ގަތަރު ވޯލްޑް ކަޕް 2022 ގައި މޮރޮކޯ ޓީމުން ވިދާލީ އައްޒެދީން އޮނާހީ ހޯދަން ބޮޑެތި ކްލަބުތަކަކުން ހުށަހަޅައިފިއެވެ.
ގަތަރުގައި ކާމިޔާބުކަމާއެކު ނިމިގެންދިޔަ ވޯލްޑް ކަޕްގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ޓީމަކީ މޮރޮކޯއެވެ. އެ ގައުމުން ވަނީ ސެމީ ފައިނަލްގައި ކުޅެ ތާރީހު ލިޔެލައިފައެވެ. މޮރޮކޯއަކީ ވޯލްޑް ކަޕެއްގެ ސެމީ ފައިނަލްގައި ކުޅުނު އެފްރިކާގެ ފުރަތަމަ ގައުމެވެ. އަދި އެ ގައުމުން ވަނީ ވޯލްޑް ކަޕްގައި ސްޕެއިނާއި ޕޯޗުގަލްގެ އިތުރުން ބެލްޖިއަމްވެސް ބަލިކޮށްފައެވެ.
މޮރޮކޯގެ ޓީމުން ވޯލްޑް ކަޕްގައި އެންމެ ފާހަގަކޮށްލެވުނު އެއް ތަރިއަކީ ފްރާންސްގެ އޭންޖާސްއަށް ކުޅެމުން އަންނަ އޮނާހީއެވެ. އުމުރުން 22 އަހަރުގެ މިޑްފީލްޑަރު އޮނާހީގެ މޮޅު ކުޅުން ވަރަށް ބޮޑަށް ފާހަގަވެފައިވާ އިރު، ވޯލްޑް ކަޕަށްފަހު އޭނާއަށް ގިނަ ބިޑްތަކެއް ދަނީ ލިބެމުންނެވެ.
"ވަރަށް ގިނަ ބޮޑެތި ކްލަބުތަކުން އޮނާހީއަށް ބިޑްތައް ހުށަހަޅައިފި. ހާއްސަކޮށް ޔޫރަޕްގެ ބޮޑެތި ކްލަބުތަކުންވެސް އޭނާ ހޯދަން ދަނީ މަސައްކަތް ކުރަމުން. ސީދާ ވަކި ކްލަބެއްގެ ނަން ބުނަން ބޭނުން ނަމަވެސް، ނަޕޯލީ ކަހަލަ ކްލަބުތައްވެސް ހިމެނޭ،" އޭންޖާސްގެ ރައީސް ސައީދު ޗަބާނޭ ވިދާޅުވިއެވެ.
ވޯލްޑް ކަޕަށްފަހު އޮނާހީވެސް ވަނީ ކުރިމަގަށް ގޮތެއް ނިންމުމާ ގުޅޭގޮތުން ވާހަކަ ދައްކައިފައެވެ. އޭނާ ބުނީ ގިނަ ކްލަބުތަކަކުން ހުށަހެޅުންތައް ލިބިފައިވާ ކަމަށާއި ދެން ނިންމަން އޮތް ނިންމުމަކީވެސް ކެރިއަރުގައި މުހިއްމު ނިންމުމަކަށްވާނެ ކަމަށެވެ.
"މިއަދު އެބަ އޮތް ބައިވަރު ކްލަބުތަކެއްގެ ހުށަހެޅުން. އަހަންނަށް ނިންމަންޖެހޭ މުހިންމު ނިންމުމެއް ދެން އޮތީވެސް. އެއީ ރަނގަޅު ނިންމުމަކަށް ވާންޖެހޭނެ. އަދި ނޭނގޭ އޭންޖާސް ދޫކޮށްލާނެ ވަކި އިރެއް. މި ޖެނުއަރީގައިތޯ ނޫނީ ސީޒަނަށްފަހުގައިތޯވެސް އަދި ނުނިންމަން. އެކަމަކު ޓްރާންސްފާއަކަށް މަސައްކަތް ކުރަމުން މިދަނީ،" އޮނާހީ ބުންޏެވެ.
އޮނާހީގެ އިތުރުންވެސް މޮރޮކޯގެ ވޯލްޑް ކަޕް ތަރިންނަށް ބޮޑެތި ކްލަބުތަކުން ދަނީ ލޯ އަޅަމުންނެވެ. އެގޮތުން މީގެ ކުރިން ސްޕެނިޝް ލީގުގައި ކުޅެ، މިހާރު އިޓަލީގެ ފިއޮރެންޓީނާއަށް ކުޅެމުންދާ ސުފިޔާން އަމްރަބަތު ހޯދަންވެސް ބޮޑެތި ކްލަބުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭނާގެ އެޖެންޓް ވަނީ ގިނަ ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށްވެސް ބުނެފައެވެ.