ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި 11 އަހަރަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ޖަލަށް ލުމަަށް ހުކުމް ކޮށްފިއެވެ.
މީގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށްވެސް ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންވާނެ ކަމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އާރަށު މައްސަލައިގައި، ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން ކުރިއެވެ. އެއީ ރިޝްވަތު ހިފުމުގެ ދައުވާ އާއި މަނީ ލޯންޑާ ކުރުމުގެ ދައުވާއެވެ.
އޭގެ ތެރެއިން ރިޝްވަތުގެ ކުށުގެ އަދަބެއްގެ ގޮތުން ހަތަރު އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ. އެ ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ކޯޓުން ހުކުމްކުރީ އަދަބުގެ މިންވަރު އެއް ދަރަޖަ އިތުރުކުރުމަށްފަހުއެވެ. އެއީ އެ ކުށް ހިންގެވި އިރު، ޔާމީނަކީ ރައީސްގެ މަގާމުގައި ހުންނެވި ފަރާތަށްވާތީ އާއި އެ ކުށުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވެފައިވާތީ ކަމަށް ހުކުމުގައި ބުންޏެވެ.
މަނީލޯންޑާ ކުރުމުގެ ކުށުގައި ޔާމީނަށް ވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް ލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ޔާމީނަށް ހުކުމްކުރީ އަދަބުގެ މިންވަރު އެއް ދަރަޖަ ބޮޑުކުރުމަށްފަހުއެވެ. އެއީ އެމަނިކުފާނު ކުށް ކުރެއްވި އިރު، ރާއްޖޭގެ ރައީސްގެ މަގާމުގައި ހުންނެވުމުންނާއި ކުށް ކުރައްވާފައިވަނީ ފައިދާ ހޯއްދެއްމުގެ ބޭނުމުގައި ކަމަށް ވުމުންނާއި ޔާމީން ކުރެއްވި އެ ކުށުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވެފައިވާތީ ކަމަށް ހުކުމުގައި ބުންޏެވެ.
ޔާމީންގެ މައްޗަށް ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމަށްފަހު ޝަރީއަތުން ވަނީ އަދަބާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދެ ފަރާތަށް ވެސް ދީފައެވެ. ދައުލަތުން އެދިފައިވަނީ ޔާމީންގެ މައްޗަށް 19 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ.
ދައުލަތުން ވިދާޅުވީ، ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތު ގަބޫލުކުރުމުގެ ކުށަކީ ޖިނާއަތުގެ ތިންވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުށަށް ކަނޑައެޅޭނެ އަސާސީ އަދަބަކީ ތިން އަހަރާއި ދެމަހާއި 12 ދުވަހަށް ޖަލަށްލުން ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އަދަބު މަތި ކުރެވޭނެ ހާލަތްތައް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެގޮތުން އާއްމު މުއައްސަސާއަކާ މެދު ނުވަތަ އާއްމު ހިދުމަތަކާ މެދު އާއްމުންގެ މެދުގައި އޮންނަ އިތުބާރު އެކަށީގެންވާ މިންވަރަށް ގެއްލުވާލާފައިވާ އަމަލެއްނަމަ ކުށުގެ އެއް ދަރަޖަ މަތިކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އެ ކުށަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް (އިންސްޓިޓިއުޝަން) ބޭނުން ކުރުމުގެ އިތުރުން މިނިސްޓްރީތަކާއި، އެ މިނިސްޓްރީތަކުގެ ބާރުތައްވެސް ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންވެ ދައުލަތުން އެދުނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި ޔާމީން އަށް އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ.
މަނީ ލޯންޑާކުރުމުގެ ކުށަށް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައިދެއްވުމަށް ހުށަހަޅުއްވަމުން ދައުލަތުން ވިދާޅުވީ، އެއީ އެ ފައިސާ ބޭނުންކޮށްގެން މަންފާއެއް ހޯދުމަށް ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.
ރިޝްވަތުގެ ފައިސާ ބޭނުންކޮށްގެން ޔާމީން އެ ކުށް ކޮށްފައިވަނީ، ދައުލަތުގެ އެންމެ އިސް މަގާމުގައި ހުރެ، ރައްޔިތުންނާއި ދައުލަތުގެ މަސްލަހަތަށް ނުބަލައި، އަމިއްލަ މަސްލަހަތާއި އަމިއްލަ މަންފާ އިސްކޮށްގެން، ގާނޫނުއަސާސީގެ ޒިންމާތަކަށް ފަރުވާލެއްނެތި ރައީސް ޔާމީންގެ ވެރިކަމުގައި ފާސްކޮށްފައިވާ ގާނޫނެއްގެ ދަށުން ކަމަށާއި، އެ ހާލަތުގައި އަދަބު މަތިކުރަންޖެހޭ ކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ.
ޔާމީނަށް ރިޝްވަތު ދިން ކަމުގެ ކުށުގެ ދައުވާ، ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ސާބިތުވެފައިވާތީ އޭނާ ތިން އަހަރާއި 12 ދުވަހަށް ޖަލަށް ލުމަށްވެސް ވަނީ ހުކުމްކޮށްފައެވެ. އޭނާއަށް ކުށުގެ އަސާސީ އަދަބުގެ ހުކުމެއްކުރީ އޭނާގެ މައްސަލައަށް ބަލާއިރު އަދަބުގެ މިންވަރު ދަށް ކުރެވޭނެ ހާލަތެއް އަދި މަތި ކުރެވޭނެ ހާލަތެއް ވެސް ނެތުމުންކަމަށް ހުކުމުގައި ބުންޏެވެ.
މި މައްސަލަ ބެއްލެވީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލެވެ.