވަތުގެ ކުށަކީ މަންފާއެއްގެ ގޮތުގައި ކިތަންމެ ކުޑަ މާއްދީ އަދި މާއްދީ ނޫން މަންފާއެއް ހޯދި ނަމަވެސް ފުރިހަމަވާނެ ކުށެއް، ފައިސާގެ އަދަދުން ބަލާނަމަ މި މައްސަލައިގައި މި ހިމެނެނީ އެއް މިލިއަން ރުފިޔާ، އެއް ރުފިޔާ ނަމަވެސް ރިޝްވަތުގެ ކުށް ފުރިހަމަވާނެ، އެހެންކަމުން މިއީ ގާނޫނުލް އުގޫބާތުގެ ދަށުން ތިން ދަރަޖަ މަތި ކުރެވޭނެ ހާލަތެއް، ރިޝްވަތުގެ ކުށަކީ އާއްމު މަސްލަހަތާ ގުޅިފައިވާ ކުށެއް މަގާމުގެ ބޭނުންކޮށްގެން ހޯދާފައިވާ ފައިސާގެ ނިސްބަތުން ޕަބްލިކު ކޮންފިޑެންސް ގެއްލޭ މިންވަރު އެބަ އިތުރުވޭ، މިފަދަ ކޮރަޕްޝަންގެ މައްސަލަތަކުގެ ސަބަބުން ދިވެހި ކޮންމެ ރައްޔިތަކަށް އަދި ދިވެހި ދައުލަތަށް ގެއްލުންވޭ، މިފަދަ ކުށް ކުށުން ލިބޭ ގެއްލުމަކީ އަންދާޒާވެސް ނުކުރެވޭ އަދި އިއާދަވެސް ނުކުރެވޭ ގެއްލުންތަކެއްކަން ދައުލަތުން ފާހަގަކުރަން،،"
ގާނޫނުގެ އާއްމު މަގުސަދުތަކުގެ ތެެރެއިން ގާނޫނު ހުއްދަކުރާ އަދަބެއް ދިނުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވާ ކަން ފާހަގަކުރައްވައި ޝާމާ ވިދާޅުވީ، ރިޝްވަތުގެ މައްސަލައިގައި، ދައުލަތުން އެދެނީ ގާނޫނުލް އުގޫބާތުގައި އެކަމަށް ކަޑައަޅާފައިވާ އެންމެ ބޮޑު އަދަބު ކަމަށްވާ އަށް އަހަރުގެ ޖަލު ހުކުމެއް، ޔާމީނާއި ޔޫސުފް ނައީމަށް ކަނޑައަޅައި ދިނުމަށް ކަމަށެވެ. އަދި ވިދާޅުވީ އެފަދަ މަގާމުތަކުގައި ތިބެގެން ކުރާ އެފަދަ ކަންކަން ހުއްޓުވޭނީ ހަރުކަށި އަދަބު ދީގެން ކަމަށެވެ.
މަނީ ލޯންޑާކުރުމުގެ ކުށަށް ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައިދެއްވުމަށް ހުށަހަޅުއްވަމުން ޝާމާ ވިދާޅުވީ، އެއީ އެ ފައިސާ ބޭނުންކޮށްގެން މަންފާއެއް ހޯދުމަށް ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.
ރިޝްވަތުގެ ފައިސާ ބޭނުންކޮށްގެން ރައީސް ޔާމީން އެ ކުށް ކޮށްފައިވަނީ، ދައުލަތުގެ އެންމެ އިސް މަގާމުގައި ހުރެ، ރައްޔިތުންނާއި ދައުލަތުގެ މަސްލަހަތަށް ނުބަލައި، އަމިއްލަ މަސްލަހަތާއި އަމިއްލަ މަންފާ އިސްކޮށްގެން، ގާނޫނުއަސާސީގެ ޒިންމާތަކަށް ފަރުވާލެއްނެތި ރައީސް ޔާމީންގެ ވެރިކަމުގައި ފާސްކޮށްފައިވާ ގާނޫނެއްގެ ދަށުން ކަމަށާއި، އެ ހާލަތުގައި އަދަބު މަތިކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ގާނޫނުގައި ބަޔާންކުރާ ތިން ހާލަތު އެކަމުގައި ފުރިހަމަވާތީ ކޮންމެ ހާލަތަކަށް ދެ އަހަރު ދުވަހުގެ ނިސްބަތުން ދެ އަހަރު ދުވަސް އިތުރުކޮށް، އެހެންކަމުން މަނީ ލޯންޑާގެ ކުށަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަބު ކަމަށްވާ ފަސް އަހަރުގެ މުއްދަތުގެ ތެރެއަށް ހަ އަހަރު ދުވަސް އިތުރުކޮށް 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީނަށް ކަނޑައަޅައި ދިނުމަށްވެސް އޭނާ ހުށަހެޅުއްވިއެވެ.
މީގެ އިތުރުން ލޯންޑާ ކުރަން ބޭނުންކުރި ފައިސާއަށް ފަސް ގުނަ އިތުރުކޮށް ޖޫރިމަނާކުރުމަށް ވެސް ދައުލަތުން ހުށަހެޅިއެވެ.