އިންގްލެންޑްގެ މިޑްފީލްޑަރު ކެލްވިން ފިލިޕްސް ވޯލްޑް ކަޕުން އެނބުރި އައި އިރު، ހުރީ އަނިޔާއެއްގައި ނޫން ނަމަވެސް މާބޮޑަށް ބަރުކޮށް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މި ސީޒަނަށް ސިޓީއަށް ބަދަލުވެ، އަނިޔާގެ ސަބަބުން އަދި އެންމެ އެކަށޭނެ ކުޅުމެއް ކުޅެފައި ނުވާ ފިލިޕްސްއަށް އިންގްލެންޑް ކޯޗު ގެރެތު ސައުތުގޭޓް، އިންގްލެންޑް ޓީމުގެ ސްކޮޑުން ޖާގަ ދިނީ އަނިޔާއިން ރަނގަޅުވެ، އެނބުރި ދަނޑު މައްޗަށް ނުކުމެވޭނެ ކަމަށް ބަލައިފައެވެ. ފިލިޕްސް ވޯލްޑް ކަޕްގެ މެޗެއްގައި ކުޅެފައިވެސް ވެއެވެ. ނަމަވެސް ސިޓީގެ ތަމްރީނުތަކަށް އަދި ނުނިކުމެއެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަމުން ކޯޗު ގާޑިއޯލާ ބުނީ ފިލިޕްސް ހުރީ މާބޮޑަށް ބަރުވެ "އޯވާ ވެއިޓް" ވެފައި ކަމަށެވެ.

"ފިލިޕްސް ނުފެންނާނެ ކުރިއަށް އޮތް މެޗުގައިވެސް. އޭނާ ހުރީ އަނިޔާގައެއް ނޫން. އެކަމަކު އެނބުރި އައީ މާބޮޑަށް ބަރުކޮށް. ފިޓްކޮށެއް ނޫން ހުރީ ތަމްރީނުތަކަށް ނުކުންނަންވެސް،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ފިލިޕްސް ޓީމާއެކު ތަމްރީނުތައް ކުރިއަށް ނުގެންދިޔަ ނަމަވެސް، އަމިއްލައަށް މިހާރުވެސް އެކަނި ތަމްރީނުތައް ފުރިހަމަ ކުރަމުންދާ ކަމަށެވެ. އަދި ފިލިޕްސް ތައްޔާރުވިހާ އަވަހަކަށް ދަނޑުމަތިން ފެންނާނެ ކަމަށާއި ސިޓީއަށް ފިލިޕްސް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

ފިލިޕްސް ވޯލްޑް ކަޕްގައި އިންގްލެންޑަށް ކުޅެފައި ވަނީ އެ ޓީމުން ފްރާންސާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗުގައެވެ. އެ މެޗުގެ ކުޑަ ވަގުތުކޮޅެއްގައި ކުޅުމަށްފަހު ފިލިޕްސް ދިޔައީ 10 ދުވަހުގެ ޗުއްޓީއަކަށެވެ. ސިޓީގެ ތަމްރީނުތަކަށް ވޯލްޑް ކަޕްގައި ކުޅުނު ގިނަ ކުޅުންތެރިން ތަމްރީނުތަކަށް ނުކުތީ މިދިޔަ ހަފުތާގައެވެ.